ދިރާގަށް ދެވަނަ ކުއާޓަރުގައި 210 މިލިއަން ރުފިޔާގެ ފައިދާ

ދިރާގަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 210.6 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ހިދުމަތް ދޭ ކުންފުނިން އިއްުޔެ އާއްމުކޮށްފައިވާ މި އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައި ބުނި ގޮތުގައި އޭޕްރީލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ހޭދަވި ތިން މަސްދުވަހުގެ މުއްދަތުގެ ތެރޭގައި އާމްދަނީގެ ގޮތުގައި 710.8 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ އޭގެ ކުރީ ކުއާޓަރުގައި ލިބުނު 708.7 މިލިއަން ރުފިޔާ އަށް ވުރެ 0.3 ޕަސެންޓުގެ އަދި މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ދެ ޕަސެންޓުގެ ކުރިއެރުމެއް ކަމަށް ދިރާގުން ބުންޏެވެ.

“އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ފައިބާ ބްރޯޑްބޭންޑް އިންޓަނެޓް، އެންޓަޕްރަައިޒް އަދި އެއާ ގުޅުންހުރި ހިދުމަތްތައް ފުޅާވެގެން ދިއުމެވެ،” ރިޕޯޓުގައިވެ އެވެ.

އާމްދަނީ އިތުރުވިޔަސް، މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ދެވަނަ ކުއާޓަރުގައި ދިރާގަށް ލިބުނު ސާފު ފައިދާ ވަނީ ދަށަށް ގޮސްފަ އެވެ. އެގޮތުން، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުނީގެ ސާފު ފައިދާ 238.9 މިލިއަން ރުފިޔާގައި ހުރިއިރު، މިދިޔަ ކުއާޓަރުގައި އެ މިންވަރު ހުރީ 210.6 މިލިއަން ރުފިޔާގަ އެވެ.

“ސާފު ފައިދާ ދަށްވުމުގެ މައިގަނޑު ސަބަބަކީ ޓޫރިސްޓް އޮފް ސީޒަނަށް ވާތީ ރޯމިން އިން ލިބުނު މިންވަރު މަދުވުމާއި ހިންގުމުގެ ހަރަދު އިތުރުވުމެވެ،” ރިޕޯޓުގައިވެ އެވެ.

ދިރާގުގެ ހިންގުމުގެ ހަރަދުގެ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 324.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިދިޔަ ކުއާޓަރުގައި އެ ހަރަދު ވަނީ 350.6 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އެހެން ނަމަވެސް، މި އަހަރުގެ ފުރަތަމަ ކުއާޓަރަށް ވުރެ ކުންފުނީގެ ކޭޝް ފްލޯ ނުވަތަ ބޭނުންކުރަން ހުންނަ ފައިސާގެ މިންވަރު ދެވަނަ ކުއާޓަރުގައި ރަނގަޅުވެ، ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި 259.9 މިލިއަން ރުފިޔާފައި ހުރި ކޭޝް ފޯލޯގެ މިންވަރު ވަނީ އޭޕްރީލް މަހުން ޖޫން މަހުގެ ނިޔަލަށް ހޭދަވި މުއްދަތުގެ ތެރޭގައި ވަނީ 334.3 މިލިއަން ރުފިޔާ އަށް އަރާފަ އެވެ.

ދިރާގުން މިދިޔަ ކުއާޓަރުގައި ޓެކްސްގެ ގޮތުގައި 41.15 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު ސާފު ފައިދާ އިން ހިއްސާއަކަށް ޖެހިފައި ވަނީ 2.77ރ. އެވެ.

މިދިޔަ ކުއާޓަރުގައި ދިރާގުން ވަނީ އާ ހިދުމަތްތަކެއް ތައާރަފްކޮށް، މުހިއްމު ކަންތައްތަކެއް ހާސިލްކޮށްފަ އެވެ. އެގޮތުން، ރާއްޖޭގެ 75 ޕަސެންޓަށް ފައިބަ ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ދީ، ރާއްޖެ އަށް އަލަށް ގިގަބިޓް ސްޕީޑުގެ އިންޓަނެޓް ތައާރަފްކުރުމާ އެކު، ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑުގެ ހިދުމަތް ތައާރަފްކޮށްފައިވެ އެވެ. އަދި މާލެ ސަރަހައްދުގެ ޕާކުތަކުގައި ވައިފައި ހޮޓްސްޕޮޓްތަކެއް ގާއިމްކުރުމާ އެކު، ދިރާގުން ވަނީ “ޑިޖިޓަލް ރާއްޖެ” ޕްރޮގްރާމް ވެސް އިފްތިތާހުކޮށްފަ އެވެ.

މީގެ އިތުރުން، ދިރާގުން ވަނީ ރާއްޖޭގައި ބޭއްވި އެކި ކުޅިވަރުގެ މުބާރާތްތައް ސްޕޮންސަކޮށް، ރާއްޖޭގެ އެކި ސަރަހައްދުތައް ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގާފަ އެވެ. އަދި ސްޓާޓްއަޕް ކަލްޗާ ރާއްޖޭގައި ކުރިއެރުވުމަށް، ދުނިޔޭގެ އެންމެ ބޮޑު ސްޓާޓްއަޕް ޕްރޮގްރާމް ކަމަށްވާ ލީން ސްޓާޓްއަޕް ރާއްޖެ ގެނައުމުގައި ވެސް ދިރާގުން ވަނީ އިސް ދައުރެއް އަދާކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.