ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހެމުންދާތީ، ބ. އަތޮޅުން ފެށިގެން ދ. އަތޮޅާއާ ދެމެދުގެ ރަށްތަކަށް މިރޭ ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި ބ. އަތޮޅުން ފެށީގެން ދ. އަތޮޅަށް ޔެލޯ އެލާޓް ނެރެފައިވަނީ މިރޭ 7:00 އިން 9:30 ގެ ނިޔަލަށެވެ.
އެގޮތުން އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލު ބާރުމިނަށް ވައިގަދަ ވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.
މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ވައިގެ ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ މޫސުމަށް ސަމާލުވާން މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ވަނީ އިލްތިމާސްކޮށްފަ އެވެ. ވިއްސާރައިގެ ސަބަބުން ބައެއް ރަށްރަށުގެ ގެތަކުގެ ފުރާޅު އެއްލާލުމާއި ގަސްތައް ވެއްޓުމުގެ ހާދިސާތައް ވެސް ދަނީ ހިނގަމުންނެވެ.