އުއްމީދުކުރަނީ ފެހެންދޫ ރައްޔިތުންނަށް ހައްގުވާ މިންވަރު ލިބޭނެ ކަމަށް: މޫސާ ނަސީމް

ބ. ފެހެންދޫ

ބ. ފެހެންދޫ ބަނދަރު ހެދުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށާއި މި ހުވަފެން ކާމިޔާބު ކުރުމަށްޓަކައި ކައުންސިލުން ކުރެވެން ހުރި ކަންކަން ކުރާނެ ކަމަށް ކައުންސިލްގެ ރައީސް މޫސާ ނަސީމް ވިދާޅުވެއްޖެ އެވެ.

ކައުންސިލްގެ ރައީސް މިހެން ވިދާޅުވީ ބަނދަރު ހެދުމުގެ މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކުރުމާއި ގުޅިގެން އީޓީ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މި ބަނދަރަކީ ފެހެންދޫއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި މި ކަމުގެ ސަބަބުން ރައްޔިތުންނަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވަރަށް ބޮޑެތި ފައިދާތަކެއް ވާނެކަމަށް ވެސް މޫސަ ވިދާޅުވިއެވެ. އަދި ހާއްސަކޮށް ގެސްޓު ހައުސް ވިޔަފާރި ކުރިއަރަމުންދާ މި ދެރަށުގައި ރަށާއި ރައްޓެހި ގޮތަކަށް ފަރުމާކުރެވިފައިވާ މި ހިތްގައިމު ބަނދަރު ހެދިގެން ދިއުމަކީ ރަށަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމެއްކަންވެސް ފާހަގަ ކުރެއްވިއެވެ.

“ވޭތުވެ ދިޔަ ސަރުކާރުތަކުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމެއް އަސްލު މިއީ. ވޭތުވެ ދިޔަ ސަރުކާރުގަވެސް ޖެޓީއެއްގެ މަޝްރޫއު ފެށި. ނަމަވެސް އެކި އެކި ސަބަބުތަކާއި ހެދި އެކަންވެސް ކާމިޔާބެއް ނުވި. އަޅުގަނޑު އުއްމީދު ކުރަނީ މިފަހަރު ފެހެންދޫ ރައްޔިތުންނަށް ހައްގުވާ މިންވަރު ލިބޭނެ ކަމަށް،” މޫސާ ވިދާޅުވި އެވެ.

ބ. ފެހެންދޫ

މޫސަ ވިދާޅުވީ މިފަދަ ބަނދަރެއް ފެހެންދޫގައި ހެދުމަށްޓަކައި އެމްޓީސީސީ އާއި ހަވާލުކުރެއްވި ކަމަށްޓަކައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުއަށާއި ނައިބުރައީސް ފައިސަލް ނަސީމް އަދި ތުޅާދޫ ދާއިރާގެ މަޖިލިސް މެމްބަރު ހިސާން ޙުސައިން އަށް ޝުކުރު ދަންނަވާކަމަށެވެ.

މޫސާ ވިދާޅުވީ މި ބަނދަރު ހެދުމުގެ މަޝްރޫއުގެ އިތުރުން ސްކޫލް ކުދިންގެ ފެރީގެ ނިޒާމް ހަރުދަނާ ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި އަދި ފެހެންދޫގައި ރަގަޅު ފެންވަރެއްގެ މިސްކިތެއް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރަށް ތަރައްގީ ކުރުމަށް ސަރުކާރާއި ގުޅިގެން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެ ކަމަށްވެސް މޫސަ ވިދާޅުވި އެވެ.

ފެހެންދޫ އަދި ފުޅަދޫގެ ބަނދަރު ހެދުމަށް އެމްޓީސީސީއާ އެކު ސޮއިކޮށްފައިވަނީ އިއްޔެ މެންދުރު ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ރަސްމިއްޔާތުގައި މި ދެރަށުގެ އިތުރުން ށ. ފީވަކުގެ ބަނދަރު ހެދުމުގެ އެއްބަސް ވުމުގައިވެސް އެ ކުންފުންޏާއެކު ވަނީ ސޮއިކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.