
ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ ދިރާގުން ހައިސްޕީޑް އިންޓަނެޓް މުޅިން އައު ހަރުފަތަކަށް ގެންގޮސް ފުރަތަމަ ފަހަރަށް ގިގަބިޓް ސްޕީޑުގައި 1 ޖީ.ބީ.ޕީ.އެސް އާ ހަމައަށް ދެވޭ އިންޓަނެޓްގެ ޚިދުމަތް ރާއްޖޭގެ ގޭބިސީތަކަށް ތަޢާރަފުކޮށްފި އެވެ.

ދިރާގުން ބުނި ގޮތުގައި މިއީ ދިރާގުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހައިސްޕީޑް ފައިބަރ އިންޓަރނެޓް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ލަނޑުދަނޑިއެކެވެ. މި ލަނޑުދަނޑި ފާހަގަ ކުރުމުގެ ގޮތުން ދިރާގުން ވަނީ މިއަދު ހެނދުނު ދިރާގު ހެޑް އޮފީހުފައި ޚާއްޞަ ހަފްލާއެއް ބާއްވާފަ އެވެ. މި ހަފުލާ ޝަރަފުވެރިކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ އެންޑް މުހައްމަދު މަލީހް ޖަމާލް އެވެ.
ދިރާގުން ބުނި ގޮތުގައި ދިވެހި ރައްޔިތުންނަށް އެންމެ ޒަމާނީ މުވާސަލާތީ އަދި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދިނުމަކީ ދިރާގުން އެންމެ އިސްކަމެއް ދީގެން ކުރާ މަސައްކަތެވެ. އެގޮތުން ދިރާގުން ކުރިއަށް ގެންދާ “ޑިޖިޓަލް ރާއްޖެ” ޕްރޮގްރާމްގެ ދަށުން މާލެއެކޭ ތަފާތެއްނެތި ރާއްޖޭގެ ގިނަ ރަށްތަކަކަށް، ނެޓްވާރކް ފުޅާކޮށް ކުރު މުއްދަތެއްގެ ތެރޭގައި މުޅިރާއްޖޭގެ ގޭބިސީގެ %75 އަށް ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑް އިންޓަރނެޓް ވަނީ ފޯރުކޮށްދީފައެވެ.
ގިގަބިޓް ސޕީޑްގައި 1ޖީ.ބީ.ޕީ.އެސް އާހަމައަށް އިންޓަރނެޓްގެ ޙިދުމަތް ރާއްޖޭގެ ގިނަ ރަށްތަކަކަށް، އެއްފަހަރާ ތަޢާރަފް ކުރެވިގެންދާނެއެވެ. މި ޙިދުމަތް ގާއިމުކުރެވިފައިވާ ރަށްތަކުގެ ތެރޭގައި، މާލެ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ހދ. ކުޅުދުއްފުށި، ބ. އޭދަފުށި، ލ. ގަން، ލ. ފޮނަދޫ އަދި އދ. ދަނގެތި ހިމެނެއެވެ.
1ޖީ.ބީ.ޕީ.އެސް އިންޓަރނެޓަކީ، ބަދަލުވަމުންދާ ޒަމާނުގައި ދިވެހިންގެ ޑިޖިޓަލް މުސްތަޤްބަލަށް ވާސިލް ވުމަށް ލިބޭ އިންގިލާބީ ކުރިއެރުމެއް ކަމަށް ދިރާގުން ބުންނެވެ. ގިގަބިޓް ސްޕީޑް އިންޓަނެޓް އަކީ މިހާރު ލިބޭ އެންމެ ބާރު ސްޕީޑް ކަމަށްވާ 100އެމް.ބީ.ޕީ.އެސް އާ އަޅާ ބަލާއިރު 10ގުނަ ބާރު ސްޕީޑެކެވެ.