މަންތާ ފެސްޓިވަލްގެ މީޑިއާ ޕާޓްނަރަކަށް އީޓީ

މަންތާ ޓްރަސްޓް އިން އިންތިޒާމުކޮށްގެން ބ. އަތޮޅު ބަޔޯސްފިއާ ރިޒާވާ އޮފީހާ ބ. އަތޮޅު ކައުންސިލާއި އަދި ފޯސީޒަން ލަނޑާ ގިރާވަރު ރިސޯޓް ގުޅިގެން  “ބ. މަންތާ ފެސްޓިވަލް” ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް މިއަހަރުވެސް އޭދަފުށީ ޓައިމްސް “އީޓީ” ހަމަޖައްސައިފި އެވެ.

މިއަހަރުގެ މަންތާ ފެސްޓިވަލް އޮންނާނީ ސެޕްޓެމްބަރު 20-21 އަށް އޭދަފުށީގައި އެވެ.

 ދަ މަންތާ ޓްރަސްޓް އިން ބުނިގޮތުގައި މި ފެސްޓިވަލަކީ ރާއްޖޭގެ ކަނޑުފަޅުތަކުގެ ދިރުމުގެ މުއްސަނދިކަމާ، މިތަންތަނުގައި އުޅޭ ދިރޭ ތަކެތި ރައްކާތެރިކޮށް ޙިމާޔަތްކުރުމާބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމަށް ކުރުމުގެ މަޤްޞަދުގައި ބާއްވާ ފެސްޓިވަލެކެވެ.

އެގޮތުން މި ފެސްޓިވަލުގައި ބ. އަތޮޅުގެ ސަރަޙައްދުގައި އާންމުކޮށް އުޅޭ މަޑިތަކާ އެހެނިހެން ދިރޭ ތަކެތި ރައްކާތެރިކުރުމާބެހޭ ގޮތުން އާންމުންނާ ސްކޫލުތަކުގެ ދަރިވަރުންގެ މެދުގައި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ހިންގަން ހަމަޖެހިފައިވާކަމަށް ވެސް މަންޓާ ޓްރަސްޓް އިން ބުނެ އެވެ.

މިފަހަރުގެ ފެސްޓިވަލުގައި ބ. އަތޮޅުގެ ސްކޫލުތަކުގެ އިތުރުން ރ. އަތޮޅާއި މާލޭގެ ބައެއް ސްކޫލުތަކުން ދަރިވަރުން ބައިވެރިވާނެ އެވެ. މި ފެސްޓިވަލުގެ ތެރެއިން ބ އަތޮޅުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ސްނޯކަލް ކުރުމަށް ފުރުޞަތުވެސް ލިބިގެންދާނެ އެވެ. އަދި ސްކޫލުތަކުގެ ދަރިވަރުންގެ މެދުގައި ތަފާތު މުބާރާތްތައް ވެސް ކުރިއަށްދާނެ އެވެ.

ފެސްޓިވަލުގައި މައުލޫމަތު ޙިއްސާކުރުމުގެ ޚާއްޞަ ހަރަކާތްތަކާ، ލައިވް މިއުޒިކް ޝޯވްތަކާ އެކު ނައިޓް މާކެޓްގެ އިތުރުން ކާބޯތަކެތި ވިއްކާ ސްޓޯލްތައްވެސް ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.

މިދިޔަ އަހަރު ބޭއްވި މަންތާ ފެސްޓިވަލުގެ ތެރެއިން. މިއަދުގެ ފެސްޓިވަލް އޮންނާނީ މިމަހު 20-21 އަށް އޭދަފުށީގައި

މިއީ މި ފެސްޓިވަލް ބާއްވާ ދެވަނަ އަހަރެވެ. ފުރަތަމަ ފެސްޓިވަލް މިދިޔަ އަހަރު ބޭއްވީ ދަރަވަންދޫގަ އެވެ.

މި ފެސްޓިވަލްގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް މި ނޫސް ހަމަޖެއްސުމުން ފެސްޓިވަލްގެ ހަބަރުތަކާއި ފޮޓޯތައް މިނޫހުން ކިޔުންތެރިންނަށް ގެނެސްދެމުން ގެންދާނެ އެވެ.

ބ. އަތޮޅު ކޮމިޔުނިޓީއަށް ޚާއްސަކޮށްގެން 2008 ވަނަ އަހަރުން ފެށިގެން ނެރެމުން އަންނަ މި ނޫހުން ދަނީ އަތޮޅު ފެންވަރުގަ އާއި ރަށު ފެންވަރުގައި ބާއްވާ މިފަދަ ބޮޑެތި އިވެންޓްތަކަށް އަބަދުވެސް ބޮޑު އެހީތެރިކަމެއް ދެމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.