ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި ރިއާސީ ކެންޑިޑޭޓް އޮންރަބްލް ގާސިމް އިބްރާހީމްގެ ވެރިކަމެއްގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ފުޓްސަލް ދަނޑެއް އަޅުއްވާނެ ކަމަށް އެފްއޭއެމުގެ ރައީސް އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖުމުހޫރީ ޕާޓީގެ ނާއިބް ލީޑަރުކަން ކުރައްވަމުން އަންނަ އިލްހާމް މިހެން ވިދާޅުވީ ރާޅުގަނޑު ސަރަހައްދުގައި ޖުމުހޫރީ ޕާޓީން ރޭ ބޭއްވި ބޮޑު ޖަލްސާގަ އެވެ. އިލްހާމް ވިދާޅުވީ ކޮންމެ ރަށެއްގައި ފުޓްސަލް ދަނޑެއް އަޅަން ނިންމީ ގާސިމާއި އެމަނިކުފާނުގެ ޓީމުން ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި ޒުވާނުން އެކަމަށް ވަރަށް ބޮޑަށް އެދެމުންދާތީ ކަމަށެވެ.
އިލްހާމް މިހެންވިދާޅުވިއިރު ރާއްޖޭގެ ކޮންމެ ރަށެއްގައި ފުޓްބޯޅަ ދަނޑަކާއި ވޮލީ ކޯޓެއް ވެސް ނެތެވެ. ނަމަވެސް ކޮންމެ ރަށެއްގައި ފުޓްސަލް ދަނޑެއް އެޅުމުގެ މަޝްރޫއުގެ ދަށުން އޭގެ ނަމޫނާ ފުޓްސަލް ޕިޗެއް މިހާރު ވަނީ އަރަބިއްޔާ ސްކޫލް ހޯލުގައި އަޅާފަ އެވެ.