ބީއެމްއެލް އިން މާލީ ރަނގަޅު ނަތީޖާއެއް ހޯދައި މުޖުތަމައަށް ބޮޑު ހޭދައެއް

މިއަދު ހާމަކުރި ބޭންކް އޮފް މޯލްޑިވްސްގެ 2019 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގެ މާލީ ނަތީޖާ ދައްކާ ގޮތުން ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 307 މިލިއަން ރުފިޔާ އެ ބޭންކަށްވަނީ ލިބިފައެވެ.                             

ހިންގުމުގެ ފައިދާގެ ގޮތުގައި 414 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މިދިޔަ ކުއާޓަރ އާ އަޅާބަލާއިރު %5 އިތުރު އަދަދެކެވެ. އަދި މިއަހަރުގެ މިހާތަނަށް ހިންގުމުގެ ފައިދާގެ ގޮތުގައި 1.2 ބިލިއަން ރުފިޔާވަނީ ބޭންކަށް ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %4 އިތުރު އަދަދެކެވެ. ފަންޑިންގ ކޮސްޓް ބޮޑުވެ، ޕްރޮވިޝަން ޗާޖް އިތުރުވެ، އަދި އިންވެސްޓްމަންޓްތައް އިތުރުވެގެން ދިޔަ ނަމަވެސް މި ނަތީޖާ ހޯދިފައިވަނީ ވިޔަފާރީގެ ހުރިހާ ދާއިރާ އަކުންވެސް ލިބުނު ކުރިއެރުމުގެ ސަބަބުންނެވެ. ބޭންކުގެ ރައުސްމާާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ޤާނޫނުން ލާޒިމް ކުރާ މިންވަރަށް ވުރެ މަތީގައި ހިފަހެއްޓިފައެވެ.

ތިންވަނަ ކުއާޓަރގައި ބީއެމްއެލް ވަނީ ކެލާ، ބާރަށް، އަލިފުށި، ތުޅާދޫ، އަދި މާވަށުގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރ ހުޅުވާފައެވެ. މީގެ އިތުރުން ހުޅުމާލޭގައި ބީއެމްއެލް އިން ވަނީ ޔޫއެސް ޑޮލަރު އޭޓީއެމް އެއްވެސް ގާއިމްކޮށްފައެވެ. ކުރިއަރަމުން އަންނަ ބީއެމްއެލް އިސްލާމިކްގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް ޒަމާނީ ހެޑްކުއާރޓަރސް އެއްވެސް ބޭންކުން ހުޅުވާފައިވަނީ މި ކުއާޓަރގައެވެ. އަދި ‘އަހަރެންގެ ބޭންކް’ ޕްރޮގްރާމްގެ ދަށުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށާއި، ތަޢުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށް 40 އަށްވުރެ ގިނަ ހަރަކާތްތަކަށް ބޭންކުންވަނީ އެހީތެރިކަންފޯރުކޮށްދީފައެވެ.

މި ނަތީޖާ އާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ” މި އަހަރުގެ ފުރަރަމަ 6 މަހުގައި ހޯދުނު ކާމިޔާބު ނަތީޖާ ދަމަހައްޓައި، ބޭންކް ކުރިއަރައިދާކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި މި ކާމިޔާބު ދެމެހެއްޓުމަށް އަޅުގަނޑުމެން މަސައްކަތްކުރާނަން. އިންވެސްޓްމަންޓާއި ޕްރޮވިޝަން ޚަރަދު ބޮޑުވިކަމުގައިވީ ނަމަވެސް އަޅުގަނޑުމެންގެ ޚިދުމަތާއި ޕްރޮޑަކްޓް ތަކަށް އޮތް ޑިމާންޑް ގެ ސަބަބުން މުހިންމު ހުރިހާ ދާއިރާ އަކުންވެސް މިވަނީ ރަނގަޅު ފައިދާއެއް ލިބިފަ. އަޅުގަނޑުގެ އުންމީދަކީ މިއަހަރުވެސް ކާމިޔާބުކަމާއެކީ ނިންމާލެވޭނެކަމަށް. ބޭންކުން ހޯދަމުންދާ ނަތީޖާ ދެމެހެއްޓުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ހީވާގި ކަމާއެކު ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ އަޅުގަނޑުމެންގެ މުވައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަން.”

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 49 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 113 އޭޓީއެމް، 5700 ޕީއޯއެސް މަރޗަންޓުން، 277 ކޭޝް އޭޖެންޓުން އަދި އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.