ބ. ދޮންފަނު ސްކޫލުގެ ޕީޓީއޭ އިން އިންތިޒާމުކޮށްގެން ޑިނަ ނައިޓެއް ހުކުރު ދުވަހުގެ ރޭ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
“ޕީޓީއޭ މަލާފަތް 2019” ނަމުގައި އަންނަ ހުކުރު ދުވަހުގެ ރޭ 8:00 ން 10:30 އަށް އެ ސްކޫލުގައި ބާއްވާ ޑިނާ ނައިޓުގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ ދިވެހި ކެއުމުގެ ރަހަތައް ކަމަށް ދޮންފަނު ސްކޫލުން ބުންޏެވެ.
ދޮންފަނު ސްކޫލުގެ ޕްރިންސިޕަލް އަލީ ހިޝާމް ވިދާޅުވީ މި ޑިނަ ނައިޓަކީ ދަރިވަރުންނާއި ގުޅުންހުރި އެކިއެކި ހަރަކާތްތަކުގަ އާއި ސްކޫލުގެ ވަސީލަތްތައް އިތުރަށް ތަރައްގީ ކުރުމަށް ފައިސާ ހޯދުމަށް ބާއްވާ ޑިނަ ނައިޓެއް ކަމަށެވެ.
“އެގޮތުން ޕީޓީއޭގެ ފަންޑުން ކުރެވިފައިވާ ހާއްސަ ކަންތައްތަކުގެ ތެރޭގައި ކޮމްޕިއުޓަރު ލެބަށް ކޮމްޕިއުޓަރު އިތުރު ކުރުމާއި ކްލާސްރޫމުތައް ޑިޖިޓަލް ކުރުމަށް ޓީވީ ހަރުކުރުން ހިމެނޭ،” ހިޝާމް ވިދާޅުވި އެވެ.
ދޮންފަނު ސްކޫލުގައި ކުރިޔަށް ގެންދިއުމަށް ރާވާފައިވާ މި ހަރަކާތުގައި ބޮޑުބެރު އައިޓަމްތައް ހުށައަޅައިދޭނެ ކަމުގައި އެ ސްކޫލުން ބުންޏެވެ.
މި ޑިނަ ނައިޓްގެ ޓިކެޓެއް ވިކުމަށް ހަމަޖެހިފައި ވަނީ 150 ރުފިޔާ އަށެވެ.