ދޯނި ލޮކޭޓިން ޑިވައިސް ހަރުކުރަން އުރީދޫއަށް

މަސް ދޯނި ފަހަރުގައި “ވެސަލް ލޮކޭޓިން ޑިވައިސް” ހަރު ކުރަން އުރީދޫ މޯލްޑިވްސްއާ ހަވާލު ކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު ޒަހާ ވަހީދެވެ. އުރީދޫގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބު ހާނެވެ.

ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މިޕްރޮޖެކްޓްގެ ދަށުން ލައިސަންސް ދީގެން މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ހަރުކުރުމަށް 700 ވެސަލް ލޮކޭޓިންގެ ޑިވައިސް އުރީދޫއިން ސަޕްލައި ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން އުޅަނދުފަހަރުގައި ހަރުކުރާ ވެސަލް ލޮކޭޓިން ޑިވައިސްތަކަކީ، އެންމެ ޒަމާނީ ޓެކްނޮލޮޖީއާއެކު ތަޢާރަފްކުރެވޭ ވަސީލަތެކެވެ.

މި ޑިވައިސްތަކުގެ އެހީގައި އުޅަނދުފަހަރު އޮތް ސަރަހައްދު ގަޑިއަކު އެއްފަހަރު، މޮނިޓަރިން ސްޓޭޝަންތަކަށް ލިބި، އުޅަނދުގެ ވެރިފަރާތް ނުވަތަ އޮޕަރޭޓަރަށްވެސް އެފަރާތްތަކުގެ އުޅަނދުގެ ހަރަކާތްތައް ކޮންމެ ވަގުތެއްގައި ބަލާލުމުގެ ޤާބިލްކަން ލިބިގެންދާނެއެވެ.

މީގެއިތުރުން، އުޅަނދެއް ހާލުގައި ޖެހިއްޖެނަމަ، ޑިސްޓްރެސް ބަޓަން މެދުވެރިކޮށް އިމަރޖެންސީ ހާލަތެއް މެދުވެރިވެއްޖެކަމުގެ ސިގްނަލް ސެޓްލައިޓް މެދުވެރިކޮށް އުޅަނދު އޮތް ސަރަޙައްދުގެ މަޢުލޫމާތާއެކު ކޮންމެ 5 މިނެޓަކުން މޮނިޓަރިން ސްޓޭޝަންސްތަކަށް ފޮނުވަމުންދާނެއެވެ. މިކަމުގެ ސަބަބުން، ހާލުގައި ޖެހޭ އުޅަނދަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ނަގާ ވަގުތު ކުޑަވެ ދުރު ސަރަހައްދު ތަކުގައި ހަރަކާތްތެރިވާ މަސްވެރި އުޅަނދުފަހުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެންދާނެއެވެ. އަދި މީގެއިތުރުން، މިޑިވައިސްއަކީ އުޅަނދު މޯބައިލް ރޭންޖްއިން ބޭރުގައިވާ ވަގުތުތަކުގައި ވެސް ސެޓަލައިޓް މެދުވެރިކޮށް އުޅަނދަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގާބިލްކަން ލިބިގެންވާ އާލާތެއްކަމަށްވެސް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއެވެ.

އަލަށް މިގެނެވޭ ވެސަލް ލޮކޭޓިންގް ޑިވައިސްތައް ލައިސަންސް ނަގައިގެން މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރަށް ހިލޭ ދޫކޮށް ހަރުކޮށް ދިނުމުގެ އިންތިޒާމްތައް އުރީދޫއާއި މިނިސްޓްރީން ގުޅިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިކަމާއި ބެހޭ މަޢުލޫމާތު ކުރިއަތް އޮތް ދުވަސްތަކުގައި މަސްވެރި އުޅަނދުފަހަރަށް މިނިސްޓްރީން އަންގަމުންދާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިޕްރޮޖެކްޓްގެ ދަށުން ހަރުކުރާ ވެސަލް ލޮކޭޓިންގ ޑިވައިސްތަކުގެ މަހުފީގެ ގޮތުގައި އުރީދޫއިން ދޫކުރާ ބޭސިކް ޕެކޭޖަށް ނަގާނެ މިންވަރަކީ 607 ރުފިޔާއެވެ.

މިޕެކޭޖްގެ ދަށުން ގަޑިއަކު އެއްފަހަރު އުޅަނދު އޮތްސަރަހައްދުގެ މަޢުލޫމާތު ސެޓްލައިޓް މެދުވެރިކޮށް މޮނިޓަރިންގ ސްޓޭޝަންތަކަށާއި އުޅަނދު އޮޕަރޭޓްކުރާ ފަރާތްތަކަށް ފޯރުކޮށްދެމުން ދާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.