އުރީދޫއިން އޮންލައިން ވިޔަފާރިއަށް ހާއްސަ “މޫލީ” ތައާރަފުކޮށްފި

އޮންލައިންކޮށް ވިޔަފާރި ކުރާ ފަރާތްތަކަށް ހާއްސަކޮށް އުރީދޫ އިން “މޫލީ” ތައާރަފުކޮށްފި އެވެ.

މޫލީ އަކީ މުޅި ރާއްޖެއަށް ހުޅުވާލާފައިވާ، ގަނެވިއްކުމުގެ ހުރިހާ މަރުހަލާއެއް ޑިޖިޓަލްކޮށްލަދޭ ޕްލެޓްފޯމެކެވެ. މީގެތެރޭގައި، ޕްރޮޑަކްޓުތައް އޯޑަރުކުރުން، އޮންލައިންކޮށް ފައިސާދެއްކުން، އަދި ބައްލަވައިގަތް މުދާ ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ފޮނުވައިދިނުން ހިމެނެއެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި “މޫލީ” ޕްލެޓްފޯމް އިފްތިތާހުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

އުރީދުން ބުނި ގޮތުގައި މޫލީ މެދުވެރިކޮށް ފުރަތަމަ ފިޔަވަހީގައި ފޯރުކޮށްދެވިގެންދާނީ އުރީދޫގެ ހުރިހާ ޕްރޮޑަކްޓުތަކާއި، ރާއްޖޭގެ ތަފާތު ޔޫޓިލިޓީ ޚިދުމަތްތަކެވެ.އަދި  ކުރިއަތް އޮތް ދުވަސްތަކުގައި، މި ޕްލެޓްފޯމް ވެގެންދާނީ ތަރުކާރީއާއި ގޭތެރޭގެ ސާމާނުން ފެށިގެން، އިލެކްޓްރޯނިކްސް، ކާބޯތަކެތި، އަދި ސިއްޙީ އަދި ތައުލީމީ ޚިދުމަތްތައް ފަދަ ތަފާތު ވިޔަފާރިތައް ތަމްސީލުކުރެވޭ އީ-ކޮމާސް މާކެޓްޕްލޭސް އަކަށް ކަމަށް ވެސް އުރީދޫން ބުންޏެވެ. އީ-ކޮމާސް އަށް ޚާއްސަ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި، މޫލީ ޕްލެޓްފޯމުގައި ގަނެވިއްކުމުގެ ތަޖުރިބާ އިތުރަށް ފަސޭހަ ކުރެވެމުންދާނެއެވެ.

“ހަމައެހެންމެ، ކަސްޓަމަރުން ކުރާ ތަފާތު މުޢާމަލާތްތަކަށް ބިނާކޮށް ދެވޭ ޚާއްސަ ލަފާތަކާއި، ޕްރިޑިކްޓިވް އެނަލިޓިކްސް ބޭނުންކޮށްގެން ފޯރުކޮށްދޭ އެހީތެރިކަން، އެއްވެސް މެދުކެނޑުމަކާއި ނުލާ 24 ގަޑިއިރު ލިބިގެންދާނެ،” އުރީދޫން ބުންޏެވެ.

މޫލީ މެދުވެރިކޮށް ކަސްޓަމަރުންނަށް ޔަގީންކޮށްދެވޭ ފައިދާތަކުގެ ތެރޭގައި:

  • މުޅި ރާއްޖެއަށް ޑެލިވަރީކޮށްދިނުން
  • 100% އަސްލު ނުވަތަ ޖެނުއިން ބްރޭންޑުތައް
  • އިތުބާރާއިއެކު ވިޔަފާރިކުރެވޭ ޕްލެޓްފޯމެއް
  • ފަސޭހަކަމާއި އެކު ގަނެވިއްކައި، ވިޔަފާރި ކުރުމުގެ ފުރުސަތު
  • ލިބޭ ޕްރޮޑަކްޓުގައި އެއްވެސް މައްސަލައެއް އުޅޭނަމަ، ފަސޭހަކަމާއި އެކު ބަދަލުކޮށްލެވޭ

އުރީދޫން ބުނީ، މޫލީގެ ސަބަބުން، އުރީދޫގެ ކަސްޓަމަރުންނަށް ޚިދުމަތް ހޯދުމަށް ފިހާރައަކަށް ދާންޖެހޭ ދިއުން ލުއިވެގެންދާނެ ކަމަށެވެ. އަދި ބަދަލުގައި، ކަސްޓަމަރުންނަށް މިހާރު އޮންލައިކޮށް އުފެއްދުންތައް ގަތުމުގެ ފުރުސަތު ފޯރުކޮށްދީ، ގަންނަ ޚިދުމަތްތައް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ފޮނުވާލަދެވޭނެ ކަމަށްވެސް އުރީދޫން ބުންޏެވެ.

“އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި މަސައްކަތް ކުރާ މި ޕްލެޓްފޯމް މެދުވެރިކޮށް ގަނެވިއްކުމަށް ވަރަށް އަވަހަށް ހުޅުވާނަން. މޫލީ މެދުވެރިކޮށް އަޅުގަނޑުމެންނަށް ލިބިގެންދާ އެންމެ މުޙިއްމު އެއް ފައިދާ އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ކުދި ވިޔަފާރިތަކަށް، ފަސޭހަ ކަމާއި އެކު ވިޔަފާރިކޮށް، ރާއްޖޭގެ އެންމެހާ ރައްޔިތުންނާއި ހަމައަށްވެސް އެ ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު ލިބޭނެކަން. އަޅުގަނޑުމެންގެ އުއްމީދަކީ، މޫލީ  ބޭނުންކުރައްވާ އެންމެހާ ބޭފުޅުންނަށްވެސް ވަރަށް އެދެވޭ ފައިދާތަކެއް ލިބި، ދިވެހިންގެ ހަޔާތަށް އިތުރު ފުރިހަމަކަމާއި ފާގަތިކަން ފަހިވެގެންދިއުން.” އުރީދޫގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޙާން ވިދާޅުވިއެވެ.

މޫލީ އާއިއެކު، އުރީދޫއިން ކަސްޓަމަރުންނާއި ކުރިޔަށް ވުރެ ގާތްކޮށް، އެންމެ ގުޅޭގޮތަށް ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެއެވެ. ޕްރެސްޓޯ އާއިއެކު އުރީދޫ މޯލްޑިވްސްއިން ތަޢާރަފްކުރާ ޕްލެޓްފޯމް މެދުވެރިކޮށް، އެކި ކަސްޓަމަރުންގެ ތަފާތު އެކި ބޭނުންތަކާއި ގުޅޭގޮތަށް، މުދާ ބައްލަވައިގަތުމުގައި ވަރަށް ތަފާތު ތަޖުރިބާއެއް ފޯރުކޮށްދޭނެއެވެ. ބޭނުންކުރާ މިންވަރާއި، ގޮތްތަކާއި، ކަމުދާ ކަންކަމަށް ބެލުމަށްފަހު. އެކަސްޓަމަރަކާއި އެންމެ ގުޅޭ ގޮތަށް ފަރުމާކުރެވިފައިވާ ވިޔަފާރި ތަޖުރިބާ ލޭންޑިންގ ސްކްރީނުން ފެށިގެން ދާއިރު، ނިންމާލެވޭނީ ލޯޔަލްޓީ ޕޮއިންޓްސް ތަކެއް ހަދިޔާ ކުރެވިގެންނެވެ. މީގެ އިތުރުން މޫލީ ބޭނުންކުރާ ފަރާތްތަކުގެ މުއާމަލާތްތަކުން ދަސްކޮށް، އެންމެ ގުޅޭ ކޮންޓެންޓް ހޯދުމަށް އެހީތެރިވެ، އޮންލައިން ވިޔަފާރީގެ ތަޖުރިބާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެއެވެ.

ރާއްޖޭގެ އެންމެހާ ކަންކޮޅުތަކަށް ފަސޭހަކަމާއި އެކު މުދާ ފޯރުކޮށްދިނުމުގައި، އުރީދޫ މޫލީގެ ލޮޖިސްޓިކް ޕާޓްނަރ އަކީ ރެޑް ބޮކްސް އެވެ.

އުރީދޫ މޫލީގެ ޚިދުމަތް ހޯއްދެވުމަށް، މައި އުރީދޫ އެޕްގެ އެންމެ ފަހުގެ ވަރޝަން ޑައުންލޯޑު ކުރައްވާށެވެ. އަލަށް ތައާރަފް ކުރެވިފައިވާ މައި އުރީދޫ އެޕްގެ ފަހުގެ ވަރޝަންގައި މޫލީގެ އިތުރުން، މޮބައިލް އަދި ބްރޯޑްބޭންޑުގެ ޚިދުމަތްތައް މެނޭޖްކޮށް، އެމް-ފައިސާގެ ޚިދުމަތްވެސް ބޭނުންކުރެވޭނެއެވެ.

މައި އުރީދޫ އެޕް ޑައުންލޯޑު ކުރެއްވުމަށް، http://ore.do/app އަށް ޒިޔާރަތް ކުރަށްވާށެވެ. ހަމައެހެންމެ، މޫލީ އާއި ބެހޭ އިތުރު މައުލޫމާތު، http://ore.do/moolee މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.