ވާހަކަ: ގަސްފީނި

އެކުވެރިކަމާއި އެއްބައިވަންތަކަން ނެތިއްޖެނަމަ މިފަދަ ގޮތެއްވެސްވުން އެކަށީގެންވެއެވެ. އެކުވެރިކަމަކީ ގަދަ ފަދަ ބާރެކެވެ. ވަކިވެ ގަތުމަކީ ނިކަމެތިކަމެއްކަން މިވާހަކައިން ދޭހަކޮށްދޭނެއެވެ. އަދި ބިރުވެރިކަމެއް ދިމާވާ ހިނދު ﷲ އަށް ބިރުވެތިވެ، ހަމްދުކުރުން ހުއްޓެވެ.

މިއީ ހިޔާލީ ވާހަކައެކެވެ. މިވާހަކައިގައި ބޭނުންކޮށްފައިވާ ތަންތަނާއި ނަންނަމަކީވެސް އަސްލެއް ނޫނެވެ.

ތުވަރު ފުއްޓަކީ، ނާމާން ފަޅު ރަށެއްގެ ގޮތުގައި ޒަމާނުއްސުރެ މީހުންގެ ތުންތުންމަތިން ދެކެވެމުން އަންނަ ރަށެކެވެ. ނަމަވެސް މިރަށާއި ބެހޭ މާބޮޑު ހަނޤީޤަތެއް ގިނަ މީހުންނަކަށް ނޭގެއެވެ. ގިނަ ފަހަރަށް ބިރުވެރި ހާދިޝާތައް ހިނގާފައިވަނީ ފަޅުރަށަކަށް ބަޔަކުގޮސް އުޅޭ އުޅުމުގައި އެބައެއްގެ ތެރޭގައި ޖެހޭ މައްސަލަ ގަނޑަކުން ޓީމް ބައިބައިވެ، ޖިންނި ސައިތާނުންގެ ވަސްވާސް ބައެއްގެ ބޮލުތެރެއަށް ވަންނަ ހިސާބުންނެވެ. 

އެއްދުވަހަކު ސިފައިންގެ އިސްވެރިންގެ މަޝްވަރާއަކަށްފަހު ތުވަރުފުއްޓަށް ސިފައިންގެ ތަމްރީނުތަކަށް ޒަމާނީފެންވަރަކަށް ތައްޔާރުކުރުމަށް ނިންމިއެވެ. އެގޮތުން އެރަށް ސާފުކޮށް ބެލެހެއްޓުމަށް 5 މީހުންގެ ޓީމެއް ސިފައިންގެއިން އެކުލަވާލިއެވެ. އެޓީމްގެ ކޮމާންޑަރެއްގެ ގޮތުގައި ސަރޖަންޓް އަލީ ރަޝީދު ހަމަޖެއްސިއެވެ. ޓީމްގެ މެމްބަރުންގެ ގޮތުގައި ކޯޕްރަލް ފާއިޒު މުހައްމަދު، ޕްރައިވެޓް އަޙްމަދު ފިރާޒު، ޕްރައިވެޓް އިބްރާހިމް ފަޔާޒް، އަދި ޕްރައިވެޓް ޝިނާން އަލީ ހަމަޖެއްސިއެވެ. އެގޮތުން ޖެހިގެން އައި ދުވަހު ސިފައިންގެ ކޮމާންޑަރ މިޓީމާ ބައްދަލުކޮށް ކަންތައްތައް ކުރަންވީގޮތް ކިޔައިދިނެވެ. އަދި ރަށުތެރެ ސާފުކޮށް 02 މަސްދުވަހުގެތެރޭގައި ނިންމަން ޖެހޭނެކަމަށް އެންގައި ފުރަން ތައްޔާރުވެގެން ޕެކް ހިފައިގެން މާދަމާ ހެނދުނު ތައްޔާރުވެގެން އަންނަން މި ޓީމަށް އެންގިއެވެ.

ޖެހިގެން އައި ދުވަހެވެ. މިޓީމް އެރަށަށް ފުރައިގެން ދިޔައެވެ. ޓީމް އެރަށަށް ފޭބުމުން ލޯންޗް އެނބުރި ދިޔައެވެ. އަދި މިޓީމްގެ ކޮމާންޑަރ ސަރޖަންޓް އަލީ ރަޝީދު އާއިއެކު ރަށުތެރެއަށް ދިއުމަށްފަހު އިރުއޮއްސެންވާއިރަށް ޓެންޓްއެޅުމުގެ މަސައްކަތްފެށިއެވެ. އޭރު މިމީހުންގެ އަތުގައި ކޮންމެވެސް ވަރަކަށް ކާބޯތަކެއްޗާއި ބޯފެން ހުއްޓެވެ. އެހެންކަމުން ވަލުތެރެއިން ޓެންޓްއެޅުމަށްޓަކައި ވަކަ އާއި ދަނޑި ކެނޑުމަށްފަހު ޓެންޓް އެޅުމުގައި އެންމެން ހަރަކާތްތެރިވާންފެށިއެވެ.

އިރުއޮއްސެންވާއިރަށް ޓެންޓް އަޅާ ނިމި،  އަރާމުކުރުމަށްޓަކައި ހުރިހާ އެންމެން ޓެންޓްތެރޭގައި ޖައްސާލިއެވެ. އަދި މިރަށް ސާފުކުރަން މާދަމާ ހެނދުނު ފަށަންވާނެކަމަށް ކޮމާންޑަރ ރަޝީދު އެންގުމުން ކޯޕްރަލް ފާއިޒް މިކަމާ ކޮންމެވެސް ވަރަކަށް ދެކޮޅު ހެދިއެވެ. އޭނާ ބޭނުންވަނީ މާދަމާ ރެސްޓްކޮށްލާފަ ޖެހިގެން އަންނަ ދުވަހު މަސައްކަތް ފެށުމަށެވެ. ފާއިޒު މިހެން ބުނުމުން ލަސްނުކޮށް މަސައްކަތްފަށަން ވީކަމަށް ޝިނާން ބުންޏެވެ. އަދި މިރަށަކީ ޖަންގަލި ބޯ ރަށަކަށްވެފައި މިރަށުގެ ކަންތައްތައް އެހާ ރަނގަޅަށް ނޭގޭކަމަށް ހިތާދެކޮޅަށް ނަމަވެސް ޝިނާން ބުންޏެވެ. ކަންމިހެންހުރިނަމަވެސް ކޮމާންޑަރުގެ އެންގުމަށް މާދަމާ މަސައްކަތްފެށުމަށް އަޒުމް ކަނޑަޅަައަޅައި ހުރިހާ އެންމެން ނިދައިފިއެވެ.

ކުއްލިއަކަށް ވަރަށް ބާރަށް ކުއްޖަކު ރޯއަޑު ޝިނާން އަށް އިވުނެވެ. އަދި ސިއްސައިގެންގޮސް ހޭލެވުނެވެ. ކޮޅުކޮޅު މަތި ބަލައިލިއެވެ. އެއްވެސް މީހަކު ފެންނާކަށެއް ނެތެވެ. އެހެންކަމުން މީ ކުންހީއެއްކަމަށް ހީކޮށް އެއްވެސް މީހަކަށް ނާންގައި އަރާމު ނިދުމުގެތެރެއަށް ޝިނާން ގެނބިގަތެވެ.

ޝިނާން.ޝިނާން. އަނެއްކާވެސް ޝިނާނަށް މިއަޑު ތަކުރާރުކޮށް އިވިއްޖެއެވެ. މިފަހަރު ގޮވީ ޝިނާންގެ ނަމުންނެވެ. ކުއްލިއަކަށް ޝިނާންއަށް ހޭލެވުނުނެވެ. އަދި ދެލޯ ބޮޑުކޮށްލާފަ ފަރާތްފަރާތަށް ނަޒަރު ހިންގާލިއެވެ.

ކާކު.ކާކު.. ރައްދުގައި ޝިނާން މިހެން ބުނިނަމަވެސް ޖަވާބެއް ނުލިބުނެވެ. އޭރު އެހެން އެންމެން ތިބީ ގަދަ ނިދީގައެވެ. މިއީ ޝިނާނަށް ހީވިގޮތެއްކަމަށް ޝިނާން ހިތާހިތާ ކިޔާލެވުނެވެ. އަދި މިވާހަކަ އެހެން މީހަކަށް ނާންގައި ސިއްރުކުރަން ޝިނާން ނިންމިއެވެ. ސަބަބަކީ އެހެން މީހަކަށް އެނގިއްޖެނަމަ އެމީހުންގެ ތެރޭގައި އިތުރު ބިރުވެރިކަމެއް އުފެދި މަސައްކަތަށް ބުރޫ އަރާފާނެތީއެވެ. ކޮމާންޑަރ އަލީ ރަޝީދަކީ މިކަހަލަ އެއްވެސްކަމަކަށް މާބޮޑު ސަމާލުކަމެއް ނުދޭ މީހަކަށްވެފައި ކޯޕްރަލް ފާއިޒުގެ އެހުންނަ ރުޅިވެރިކަމާ ހަސަދަވެރިކަމަކީ ދަށުގައި ތިބޭ އެހެން ކުދިންނަށް ވޭނަކަށް ވެދާނެކަމަށް ހީކޮށްފައެވެ. މިހެން ހީކޮށް އަނެއްކާވެސް ޝިނާން ނިދަން އޮށޯތެވެ.

ފަތިހުގެ އިރު ފަޅުވެއްޖެއެވެ. އެންމެ ފުރަތަމަވެސް ހޭލެވުނީ ޝިނާން އަށެވެ. ހޭލެވުމާއެކު ހުރިހާ އެންމެނަށް ގޮވައި ސައިބޮއެގެން މަސައްކަތްފެށުމަށް ތެދުވުމަށް ބުންޏެވެ. ހެނދުނުގެ ނާސްތާ ނިމުމާއެކު ގްރޫޕް ލީޑަރ އަލީ ރަޝީދުގެ އޯޑަރަށް ރަށުގެ އިރުމަތިކޮޅުން މަސައްކަތް ފެށުމަށް ނިންމިއެވެ. އެއީ ރަށުގެ ހުޅަނގުފަރާތާއި ހިލާފަށް އިރުމަތި ފަރާތަކީ މިރަށުގެ އެންމެ ގަސްބޯ ހިސާބަށް ވުމާއެކު މަސައްފަށާއިރު މިސަރަހައްދު ފުރަތަމަ ސާފް ކުރެވިއްޖެނަމަ މަސައްކަތަށް އަވަސް ވެދާނެކަމަށް ހީކޮށެވެ. މިގޮތުން މި ފަސް މީހުން އެކުގައި ވަލުތެރެއަށްވަދެ ގަސްތައް ކަނޑަށް ފެށިއެވެ. މިގޮތުގައި މިދުވަސް އެއްކޮށް ވޭތުކުރުމަށްފަހު އިރުއޮއްސުމުން އެނބުރި ޓެންޓަށް ދިޔައެވެ.

ޖެހިގެން އައި ދުވަހެވެ. ކުރިން ދުވަހެކޭ އެއްގޮތަށް މަސައްކަތަށް ނިކުތެވެ. ނަމަވެސް މިއަދު ކޮމާންޑަރ އަލީ ރަޝީދު މާބޮޑަށް މަސައްކަތް ކުރުމުގައި ގަޔާވެގެނެއް ނޫޅެއެވެ. މިކަމާ ކޯޕްރަލް ފާއިޒް ވަރަށް ރުޅި ގަދަވެއްޖެއެވެ. ކޮމާންޑަރެއްކަމުވިޔަސް އެންމެން އެކީ މަސައްކަތްކޮށްގެން ނޫނީ މިކަން ނުނިންމޭނެކަމަށް ބުނަމުން ދިޔައެވެ. އަދި ކޮމާންޑަރ މަސައްކަތް ނުކުރާނަމަ އޭނާވެސް ކެރަވަޅު ޖައްސާނެކަމަށް ބުންޏެވެ. މިޝަކުވާތަކާއެކުގަވެސް މިމީހުންގެ ދަށުގައި މަސައްކަތްކުރާ 3 ޕްރައިވެޓުން ގެތެރެއިން ޝިނާން ފިޔަވައި ދެންތިބި ދެ ޕްރައިވެޓުންވެސް ޤަޔާނުވެ މަސައްކަތްކުރާތަން ފެނިގެން ދިޔައެވެ. އޭރު ކޮމާންޑަރ އަލީ ރަޝީދު ދުރުގައި އޮޝޯވެލައިގެން ފޯނަކަށް ގެއްލިފައިއޮތެވެ. މިކަމާ ކޯޕްރަލް ފާއިޒް އިހުނަށްވުރެ ރުޅިގަދަވެ ޓީމް ބައިބައިވެއްޖެއެވެ. 3 ޕްރައިވެޓުންވެސް ރެސްޓްގައި މަޑުޖެހިލައިގެން ތިއްބެވެ. ނަމަވެސް ރުޅިގަދަވެފައިހުރި ފާއިޒް ވަލުގެ ޖަންގަލިބޯ ސަރަހައްދަށް މަޑުމަޑުން ހިނގައިގަތެވެ.

ކުއްލިއަކަށް ފާއިޒުއަށް ފެނުނީ ވަރަށް ރީތިކޮށް ހެދިފައިހުރި ދިގު ގަސްތަކެކެވެ. ރަށުގެ މަލަމަތިންވެސް ފެންނަން ހުންނަނީ މިގަސްތަކެވެ. އެހެންކަމުން ފާއިޒް ބޭނުންވީ މިއިން އެއްގަސް ކަނޑާލާށެވެ. މިހެން ހިތާ ގަހުގައި ފުރޯއިން ޖެހުމަށްފަހު ގަސް ބިންމައްޗަށް ވައްޓާލިއެވެ. އެހިނދު ފާއިޒުގެ މޭގައި ހީވީ މީހަކު ވަރަށް ބާރަށް އެއްޗަކުން ޖެހި ހެނެވެ. މޫނުމައްޗަށް އަނދިރިވާގޮތްވިއެވެ. ކުއްލިއަކަށް ފާއިޒުގެ ކުރިމަތިން ފެނިގެން ދިޔައީ ކަޅު ބިޔަ މީހެކެވެ. ރަނގަޅަށް ސިފަ ވަކުކުރަން ނޭގުނަސް އެމީހާގެ ލޯ ރަތެވެ. އެމީހާ ވަރަށް ހުތުރުގޮތަކަށް ފާއިޒުއާއި ދިމާލަށް ބަލާލުމަށްފަހު ގެއްލުނެވެ. އެވަގުތު ފާއިޒު ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. މިއަޑު މުޅި ރަށުތެރެއަށް ގުގުމާލި ކަހަލައެވެ. މިއަޑު އިވުމާއެކު އެއީ މީހެއްގެ ހަޅޭކުގެ އަޑުކަން ޝިނާން އަށް ހީވިއެވެ. އަދި ކަމެއް ގޯސްވެއްޖެކަމާއި، ފާއިޒު ފެންނަން ނެއްކަން އިނގުނެވެ. އަދި ކޮމާންޑަރު ކައިރީ ފާއިޒު ކޮބައިތޯ ސުވާލުކުރުމުން އޭނައަށް ނޭގޭކަމަށް ބުނެ ޝިނާން އާއި ދިމާލަށް އެނާ ހޯދަން ދާށޭ ބުންޏެވެ. މިހެން ބުނުމާއެކު ޝިނާން އާއި އަނެއް ދެ ޕްރައިވެޓުން ފާއިޒް ހޯދުމަށް އަވަސްވެގަތެވެ. އަދި އެއްކަލަ ގަސްތަކާއި ދިމާލަށް ދިޔަތަނުން ޝިނާން ބިންމައްޗަށް ވެއްޓިފައިވާތަން ކުއްލިއަކަށް ޝިނާންއަށް ފެނުނެވެ. އަދި ދުވެފައިގޮސް ޝިނާން ނަގައިގަނެގެން ގެނެސް ބޮލަށް ފެންއަޅާ އޭނާ ހޭއަރުވަން މަސައްކަތް ފެށިއެވެ. ނަމަވެސް ފާއިޒު ވަނީ ހަބަރު ހުސްވެފައެވެ. މިތަން ފެނުމުން ކޮމާންޑަރ އަލީ ރަޝީދު ޝިނާން އަށް އޭނާ ޓެންޓަށް ގެންދިއުމަށް އެންގިއެވެ. އަދި އެއީ އޭނާ މާރުޅިގަދަކަމުން ވާކަމެއްކަމަށް ކޮމާންޑަރ ބުންޏެވެ. ނަމަވެސް މިކަމާ ޝިނާން އާއި އަނެއް ދެ ޕްރައިވެޓުން އިންކާރު ކުރިއެވެ. އަދި ބުންޏެވެ. މިއީ ކޮމާންޑަރުގެ ކަންނެތްކަމުން ވާކަންތައްތަކެވެ.

ފާއިޒު ނަގައިގަނެގެން ޓެންޓަށް ގެންދިޔައެވެ. ޓެންޓްގައި ބޭއްވުމަށްފަހު އޭނާ ހޭއަރުވަން މަސައްކަތްކުރަމުން ދިޔައެވެ. އިރުކޮޅެއްނުވެ ފާއިޒުގެ ހަށިގަނޑަށް ބާރު އަރަން ފެށިއެވެ. އަތްފައި ފިނިވެ، އަނގައިން ފޮނު އަންނަން ފެށިއެވެ. ފާއިޒުގަޔަށް ބާރު އަރަމުން ދިޔަވަރަކަށް ފާއިޒުގެ އަތްފައި ބުޅިވާން ފެށިއެވެ. މިހެންކަންތައްތައް ވާންފެށުމުންވެސް ފާއިޒު އެޖައްސަނީ މަސައްކަތް ނުކުރާންވެގެން ފޭކެއްކަމަށް ކޮމާންޑަރު ބުނަމުންދިޔައެވެ. ޝިނާން އާއި އަނެއް ދެ ޕްރައިވެޓުން ފާއިޒުގައި ގައި ހިފަހައްޓައިގެން ތިބި އިރު މިމީހުންނަށްވެސް ފާއިޒު ކޮންޓްރޯލް ކުރެވެނީ ކިރިޔަ ކިރިޔާއެވެ.

މިގޮތުގައި 20 ވަރަކަށް މިނެޓް ވުމަށްފަހު ފާއިޒު ހޭވެރިކަން ވެއްޖެއެވެ. ވެދިޔަ ކަންތަކާއި ބެހޭގޮތުން ޝިނާން ފާއިޒުއާއި ސުވާލުކުރިއެވެ. ގްރޫޕްތެރޭގައި އިތުރު ބިރުވެރިކަމެއް ހިނގާފާނެކަމަށްބަލާ ފާއިޒު ވާހަކަ ބަދަލުކޮށްލިއެވެ. އަދި ފާޑަކަށްހުރެ އެއީ އަހަރެން ޖެއްސި ގޭމެކޭ ބުންޏެވެ. މިކަމާ ޝިނާން ވަރަށް ރުޅިއައެވެ. އަދި ފާއިޒުއާއި ދިމާލަށް ވަރަށް އެއްޗެހި ކިއެވެ. ދެން ފާއިޒުއަށް ތިޔަކަހަލަ ކަމެއް ވެއްޖެނަމަ އަހަރެމެން އަޅާވެސް ނުލާނަމޭ ޓީމްގެ އެހެން މެމްބަރުން ބުނަމުންދިޔައެވެ. އޭރު އިރުއޮއްސުމަށް ކުޑަތަން ވަނީ އެވެ. އެހެންކަމުން މިޓީމް ބޭނުންވީ މޫދަށް އެރިލާ ފެންވަރާލައިގެން އަރާމުކޮށްލާށެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.