މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ހިއްސާ ވިއްކުމުގެ މުއްދަތު މިމަހުގެ 22 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފި އެވެ.
ހިއްސާ ވިއްކުމުގެ މުއްދަތު އިތުރުކުރީ އެމްއައިބީން ބުނިގޮތުގައި، މިދިޔަ ޖުލައި މަހުގެ 28 އާއި އޯގަސްޓް މަހުގެ 19 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ހެދުމުންނެވެ. މި ބަދަލު ގެނައީ ޕްރޮސަޕެކްޓަސް ގައި ބުނެފައި އޮތް ގޮތަށް އައިޕީއޯ ހުޅުވާލާފައި އޮންނަތާ ވިޔަފާރި ކުރެވޭ 35 ދުވަސް ހަމަވާން ޖެހޭތީ އެ ކުންފުނިން ބުންޏެވެ.
އެމްއައިބީގެ ހިއްސާ ވިއްކަން ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން އެ ބޭންކުގެ 6.9 މިލިއަން ހިއްސާ ވިއްކުމަށް އެމްއައިބީން ވަނީ ހުޅުވާލައިފަ އެވެ.
އެމްއައިބީން ހިއްސާ ވިއްކުމަށް ހުޅުވާލުމުން ގިނަ ބައެއްގެ ތަރުހީބު އަންނަނީ ލިބެމުންނެވެ. އެގޮތުން އެކި ކައުންސިލްތަކުންނާއި ކުންފުނިތަކުން އަދި އަމިއްލަ ފަރާތްތަކުން ވަނީ ހިއްސާ ގަނެފަ އެވެ.