ބ. ގޮއިދޫގައި ކުރިއަށް ގެންދާ ކަސްރަތު ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށްދާ ކަމަށް އެރަށުގެ ސްޕޯޓްސް ކައުންސިލަރު ޝަފްނާ އިބްރާހިމް ވިދާޅުވެއްޖެ އެވެ.
“އީޓީ” އާ ވާހަކަ ދައްކަވަމުން ޝަފްނާ ވިދާޅުވީ މި ކަސްރަތު ޕްރޮގްރާމުގެ ބައިވެރިންގެ ފަރާތުން މިކަމަށް ވަރަށްބޮޑަށް ޝައުގުވެރިކަން ހުރިކަން ފާހަނގަ ވެގެން ދިޔަކަމަށެވެ.
“ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފަ ހުރި ކަމެއްކަން ފާހަގަވި މި ޕްރޮގްރާމް ފެށުމާއި އެކުވެސް” ޝަފްނާ ވިދާޅުވި އެވެ.
ޖުމްލަ 63 ބައިވެރިންނާއެކު ކުރިއަށް ގެންދާ ދުޅަހެޔޮ ކަސްރަތު ޕްރޮގްރާމް މިދިޔަ ރޯދަމަހު ތިން ހަފްތާ ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި ޖޫންމަހުގެ 13 ން ފެށިގެން 4 ހަފްތާއަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޝަފްނާ ވިދާޅުވިއެވެ.
ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައުއެއް ބިނާކުރުމުގެ ސިޔާސަތުގެ ދަށުން ކޮންމެ ރަށެއްގައި ކަސްރަތަށް އަހުލުވެރި ކުރުވަން ސްޕޯޓްސް ކައުންސިލަރެއްގެ ޚިދުމަތް ދިނުމަކީ ރައީސް އިބްރާޙީމް ސޯލިހުގެ ވަޢުދެކެވެ.