
ވީ މީޑިއާގެ ފިލްމު “ދައުވަތު” އަންނަ ބުރާސްފަތި ދުވަހުގެރޭ އޭދަފުށީގައި ދައްކާ ގޮތަށް ހަމަޖައްސައިފި އެވެ.
ފިލްމު އޭދަފުށީގައި އެޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކްލަބް ދަ ބިގިނާސް (ޓީބީ) އިން ބުނީ އޭދަފުށީ މަލްޓިޕާޕަސް ހޯލުގައި “ދައުވަތު” އަންނަ ބުރާސްފަތި ދުވަހުގެ ރޭ އެޅުވުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޓިކެޓް މިހާރު ވިއްކަމުންދާ ކަމަށެވެ. ގުޅަން ޖެހޭ ހޮޓްލައިނަކީ 7904426 އެވެ.
ވީ މީޑިއާގެ ފުރަތަމަ ފީޗާ ފިލްމު “ދައުވަތު” އަކީ މަޝްހޫރު އެކްޓަރު ޔޫސުފް (ޔޫއްޕެ) ޝަފީއު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މިއީ ދެމަފިރިއަކު ދުރުކުރަން ސިހުރު ހެދުމުން ކުރިމަތިވާ ބިރުވެރި ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ.
“ދައުވަތު” ގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ އަހުމަދު (އާނަންދު) އީސަ އާއި މަރިޔަމް އައްޒަގެ އިތުރުން އަލީ (ދޮންއައްޔަ) އާޒިމެވެ.
މި ފިލްމަކީ ޓީބީން މި އަހަރު އޭދަފުށީގައި އަޅުވާ ތިން ވަނަ ފިލްމެވެ.