ސޫއްޕާއި ޖަނަވާރުތަކަށް ޖެހޭ ބަލިތައް ދެނެގަތުމުގެ ޕްރޮގްރާމެއް ހިންގައިފި

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިން ސޫއްޕާއި ޖަނަވާރުތަކަށް ޖެހޭ ބަލިތައް ދެނެގަތުމުގެ ޕްރޮގްރާމެއް ބ. ފެހެންދޫ އާއި ހިތާދޫގައި ހިންގައިފި އެވެ.

މިދެރަށަކީ މިއަތޮޅުގައި ބަކަރި އަދި ކޯލިދޫނީގެ ބާވަތްތައް ގެންގުޅެ، ވިއްސާ އާލާކޮށްގެން އާމްދަނީ ހޯދާ ބަޔަކު ދިރިއުޅޭ ދެރަށެވެ.

މިމަހުގެ 23 އިން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ ތެރޭގައި ކޯލިދޫންޏާއި ބަކަރިއަށް އާންމުކޮށް ޖެހޭ ބަލިތަކާއި އެބަލިތައް ދެނެގަންނާނެ އަލާމާތްތައް ކިޔައިދިނުމުގެ އިތުރުން، މިފާމްތައް އިންސްޕެކްޓް ކޮށްފައިވެ އެވެ. އެގޮތުން މި ދެރަށުން ޖުމްލަ 4 ފާމް އިންސްޕެކްޓް ކޮށްފައިވާ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުންޏެވެ.

މި ފާމްތަކުގައި ގެންގުޅޭ ބަކަރިން ލޭގެ ސާމްޕަލް ނެގުމަށްފަހު ބަކައްޓަށް ޖެހޭ ބައްޔެއް ކަމަށްވާ ފުޓް އެންޑް މައުތް ޑިޒީސް (އެފްއެމްޑީ) އަށް ވަނީ ޓެސްޓްކޮށްފަ އެވެ.

އަދި ފާމްތަކުގެ ހަޔަވީ ރައްކާތެރިކަމުގެ (ބަޔޯސެކިއުރިޓީ) ހާލަތު ބަލައި ރަނގަޅު ކުރަންވީ ކަންތައްތަކާ ބެހޭގޮތުން ލަފާ ދީފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ޖަނަވާރުތަކުގެ ސިއްހީ ހާލަތު ބަލައި، ބަލި ޖަނަވާރުތަކަށް ވަނީ ފަރުވާދީފަ އެވެ.

މިޕްރޮގުރާމުގެ ތެރޭގައި ފެހެންދޫ އާއި ހިތާދޫގައި ގެންގުޅޭ ޖަނަވާރުގެ ތަފާސްހިސާބު ވަނީ ނަގާފަ އެވެ.

އެގްރިކަލްޗާ މިނިސްޓްރީން ބުނި ގޮތުގައި މި ޕްރޮގްރާމަކީ ދިރޭ ޖަނަވާރު ގެންގުޅޭ ރަށްތަކުގެ ތެރެއިން ވަކި ރަށްތަކެއް ކަނޑައަޅައިގެން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.