އެމްއައިބީގެ ހިއްސާ އޭދަފުށީގައި މާދަމާ ވިއްކަން ފަށަނީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހިއްސާ މާދަމާ އޭދަފުށީގައި ވިއްކަން ފަށާނެ އެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވީ އެމްއައިބީން ވިއްކަމުންގެންދާ ހިއްސާ އާއި ބެހޭ މައުލުމާތު ދިނުމަށާއި ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް ހިއްސާ ވިއްކުމަށް އެ ކުންފުނީގެ ޓީމެއް މިހާރު އޭދަފުށީގައި ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.

ތޮލާލު ވިދާޅުވީ އެމްއައިބީގެ ހިއްސާ އޭދަފުށީގައި ވިއްކަން ފަށާނީ މާދަމާ ކަމަށެވެ. އެގޮތުން މާދަމާއިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް އޭދަފުށީ މަލްޓީޕާޕަސް ކުރިމަތީގައި ހިއްސާ ވިއްކުން ކުރިއަށްދާނެ ކަމަށެވެ.

އެމްއައިބީގެ ހިއްސާ ވިއްކަން ފަށާފައި ވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. އެގޮތުން އެ ކުންފުނީގެ 6.9 މިލިއަން ހިއްސާ ވިއްކުމަށް އެމްއައިބީން ވަނީ ނިންމައިފަ އެވެ.

ހިއްސާ ވިއްކަން ހުޅުވާލާފައިވަނީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ. ހިއްސާއެއް 35ރ. ގެ މަގުން 244 މިލިއަން ރުފިޔާގެ ހިއްސާ ވިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. ކޮންމެ މީހަކަށް ވެސް މަދުވެގެން ގަނެވޭނީ 20 ހިއްސާ އެވެ. އެއީ 700 ރުފިޔާގެ ހިއްސާ އެވެ. ހިއްސާގެ އަދަދު އިތުރުކުރާ ނަމަ އިތުރު ކުރެވޭނީ 10 ހިއްސާގެ ރޭޓުންނެވެ.

އެމްއައިބީން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ހިއްސާ ގަނެވޭނެ ލުއި ގޮތްތަކެއް ހޯދައިދީފަ އެވެ. އެގޮތުން ދުނިޔޭގެ ކޮންމެ ތާކު ހުރެގެން ވެސް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ އިންފިނިޓީ ފޯޓަލް މެދުވެރިކޮށް އެ ބޭންކުގެ ހިއްސާ ގަނެވޭނެ އެވެ.

މީގެ 8 އަހަރު ކުރިން ރާއްޖޭގައި ހިދުމަތްދޭން ފެށި މި ބޭންކުން އަންނަނީ އެއް އަހަރުން އަނެއް އަހަރަށް ބޮޑު ކުރިއެރުމެއް ހޯދަމުންނެވެ. އެގޮތުން މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެ ބޭންކަށް ވަނީ 52 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 12 މިލިއަން އިތުރު އަދަދެކެވެ.

އެމްއައިބީން ވަނީ އެ ބޭންކުގެ ހިއްސާ ވިއްކުމަށް ތަފާތު ހަރަކާތްތައް ކުރިއަށްގެންދިއުމަށް ނިންމައިފަ އެވެ. އެގޮތުން ހަފްތާ ބަންދު ދުވަސްތަކުގައި އަތޮޅުތަކުގެ ބްރާންޗުތަކުން ރޯޑް ޝޯތައް ކުރިއަށްގެންދިއުމަށް ވަނީ ހަމެޖެހިފަ އެވެ. މާލޭގައި ވެސް މިފަދަ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.