އޭދަފުށި ހިމެނެނީ ސަބް ރީޖަންގެ ގޮތުގައި

މަތިން ނަގާފައިވާ އޭދަފުށީގެ އޭރިއަލް ފޮޓޯއެއް– ފޮޓޯ- ފާރިހް

ހަމައެކަނި މާލެ ސަރަހައްދަށް ބާރުތަކާއި ޚިދުމަތްތައް ޖަމާކުރުމުގެ ބަދަލުގައި މުޅި ރާއްޖެ ފަސް ސަރަހައްދަކަށް ބަހާލައިގެން ތަރައްގީ ކުރާއިރު ބ. އޭދަފުށި ސަބްރީޖަންގެ ގޮތުގައި ކަނޑައަޅަން ނިންމައިފި އެވެ.

ހުޅުމާލޭ ހުރަވީ ސްކޫލްގައި އެމްޑީޕީން ކުރިއަށް ގެންދާ ކައުންސިލަރުންގެ ކޮންފަރެންސްގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މިހާރު އެކުލަވާލަމުން އަންނަ ގައުމީ ތަރައްގީގެ ޕްލޭންގައި، ރާއްޖެ ތަރައްގީ ކުރަން ރާވާފައި އޮތީ މައިގަނޑު ފަސް ސަރަހައްދަކަށް ބަހާލައިގެން ކަމަށެވެ.

 އެގޮތުން ޕްރައިމަރީ ސަރަހައްދުތަކުގެ ގޮތުގައި ފާހަގަކުރި ރަށްތަކަކަކީ  ހދ. ކުޅުދުއްފުށި، ޅ. ނައިފަރު،  ލ. ގަން،  ގދ. ތިނަދޫ އަދި  ސ. ހިތަދޫ އެވެ.

 މިނިސްޓަރު އަސްލަމް ވިދާޅުވި ގޮތުގައި އެ ސަރަހައްދުތައް ކަނޑައެޅީ އިގްތިސާދީ ހާލަތާއި އާބާދީ އަށް ބަލައިގެން ކަމަށާއި އެ ސަރަހައްދުތައް އަދި ފައިނަލް ނުވެ އެވެ.

 މި ފަސް ރަށް ވަށައިގެން 20 މޭލުގައި ހުންނަ ރަށްތަކަކީ ސަބް ރީޖަންގެ ގޮތުގައި ކަނޑައަޅަން ވަނީ ނިންމައިފަ އެވެ. އެ ރަށްތަކުގެ ތެރޭގައި ހއ. އިހަވަންދު އާއި ށ. ފުނަދު އާއި ނ. މާފަރާއި ރ. ދުވާފަރާއި ބ. އޭދަފުއްޓާއި ދ. ކުޑަހުވަދު އާއި ތ. ތިމަރަފުއްޓާއި ގއ. ވިލިނގިއްޔާއި ފުވައްމުލައް ހިމަނަން އޮތީ ވިސްނައިފަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި “މޯލްޑިވްސް ނޭޝަނަލް ސްޕޭޝަލް ޕްލޭން” ގެ ނަމުގައި ކުރިއަށް އޮތް 20 އަހަރަށް ރާއްޖޭގެ ރަށްތައް ތަރައްގީ ކުރުމުގެ ޕްލޭން ފައިނަލްކުރާނީ ކަމާބެހޭ ފަރާތްތަކުގެ ލަފަ އާއި މަޝްވަރާއާ އެކުގަ އެވެ.

މައި ރަށްތައް ތަރައްގީ ކުރަން ނިންމާފައިވަނީ އެރަށްތަކާ އެހެން ރަށްތައް ގުޅޭގޮތަށެވެ. އަދި އެކަން ކުރާނީ ރަނގަޅު ދަތުރުފަތުގެ ނިޒާމެއްގެ ތެރެއިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މައި ރަށްތަކެއް ކަނޑައެޅުންވެސް އެ ރަށްތަކާ ދުރުގައި އޮންނަ ރަށްތަކެއް އޮވެ އެވެ.

އެފަދަ ރަށްތަކަކީ  ފ. ނިލަންދޫ،  އދ. މާމިގިލި،  މ. ކޮޅުފުށި،  މ. މުލި، ވ. ފެލިދޫ، ގދ. ފަރެސްމާތޮޑާ، ގދ. ގައްދޫ، އއ. ރަސްދޫ އަދި އދ. މަހިބަދޫ އެވެ.

 މިނިސްޓަރު ވިދާޅުވިގޮތުގައި އެ ރަށްތައް ތަރައްގީ ކުރަން ނިންމާފައިވަނީ “ކްލަސްޓާއެއް”ގެ ގޮތުގަ އެވެ. އެއީ ދަތުރުފަތުގެ ތެރެއިން ގުޅުވައިގެން ކުދި ރަށްތައް އެކުގައި ތަރައްގީ ކުރުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.