އޭދަފުށީ ނެރުގެ ފައިކަށީގެ މިސްރާބް ބަދަލު ކުރުމުގެ އަމަލީ މަސައްކަތް މި ހަފްތާ ތެރޭގައި ފެށޭނެ ކަމަށް ކޮންޓްރެކްޓަރ ބުނެފި

ބ. އޭދަފުށީ ބަނދަރުގެ ނެރަށް ގެންނަން ހަމަޖެހިފައިވާ ބަދަލު ދައްކައިދޭ ކުރެހުމެއް.– ފޮޓޯ / އަބްދުލްޤައްޔޫމް

ބ. އޭދަފުށީގެ ބަންދަރުގެ ނެރުގެ ފައިކައްޓާއި ނެރުގެ މިސްރާބް ބަދަލު ކުރުމުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ފެށޭނެ ކަމަށް އެ މަސައްކަތާ ހަވާލުވި ކޮންޓްރެކްޓަރު ބުނެފި އެވެ.

އޭދަފުށީގެ ބަނދަރު އާދަޔާ ހިލާފަށް ގަދަވާކަން ފާހަގަ ކުރެވޭތީ އޭދަފުށީގެ އަމިއްލަ ފަރާތެއް ކަމަށްވާ އަހްމަދު ނަޒީރުގެ އެހީގައި މި މަސައްކަތް ކުރުމަށް ހަވާލު ކޮށްފައިވާ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑުން ބުނީ އެ މަސައްކަތް ފެށުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ވެ ނިމިފައިވާ ކަމަށެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޒަމީރު ވިދާޅުވީ ކުރިން މިދިޔަ ހަފްތާގައި ފެށުމަށް ހަމަޖެހުނު މި މަސައްކަތް ލަސްވާން ދިމާވީ ސާވޭޔަރަށް ވަގުތު ލިބުން ދަތިވެގެން ކަމަށާއި އެހެން ނަމަވެސް މި ހަފްތާގައި އެ މަސައްކަތް ވެސް ފެށޭނެކަމުގެ އުއްމީދު އެބަ އޮތް ކަމަށެވެ.

“އަޅުގަނޑުމެން އުއްމީދު ކޮށްގެން ތިބީ މިދިޔަ ހަފްތާ ތެރޭގައި ފަށައިގަނެވޭވަރު ވާނޭ ކަމަށް. އެހެން ނަމަވެސް ސާވޭޔަރަށް ދަތިކަމެއް ދިމާވެގެން ދެވޭ ގޮތް ނުވީ. މިހާރު ވަނީ މަސައްކަތް ފެށުމަށްޓަކައި ސަރުކާރުން ލިބެން ޖެހޭ ހުއްދަތައް ވެސް ލިބިފައި. މި ހަފްތާ ތެރޭގައި އަޅުގަނޑުމެން ތި ކޮޅަށް ގޮސް މަސައްކަތް ފަށައިގަނެވޭނެ،” މާލޭގައި ހުންނަވާ ޒަމީރު ވިދާޅުވި އެވެ.

އޭދަފުށިގެ ބަނދަރަށް ބަލާލާއިރު މިހާރުގެ ނެރުގެ މިސްރާބު އުތުރަށް ހުރި ނަމަވެސް މި މަރާމާތާ ގުޅިގެން ނެރުގެ ފައިކަށިތައް ފޮޓޯގައިވާ ކުރެހުމުގައިވާ ގޮތަށް މިހާރަށް ވުރެ ހުޅަނގަށް ނެރުގެ މިސްރާބް ޖެހި ކަނޑާ ހަމަ އަށް ނެރުގެ ފައިކަށިތައް ނުކުމެގެންދާނޭ ކަމަށް ބެލެވެ އެވެ. މިއީ ބަނދަރަށް މިހާރު ވެރިވެފައިވާ ހަލަބޮލިކަން ފިލުވާލުމަށްޓަކައި ތަޖުރިބާކާރުންގެ ލަފަޔާ އެއްގޮތަށް ސަރުކާރުގެ ރުހުން ވެސް ހޯދައިގެން ކުރިޔަށް ގެންދެވޭ މަސައްކަތެކެވެ.

ސުނާމީގައި ވެއްޓުނު އޭދަފުށީގެ ބޭރުތޮށި ވެސް އޭދަފުށީގެ އަމިއްލަ ފަރުދެއް ކަމަށްވާ އަހްމަދު ނަޒީރު ހަރަދު ކޮށްގެން 2005 ގައި ވަނީ ރަނގަޅު ފެންވަރަކަށް ހަދައިފަ އެވެ. އަދި ކަނޑުތޮށީގެ ބޭރުގައި ބޮޑު ހިލަ ޖެހުމަށްޓަކައި ބޭނުންވާ ހިލަ އޭދަފުއްޓަށް ގެނައުމުގެ މަސައްކަތް ވެސް މިހާރު އެ ފަރާތުން ދަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.