ލެވިސްޓާ ކަޕްގެ ޗެމްޕިއަންކަން ސައިނޯސާ ހޯދައިފި

އޭދަފުށީ ވެލާ ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން މިރަށުގައި ކުރިއަށްގެންދިޔަ ލެވިސްޓާ ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އަލީ އަޝްފާގް (ދަގަނޑޭ) ގެ އެހީތެރިކަމާ އެކު ސައިނޯސާ ފުޓްބޯލް ކްލަބް ހޯދައިފި އެވެ.

މިއަދު ހަވީރު އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑުގައި އެމްއޭ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ފައިނަލް މެޗުން ސައިނޯސާ މޮޅުވީ 4-2 އިންނެވެ.

މިއީ ކޮންމެ އަހަރަކު އޭދަފުށީގައި ބާއްވާ ބޮޑު އީދުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސައިނޯސާ ޓީމުން ހޯދި ފަސް ވަނަ ފަހަރެވެ. އެންމެ ފަހުން މި މުބާރާތުގެ ޗެމްޕިއަންކަން ސައިނޯސާ ޓީމުން ހޯދީ 2000 ވަނަ އަހަރު އެވެ. އޭގެ ކުރިން އެޓީމުން ވަނީ 1997 ވަނަ އަހަރުން ފެށިގެން ޖެހިޖެހިގެން ހަތަރު އަހަރު މި މުބާރާތުގެ ތަށި ހޯދާފަ އެވެ.

މިފަހަރު އެޓީމަށް ޗެމްޕިއަންކަން ލިބުނީ 18 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު އެވެ. އެޓީމުން އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 2000 ވަނަ އަހަރު އެވެ. މި ކާމިޔާބީއާ އެކު އެޓީމު ވެފައިވަނީ އެމްއޭ ޔުނައިޓެޑާ އެކު މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަށެވެ.

މިއަދުގެ މެޗު ސައިނޯސާއިން ކާމިޔާބުކުރީ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނުނު އެމްއޭ ޔުނައިޓެޑުން ދެ ގޯލު ޖަހާފައި ވަނިކޮށް މެޗުގެ ފަހު 20 މިނެޓުގައި ފަހަތުން އަރައި ހަތަރު ގޯލު ޖަހައިގެންނެވެ. ދެ ޓީމުގައި ވެސް އެއް ވަނަ ޑިވިޝަނުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނުނު މެޗުގެ ފުރަތަމަ ގޯލު ޖެހީ އެމްއޭ ޔުނައިޓެޑުންނެވެ. ފުރަތަމަ ހާފުގައި މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. ދެ ވަނަ ހާފުގައި އެމްއޭ ޔުނައިޓެޑުން ލީޑު ފުޅާކުރީ ސެންޓޭގެ ބޭބެ މުހައްމަދު ފާސިރު ޖެހި ގޯލުންނެވެ. ފާސިރު މި ގޯލު ޖެހީ ހުސްކޮށް ލިބުނު ބޯޅަ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ސައިނޯސާ ޓީމުން މެޗު ތެރެއަށް ވަނީ އެމްއޭ ޔުނައިޓެޑްގެ ސާމީ އިބްރާހީމް އަތުން ބައިކޮޅަށް ވަތް ގޯލުންނެވެ. އޭގެ ފަހުން އެޓީމުން ވަނީ ގާތްގާތުގައި ގިނަ ހަމަލާތަކެއް އުފައްދައި ޕްރެޝަރު ބޮޑުކޮށްފަ އެވެ. ސައިނޯސާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ދަގަނޑޭ ނަގައިދިން ހުރަހަކުން ހަމްދާން އަބްދުއްސައްތާރު ބޮލުން ޖެހި ގޯލުންނެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ފަހު އިރުކޮޅެއް ތެރޭ ސައިނޯސާއިން މެޗުގައި ލީޑު ނެގީ ދަގަނޑޭ ހޯދައިދިން ޕެނަލްޓީއަކުން މުހައްމަދު އުމެއިރު އެވެ. އޭގެ ފަހުން ސައިނޯސާ އަށް ތަށި ޔަގީންކޮށްދިން ގޯލު މެޗު ނިމެން އުޅެނިކޮށް ކާމިޔާބުކޮށްދިނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ދަގަނޑޭ އެވެ. ދަގަނޑޭ އަށް އޭރިޔާ ތެރެއިން ލިބުނު ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ފޮނުވާލީ ގޯލުގެ ތިރީ ކަނަށެވެ. ދިގު އިންތިޒާރަކަށް ފަހު ސައިނޯސާ ޓީމުން ތަށި ހޯދި މެޗުގެ ނަތީޖާ އަނބުރާލުމުގައި ދަގަނޑޭ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު މިޑްފީލްޑަރުގެ މަގާމް ހޯދީ ސައިނޯސާ ޓީމަށް ކުޅުނު ކްލަބް ގްރީން ސްޓްރީޓްސްގެ އުމެއިރު އެވެ. އެންމެ މޮޅު ފޯވާޑުގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ ދަގަނޑޭ އެވެ. ދަގަނޑޭ ވަނީ މުބާރާތުގައި ހަ ގޯލު ޖަހައިފަ އެވެ. އެންމެ މޮޅު ޑިފެންޑަރަކަށް އެމްއޭ ޔުނައިޓެޑަށް ކުޅުނު ގްރީން ސްޓްރީޓްސްގެ އަލް ސައީދު ހޮވުނުއިރު 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެޓީމުގެ އަނޫސް މުހައްމަދު އެވެ. މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދީ އެއްވަނަ ޑިވިޝަނުގެ ގިނަ ޓީމުތަކަށް ކުޅުނު މުހައްމަދު އިމްރާން އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.