
އަންނަ ރިޔާސީ އިންތިހާބުގައި ބ. އޭދަފުށިން މަދުވެގެން 800 ވޯޓް ނަގާނެކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީގެ ސިޔާސަތުތައް ހާމަކުރަމަށާއި އެމްޑީޕީގެ ސަރުކާރެއްގައި ކަންތައްތައް ކުރަން ނިންމާފައިވާ ގޮތް ރައްޔިތުންނަށް ހާމަކުރުމުގެ ގޮތުން ބާއްވަމުންގެންދާ ސިލްސިލާ ބައްދަލުވުން ތަކުގެ ތެރެއިން ރޭ ފަސްމީރު ކަންމަތީގައި ބޭއްވި ބައްދަލުވުމުގައި އެމްޑީޕީ ބ. އޭދަފުށީ ދާއިރާގެ ނައިބް ރައީސް އާޔަތުﷲ އަބްދުއްރަހްމާން ވިދާޅުވީ 2008 ގައި މުޅި އޭދަފުށިން އެމްޑީޕީއަށް ލިބިފައިވަނީ 485 ވޯޓް ކަމަށާއި މިފަހަރު މަދުވެގެން މިރަށުން 800 ވޯޓް ނަގާނެ ކަމަށެވެ. އަދި މުޅި ބ. އަތޮޅުން އެމްޑީޕީއަށް ލިބޭ ވޯޓްގެ ނަތީޖާ 65 ޕަސެންޓަށްވުރެއް ދަށް ނުވާނެ ކަމަށްވެސް އާޔަތުﷲ ވިދާޅުވި އެވެ.
“އަޅުގަނޑުމެނަށް ބޭނުއްމެއް ނުވޭ އެއްލައްކަ ތިރީސްހާސް ވޯޓެއް. އަޅުގަޑުމެނަށް މި އިންތިހާބު ކާމިޔާބު ކުރެވޭނެ އެއްލައްކަ ފަސްހާސް ވޯޓުން ވެސް. އަޅުގަޑުމެންގެ އަތުގައި މި އަދަދު އެބައޮތް. އިރާދަކުރެއްވިޔާ މި އިންތިހާބު އަޅުގަނޑުމެން އެއްބުރުން ނަގާނަން”
ރޭގެ ބައްދަލުވުމުގައިވެސް “އެއްބުރުން” ރައީސް ނަޝީދަށް ވޯޓްދޭންޖެހޭ ސަބަބުތަކުގެ މައްޗަށް އަލިއަޅުވާލާ ކެމްޕޭން ޓީމުގެ އޭދަފުށީ ކޯޑިނޭޓަރު އަހްމަދު ލަތީފު އާއި ކެމްޕޭން ޓީމުގެ އިސްމެންބަރެއް ކަމަށްވާ އަހްމަދު އާތިފް (އާއްޓޭ) ވެސް ވާހަކަފުޅު ދެއްކެވި އެވެ.
އެބޭފުޅުންގެ ވާހަކައިގައި އެމްޑީޕީން މި ނުކުމެ އުޅެނީ ތަސައްވުރަކާއެކީ ކަމަށާއި ޚިޔާލީ ފިކުރެއްގައި ނޫން ކަމަށަށާއި އަދި ކަންތައްތަކެއް ޕްލޭން ކުރަން ރޭވި އޭގެ ތަޖުރިބާ ރައްޔިތުން ބަލައިގެންފައިވާތީ ކަމަށްވެސް އެ ބޭފުޅުން ވިދާޅުވި އެވެ.