ބ. ފަސްދޭތެރެ ހިމާޔަތްކުރުމަށް ގޮވާލައިފި

ލިޔުނީ: ފާތުމަތު ސާއިރާ

އޭނާ އަކީ ބ. ފަސްދޭތެރެ 6 ރަށުގައި ހިމެނޭ ހަމައެކަނި މީހުން ދިރިއުޅޭ ރަށް ކެންދޫ މީހެއްކަމަށާއި ތަރައްގީގެ ނަމުގައި ކޮންކްރީޓް ފާރު ރާނައި އެރަށްތައް ހަލާކުނުކޮށް، އެރަށްތައް އޭގެ ގޮތުގައި ދަމަހައްޓަން ބޭނުންވާ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލްއުސްތާޒު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ. 

މިހެން ވިދާޅުވީ ރާއްޖެ އިޝްތިހާރު ކުރުމަށް ސޯޝަލް މީޑިއާގައި ހިންގާ ވިޒިޓް މޯލްޑިވްސް އެކައުންޓުން، ބ. ފަސްދޭތެރޭ މަތިން ނަގާފައިވާ ފޮޓޯއަކާއެކު ކޮށްފައިވާ ޓްވީޓަކާ ގުޅޭ ގޮތުންނެވެ.

އަލީ ހުސައިންގެ އެ ވިސްނުމަށް ތާއީދު ކުރައްވާ ބ. ފަސްދޭތެރޭ ރަށްތަކަކީ ރާއްޖެ ދައްކުވައި ދިނުމަށް އެންމެ ގިނައިން އޭރިއަލް ފޮޓޯނެގޭ ސަރަހައްދު ކަމަށާއި އެރަށްތައް ހިމާޔަތް ކުރަންޖެހޭކަމަށް  ބ. އަތޮޅަށް ނިސްބަތްވާ މަޝްހޫރު ތާރީޚީ ލިއުންތެރިޔާ ޝަންމޫން ޖަލީލް ވިދާޅުވިއެވެ.

ހަމައެއާއެކު ފަތުރުވެރިކަމާއި އަދި އެހެން ވިޔަފާރިތަކަށްވެސް ދިނުމުގެ ބަދަލުގައި އެރަށްތަކުން ދައްކުވައިދޭ ގުދުރަތީ މަންޒަރު ހަލާކު ނުކޮށް ބޭއްވުމުގެ މުހިންމުކަން ޝަންމޫން ފާހަގަކުރެއްވިއެވެ.  

މި 6 ރަށުގެ ހާލަތައް ބަލާއިރު  ބ. އުނޑޫދޫ ވަނީ އުނޑޫދޫ އިންވެސްޓްމެންޓް ކިޔާ ކުންފުންޏަކަށް ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައެވެ. އެއާ ޖެހިގެން އޮންނަ ފުނަދޫ އޮތީ އިފުރު އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް އަށް ފަތުރުވެރިކަމަށް ދޫކޮށްފައެވެ. އެ ޗެއިނުގައި ދެން އޮންނަ ހުޅުދޫ އަދި އެއްވެސް ފަރާތަކަށް ދިންކަމަކަށް ހާމަކޮށްފައިވާ މައުލޫމާތު ތަކަކުން ނުދައްކައެވެ. އެރަށް އޮތްކަމަށް ވަނީ މިނިސްޓްރީ އޮފް ފިޝަރީޒްގެ ބެލުމުގެ ދަށުގައެވެ. އެރަށްތަކުގައި ހިމެނޭ ގެމެންދޫ ވަނީ އިބްރާހިމް ރާމީ ކަޝްމީރުގެ ޅ. ހިންވަރު އަށް ދޫކޮށްފައެވެ. ކެންދޫއަކީ އެ ޗެއިންގެ ރަށްތަކުގެ ތެރެއިން ހަމައެކަނި މީހުން ދިރިއުޅޭ ރަށެވެ. ކެންދޫއާ ދެން އެންމެ ކައިރިއަށް އޮންނަ ކެޔޮދޫ އޮތީ ދިގުފަރު އިންވެސްޓްމެންޓް ފްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ވަރުވާއަށް ދޫކޮށްފައެވެ.

ރައްޔިތުން ބޭނުންވާ ގޮތް ބެލެމެއްނެތި ފަޅުރަށްތައް ދޫކުރުމަކީ ރާއްޖޭގެ ގުދުރަތީ ރީތިކަން އޭގެ ގޮތުގައި ހިމާޔަތްކޮށް ދެމެހެއްޓުމަށާއި ގުދުރަތީ ވަސީލަތްތަކުން ލިބޭ ފައިދާ ރައްޔިތުންނަށް ލިބުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. ހަމައެއާއެކު، އެކިކަންކަމަށް ދޫކޮށްފައިވާ ފަޅުރަށްތަކުގެ މައްސަލަ ރައްޔިތުންގެ ބޭނުންތަކާ ދެމެހެއްޓެނިވި ތަރައްގީއަށް ބަލައިގެން ހައްލުކުރުމަށް ސަރުކާރާއި މަޖިލީހުން އަދި އެދެވޭ މަސައްކަތެއް ކުރުމެއްނެތި، ޓުއަރިޒަމް މާސްޓަރ ޕްލޭނެއް ނެރެން އުޅުމަކީ އަތޮޅުތަކުގެ ރައްޔިތުންގެ އުއްމީދުތައް ހާސިލްކުރުމަށް އޮތް ވަރަށްބޮޑު ގޮންޖެހުމެކެވެ. މިމައްސަލަ ހައްލުކުރުމަށް އަތޮޅު ތަކުގެ ރައްޔިތުން މަޝްވަރާކޮށް ކަމާބެހޭ ފަރާތްތަކަށް ހައްލުތަކެއް ހުށަހަޅައިގެން މަސައްކަތް ކުރުމަކީ އަންނަން އޮތް ޖީލުތަކަށް ރާއްޖެ އޭގެ އެންމެ ފުރިހަމަ ރީތި ގޮތުގައި ވާސިލްކޮށް ތަރައްގީގެ މަންފާ އެންމެންނަށް ލިބޭނެ ގޮތް ހެދުމަށް ވަރަށް މުހިއްމު ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.