
ސަރުކާރުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ އޭދަފުށީ ބިންހިއްކުމުގެ މަޝްރޫއުން ތިމާވެއްޓަށް އެންމެބޮޑު ގެއްލުމެއް ލިބޭނީ ރަށުގެ ފަރަށް ކަމަށާއި އަދި ހިއްކާ ސަރަހައްދުގައި ހުރި ދިރޭ މުރަކަތައް މުޅިންހެން ހަލާކުވެގެން ދާނެކަމަށް މި މަޝްރޫއުން ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކޮށް ހުށަހަޅުއްވަން ޖެހޭ ރިޕޯޓު (އީއައިއޭ) ގައި ބުނެފިއެވެ.
ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ވޯޓާ ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށް ތައްޔާރުކޮށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ މި ރިޕޯޓްގައި ބުނެފައިވަނީ މިރަށުގެ ދެކުނާ އަދި އިރުމަތީ ފަރާތުން 25.79 ހެކްޓަރުގެ ބިންހިއްކައި އަދި ބައެއް ސަރަހައްދުތަކުގައި ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހެދުނު ދިރާސާތަކުން މި މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ފުދޭވަރެއްގެ ގެއްލުންތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ރަށުގެ އުތުރު ފަރާތުގެ ފަރަށް ނުސީދާގޮތުން އަސަރުކުރާނެ ކަމަށާއި އަދި ކައިރީގައި އޮންނަ ސޮނެވާފުށީ ރިސޯޓްގެ ފަރަށް ވެސް ނުސީދާގޮތުން އަސަރުކުރުމަކީ އެކަށީގެންވާކަމެއް ކަަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.
“ބިން ހިއްކާއިރު އުފެދޭ ކިސަޑުގަނޑު ގެ ސަބަބުން ފަރުގެ ދުރު ހިސާބުތަކުގައިހުރި ދިރޭ މުރަކައަށާއި ފަޅުން އެންދަމާ މަސްވެރިންނަށް މިކަމުގެ ސަބަބުން ކޮންމެވެސް ވަރަކަށް އަސަރުކުރާނެ އެވެ. އަދި މި ކިސަޑު ގެ ސަބަބުން ސޮނެވާފުށީގެ ފަރަށް ފީނުމަށާއި ސްނޯކްލިންއަށްދާ ފަތުރުވެރިންނަށްވެސް މިކަމުން ނޭދެވޭ އަސަރު ކުރާނެއެވެ.” 129 ސަފްހާގެ އެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
އެހެން ނަމަވެސް މި މަޝްރޫއުގެ ސަބަބުން ލިބޭ ފައިދާތައް ނުހަނު ގިނަވެފައި އޭގެ އަސަރު އެތައް ރައްޔިތުންނަށްކަށް ކުރާނެ ކަމަށްވެސް އީއައިއޭ ރިޕޯޓްގައި ފާހަގަކޮށްފައި ވެ އެވެ. އެގޮތުން މިރަށަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް ލުއިކަމެއް ލިބުމުގެ އިތުރުން ރަށުގެ ދެކުނުފަރާތު ކޮޅުން ގިރާ ސަރަހައްދަށް މި މަޝްރޫއުގެ ސަބަބުން އެތައް ލުޔެއް ލިބި ގޮނޑުދޮށް ވެސްހިމާޔަތްވެސް ކުރެވޭނެ ކަމަށް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
އެ ރިޕޯޓްގައި ބުނާގޮތުން ބިން ހިއްކުމުގެ މަޝްރޫއު ތަކަކީ ތިމާވެއްޓަށް ވަރަށް ބޮޑެތި ގެއްލުން ތަކެއް ލިބޭ މަސަތްކަތެއްނަމަވެސް މިކަމުގެ ސަބަބުން ލިބޭ ގެއްލުމުގެ އަނެއް ކޮޅުގައި އެތައް އިޖްތިމާއީ ފައިދާތަކެއް ވާތީއާއި ރާއްޖެކަހަލަ ކުޑަކުޑަ ޖަޒީރާ ގައުމެއްގައި، ބައެއް ހާލަތްތަކުގައި މިއީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ނަމަވެސް ބިން ނުހިއްކާ ރަށްތައް ތަރައްގީ ކުރެވޭނެތޯ ނުވަތަ ނޫންތޯ ބެލުންވެސް މުހިއްމުކަން އެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
ހައުސިން މިނިސްޓްރީގެ އެދިވަޑައިގަތުމަށް ތައްޔާރުކޮށްފައިވާ އީއައިއޭ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި މި މަޝްރޫއުގެ ސަބަބުން ލިބޭ އިޖުތިމާއީ ފައިދާއަށް ބެލުމަށްފަހު، މަޝްރޫއު ކުރިއަށް ގެންދިއުމަކީ މިހާރަށް މުހިންމު އަދި އެންމެ ރަނގަޅު ކަމެކެވެ.
ނަމަވެސް މި މަޝްރޫއު ނިމުމަށްފަހު އޭދަފުށީގެ ފަޅު މުޅިންހެން ފުރޭނެކަމަށާއި އެހެންކަމުން “ބޮޑުމަންޒަރު” ފެންނަ ގޮތުގައި މި މަޝްރޫއުގެ ސަބަބުން ކުރާފައިދާ ކުރާނީ ކުރު މުއްދަތަކަށްކަމަށް ބެލެވޭކަމަށް ރިޕޯޓްގައި ވަނީ ބުނެފަ އެވެ. ސަބަބެއްކަމަށް އެ ރިޕޯޓްގަައި ފާހަގަކޮށްފައިވަނީ ބިން ހިއްކާ ނިމުމަށްފަހު، މުސްތަގުބަލުގައި އޭދަފުށީގެ ފަޅުން އިތުރަށް ބޮޑުކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެތީ އެވެ.
ރިޕޯޓުގައި ބުނެފައިވަނީ ބިން ހިއްކުމަކީ ހައްލެއް ނޫންކަން ރާއްޖޭގެ އެކި ކަންކޮޅުތަކުން މީގެ ކުރިން ހިންގާފައިވާ ޕްރޮޖެކްޓްތަކުން ހާމަވެފައިވާ ކަމަށާއި، ބިމުގެ ދަތިކަން ހައްލުކުރެވޭނީ ދުރާލާ ކުރިއަށް ވިސްނައިގެން ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްގެން ކަމަށެވެ. އަދި އޭދަފުށީ ފަޅުން ހިއްކޭނީ ވަރަށްކުޑަ ޖާގައެއްކަމުން ހިއްކާ ސަރަހައްދު ތަރައްގީ ކުރަންވާނީ 30 ނުވަތަ 50 އަހަރަށް ވިސްނައިގެން ކަންތައްތަކަށް ބެލުމަށްފަހު ކަމަށާއި އެހެން ނޫންނަމަ މި މަޝްރޫއަށް ކުރެވޭ ހަރަދަކީ ބޭކާރު ހަރަދެއްކަމަށްވެސް އެ ރިޕޯޓްގައި ފާހަގަ ކޮށްފައިވެ އެވެ.
ހުން! އެމީހުން ބޭނުންވި ގޮތަށް ކަމެއް ނުވެއްޖެ ނަމަ ހުއްޖަތް ދައްކައިގެންވެސް ނުބައިވާނީ އެކަން ކުރިބަޔަކު. ކިތަންމެ މޮޅު އެއްޗެއް ބުންޏަސް ވާނެގޮތް އެއީ. ދެން ދެބުރިއަށް ހިއްލައިލަން ވީނު. ސަރުކާރުން ހަމަ ހަބޭސް…..
ވޯޓާ ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮ މިކަހަލަ ބަައިވަރު ރިޕޯޓް ތަކެއް ވަނީ ހަދާފި. ތާކުން ތާކުޖެހޭ ބަައެއްނޫން ޢެއީ.