އާ ޑޮމެސްޓިކް އެއާލައިން، މަންތާ އެއާގެ ފުރަތަމަ ސީޕްލޭން މިއަދު ހެނދުނު ރާއްޖެ ގެނެސްފި އެވެ.
އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރަން މަންތާ އެއާއިން ގެނެސްފައިވަނީ ޑީއެޗްސީ-6 ޓްވިން އޮޓާ މަރުކާގެ ބޯޓެކެވެ. މި މަސްތެރޭގައި އިތުރު ދެ ސީޕްލޭން ގެންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ .އަދި މިއަހަރު ނިމޭއިރު އެ ކުންފުނީގެ ފްލީޓުގައި 10 ސީޕްލޭން އޮންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މަންޓާ އެއާއިން ސީޕްލޭންގެ ހިދުމަތް ފެށުމާއެކު ހުރިހާ ދަތުރުތައް ވެސް ކުރާނީ މިހާރު ވެސް އޮންނަ އުސޫލުން ތާވަލެއްގެ މަތިން ކަމަށް އެ ކުންފުނިން ބުންޏެވެ. ނަމަވެސް މިތާވަލު އަދި އެ އެއާލައިނުން އިއުލާން ކޮށްފައި ނުވެ އެވެ.
މަންޓާ އެއާއިން މިހާރު ދަތުރު ކުރަމުން އަންނަނީ ދ. އަތޮޅަށާއި ބ. އަތޮޅަށެވެ. ނަމަވެސް ކުރިއަށް އޮތްތާނގައި ރާއްޖޭގެ އެހެން މަންޒިލްތަކަށް ވެސް ދަތުރުތައް ފަށާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.