ރައީސް، ކުޑަރިކިލު ކައުންސިލާ ބައްދަލުކުރައްވައިފި

ރައީސް އިބްރާހީމް މުޙަންމަދު ޞާލިޙް، ބ. ކުޑަރިކިލު ކައުންސިލަރުންނާއި ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާބެހޭ މަޢުލޫމާތު ހޯއްދަވައި މަޝްވަރާކުރައްވައިފި އެވެ.

ރައީސް އޮފީހުގައި އިއްޔެ މެންދުރުފަހު ބޭއްވެވި މި ބައްދަލުވުމުގައި ކުޑަރިކިލު ކައުންސިލަރުން ވަނީ އެރަށަށް މިހާރު އެންމެ މުހިންމު މަޝްރޫޢުތަކާބެހޭ މަޢުލޫމާތު ރައީސާ ޙިއްޞާކުރައްވާފަ އެވެ.

އެގޮތުން އެރަށުގެ ބަނދަރުގެ ހުރި ދަތިތަކާއި ނަރުދަމާ ނިޒާމުގެ ހުރި މައްސަލަތަކާ އަދި ރަށުގެ ތަރައްޤީއަށް ބޭނުންވާ އިތުރު އެހެން ޕްރޮޖެކްޓްތަކާބެހޭ ގޮތުން ކައުންސިލުގެ ހުރި ކަންބޮޑުވުންތައް ކައުންސިލަރުން ރައީސާ ޙިއްޞާކުރެއްވި އެވެ. މީގެ އިތުރުން އެރަށުގައި ހުރި އާޘާރީ މިސްކިތް މަރާމާތުކޮށް އަލުން ބޭނުންކުރެވޭނެ ގޮތް ހެދުމާއި ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި ކައުންސިލުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކުޑަރިކިލު ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާ ޙިއްޞާކުރެއްވިއެވެ. އަދި ކައުންސިލުން ހުށަހެޅުއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވެސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.