ބ. ފުޓްބޯލް ޗެލެންޖް: ކިތުނާ ހެޓްރިކް ހަދައި ގޮއިދޫ ފައިނަލަށް ގެންގޮސްދީފި

ބ. ފުޓްބޯލް ޗެލެންޖުގެ ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި މިއަދު ހަވީރު 5-2 އިން ކެންދޫ ބަލިކޮށް ފައިނަލުގެ ދެ ވަނަ ޖާގަ ގޮއިދޫ ހޯދައިފި އެވެ. ފައިނަލުގައި ގޮއިދޫ ނުކުންނާނީ މުބާރާތް ބާއްވާ އޭދަފުއްޓާ ދެކޮޅަށެވެ.

މިއަދުގެ މެޗުގައި ގޮއިދޫ ޓީމުގެ އާދަމް ނިޒާމް (ކިތުނާ) ވަނީ ހެޓްރިކް ހަދައިފަ އެވެ. މިއީ މުބާރާތުގައި ކިތުނާ ހެދި ތިން ވަނަ ހެޓްރިކެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކިތުނާ ވަނީ މާޅޮސް ކޮޅަށް ދެ ހެޓްރިކް ހަދައިފަ އެވެ. މުބާރާތުގައި މިހާތަނަށް 10 ގޯލު ޖަހައި ލަނޑު ލިސްޓުގެ ކުރީގައި ވެސް އުޅެނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކިތުނާ އެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ގޯލު އަށް ވަނަ މިނެޓުގައި ޖެހީ ގޮއިދޫ ޓީމުގެ ޝަމްއޫން ޖަމީލް އެވެ. އޭގެ ތިން މިނެޓު ފަހުން ގޮއިދޫ އަށް ލިބުނު ޕެނަލްޓީ އަކުން ކިތުނާ ވަނީ އެޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ. ގޮއިދޫން ދެ ގޯލުގެ ލީޑެއްގައި އޮއްވައި ކެންދޫގެ މުހައްމަދު އީޖާޒް ޖެހި ގޯލުން އެޓީމު ވަނީ 2-1 އަށް ނަތީޖާ ބަދަލުކޮށްލާފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓުގައި ގޮއިދޫގެ ތިން ވަނަ ގޯލު ކާމިޔާބުކޮށްދިނީ އާދަމް ހަލީލް އެވެ. އޭގެފަހުން ކިތުނާ ވަނީ އިތުރު ދެގޯލު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ގޮއިދޫގެ ހަތަރު ވަނަ ގޯލު 52 ވަނަ މިނެޓުގައި ކިތުނާ ޖެހިއިރު ހެޓްރިކް ފުރިހަމަ ކުރި ގޯލު ކިތުނާ ޖެހީ 78 ވަނަ މިނެޓުގަ އެވެ. ކެންދޫގެ ދެ ވަނަ ގޯލު އިތުރު ވަގުތުގައި ޖެހީ އަލީ ޝާއިން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކިތުނާ އެވެ.

ގޮއިދޫއާ ދެކޮޅަށް ނުކުންނަ އޭދަފުށި މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސެމީގެ ފުރަތަމަ މެޗުގައި 5-1 އިން ކިހާދޫ ބަލިކޮށްގެންނެވެ. އޭދަފުއްޓާ ގޮއިދޫ ވަނީ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބައްދަލުކޮށްފަ އެވެ. އެ މެޗު 2-1 އިން ކާމިޔާބުކުރީ އޭދަފުއްޓެވެ.

އޭދަފުއްޓާ ގޮއިދޫ ވަނީ ބ. އެޓޯލް ފުޓްބޯލް ޗެލެންޖުގެ ނަމުގައި މުބާރާތް ކުރިއަށް ދިޔައިރު ވެސް ފައިނަލުގައި ވާދަކޮށްފަ އެވެ. އޭދަފުއްޓާ ދެކޮޅަށް ނުކުން ދެ ފައިނަލުގައި ވެސް ކުރި ހޯދީ ގޮއިދޫ އެވެ.

ފައިނަލް މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހު ހަވީރު އެވެ. ފޯ ސީޒަން ލަނޑާ ގިރާވަރު ރިސޯޓުން ސްޕޮންސާ ކޮށްގެން އޭދަފުށީ ވެސްޓް ވިންގްސް ޖަމިއްޔާ އިން ކުރިއަށްގެންދާ މި މުބާރާތުގައި އަތޮޅުގެ 11 ރަށުން ބައިވެރިވި އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.