ބީއެމްއެލްގެ ސެލްފް ސާވިސް ސެންޓަރު ކެލަ އާއި ބާރަށަށް

ބީއެމްއެލްގެ ސެލްފް ސާވިސް ސެންޓަރު ހއ. ކެލާ އާއި އެއަތޮޅު ބާރަށުގައި ގާއިމުކޮށްފި އެވެ.

މިއީ ބޭންކުގެ ހިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކުރުމަށް ބީއެމްއެލުން ކުރާ މަސައްކަތުގެ ދަށުން ހުޅުވި ސެންޓަރުތަކެކެވެ. މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 49 ސެލްފްސާވިސް ސެންޓަރުގެ ހިދުމަތް ބީއެމްއެލުން އަންނަނީ ދެމުންނެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި މި ހިދުމަތާއެކު، ހއ. ގައި ބީއެމްއެލް އިން އޭޓީއެމްގެ ޚިދުމަތް ދޭ ރަށްތަކުގެ އަދަދު 5 އަށް އެރީއެވެ. މީގެ އިތުރުން ބޭންކުން އަންނަނީ ހޯރަފުށި، އިހަވަންދޫ އަދި ދިއްދޫގައި ޤާއިމްކޮށްފައިވާ 3 ބްރާންޗް މެދުވެރިކޮށް ޚިދުމަތް ދެމުންނެވެ.

ބީއެމްއެލުން ބުނީ ސެލްފް ސާވިސް ސެންޓަރުތަކުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މިއަދަކީ މުޅި ރާއްޖެ އަށް އަމާޒުކޮށް ބޭންކިންގ ޚިދުމަތް ފުޅާކޮށް، ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ ގޮތް ހެދުމަށް ބޭންކުން ކުރިއަށްގެންދާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން މުހިންމު ފިޔަވަޅެއް އެޅުނު ދުވަހެއް ކަމަށެވެ.

“ފަތުރުވެރިންނާއި ދިވެހިންގެ މެދުގައި މަގްބޫލްކަން ލިބެމުން އަންނަ ހއ. އަތޮޅަށާއި, ފަރުދުންނާއި ވިޔަފާރިތަކާއި މި ދެރަށުގެ ރައްޔިތުންނަށް މި އޭޓީއެމް ސެންޓަރތައް މެދުވެރިކޮށް ބޭންކިންގ ޚިދުމަތް ހޯދުމަށް އިތުރު ލުއި ފަސޭހަކަމެއް ހޯދައިދެވުނު ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިއާއެކު ފައިސާގެ މުއާމަލާތްކުރުމަށް އެންމެ ކައިރި ބްރާންޗަށް ކުރާ ދަތުރުތަކަށް ނިމުމެއް އައިސް، ބޭނުން ކޮންމެ ވަގުތަކު ފަސޭހަކަމާއެކު  ބޭންކިންގ ޚިދުމަތް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ.” ޓިމް ސޯޔަރ ވިދާޅުވި އެވެ.

ބީއެމްއެލުން ވަނީ އެ ކުންފުނީގެ ހިދުމަތްތައް ފުޅާކުރުމަށް ރާއްޖޭގެ އެކި ރަށްތަކުގައި ކޭޝް އޭޖެންޓުންނާއި ޕީއޯއެސް މާޗަންޓުންގެ އިތުރުން އޭޓީއެމްތައް ވެސް ގާއިމް ކޮށްފަ އެވެ. ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.