ސޮނޭވާ ފުށިން ފުރަތަމަ ފަހަރަށް މޫދު ކޮޓަރި އަޅަނީ

ސޮނޭވާ ފުށި ރިސޯޓުން ފުރަތަމަ ފަހަރަށް މޫދު ކޮޓަރިތަކެއް އަޅަން ނިންމައިފި އެވެ.

ސޮނޭވާ އިން ބުނީ، ޖުމްލަ އަށް މޫދު ކޮޓަރި ހަދަމުން އަންނަ ކަމަށާއި އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އެ ކޮޓަރިތައް ހުޅުވާނެ ކަމަށެވެ. މިއީ، 1995 ވަނަ އަހަރު ހުޅުވި ރިސޯޓުގައި މޫދު ކޮޓަރި އަޅާ ފުރަތަމަ ފަހަރެވެ.

ސޮނޭވާ އިން ބުނި ގޮތުގައި، އެ ރިސޯޓުގައި ދެ ވައްތަރެއްގެ ކޮޓަރި އަޅާނެ އެވެ. އޭގެ ތެރޭގައި 6،286 އަކަފޫޓުގެ ބޮޑު އެއް ކޮޓަރީގެ މޫދު ކޮޓަރި އާއި 9،224 އަކަފޫޓުގެ ބޮޑު ދެ ކޮޓަރީގެ މޫދު ކޮޓަރި ހިމެނޭއިރު، މިއިން ކޮންމެ ތަނެއްގައި ވެސް ކައްސާލައިގެން މޫދަށް ފޭބޭ ގޮތަށް ހަރުކޮށްފައި ހުންނަ ސްލައިޑެއް ހުންނާނެ ކަމަށް ވެސް އެ ރިސޯޓުން ބުންޏެވެ.

ދެ ބުރިއަށް ހަދާ މޫދު ކޮޓަރި ތަކުގައި އެންމެ މަތީ ބުރީގައި ހުންނަނީ ކާ ތަނަކާއި އަވީގައި މަޑުކޮށްލައިގެން ތިބޭނެ ޑެކެއްގެ އިތުރުން އޯޕަން އެއާ ފާހާނާ އެކެވެ. އަދި ތިރީ ބުރީގައި ހުންނަނީ ނިދާ ކޮޓަރި އާއި ޑްރެސިން ރޫމަކާއި ފާހާނާއެއްގެ އިތުރުން، ކުޑަކުދިން ނިންދެވުމަށް ހާއްސަ ތަނެކެވެ. ތިރީ ބުރީގައި، ސީލިންގުން ފެށިގެން ތަޅުމާ ހިސާބަށް ހުންނާނީ ބިއްލޫރި ޖަހާފަ އެވެ. މީގެ އިތުރުން، އެނދު ކައިރީގައި ހުންނަ ފިތަކަށް ފިތާލައިގެން ފުރާޅު ކަހާލެވޭނެ އެވެ.

“ދުނިޔޭގެ ފެންވަރުގައި ވެސް ލަގްޒަރީ ޓޫރިޒަމް ސިނާއަތުގައި ފާހަގަކޮށްލެވޭ އަދި ރާއްޖޭގެ އެންމެ މަގުބޫލް އެއް ރިސޯޓުގެ ގޮތުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު އޮތުމަށް ފަހު ސޮނޭވާ ފުށިން އަނެއްކާ ވެސް މި ފަށަނީ އާ ސަފުހާއެއް. މިއީ އަޅުގަނޑުމެންގެ ގެސްޓުންގެ ބޭނުންތަކާ އެއްގޮތަށް، ބަދަލުވަމުން އަންނަ ކަންތައްތަކާ އެއްގޮތަށް ހިދުމަތް ދިނުމުގެ ގޮތުން ކުރިއަށް އަޅާ ފިޔަވަޅެއް،” ސޮނޭވާގެ ބާނީ އަދި ސީއީއޯ ސޯނޫ ޝިވްދަސާނީ ވިދާޅުވި އެވެ.

ބ. އަތޮޅުގައި އޮންނަ ސޮނޭވާ ފުއްޓަކީ ރާއްޖޭގައި ހުޅުވި އެންމެ ފުރަތަމަ ލަގްޒަރީ ރިސޯޓުތަކުގެ ތެރެއިން ރިސޯޓެކެވެ. އަދި މިއީ، މުޅި ދުނިޔޭގައި ވެސް، ތިމާވެއްޓާ ރަށްޓެހި އުސޫލުތައް ދަމަހައްޓައި ކުރިއެރުވުމާ އެކު ޓޫރިސްޓުންނަށް މަތީ ފެންވަރުގެ ހިދުމަތްތަކެއް ދޭ ގޮތަށް ތަރައްގީކުރި އެންމެ ފުރަތަމަ އެއް ރިސޯޓެވެ. މި ރިސޯޓުގެ ބީޗު ކޮޓަރިތަކަކީ މިހާރު ވެސް ރާއްޖޭގައި ހުރި އެންމެ ތަފާތު، އެންމެ ބޮޑެތި ކޮޓަރިތަކުގެ ތެރޭގައި ގުނާލެވޭ ތަންތަނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.