މިދިޔަ ސެޕްޓެމްބަރުމަހު މާލޭގައި ވަނީ ނުރައްކާތެރި އަލިފާނުގެ ބޮޑު ހާދިސާއެއް ހިގައިފަ އެވެ. މި ހާދިސާއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެންދިޔައިރު، އެ ދުވަހުގެ މި ނުރައްކާތެރި ހާދިސާ ވަނީ ސޯޝަލް މީޑިއާގެ އިތުރުން ރާއްޖޭގެ ނޫސްތަކުގެ ވަރަށް ބޮޑު ސަމާލުކަމެއް ލިބިގެން ގޮސްފައެވެ. އެ ހާދިސާގައި ހަތަރު ގުދަނަކާއި ހަ ގެއެއް އެނދައި، އެކަކު މަރުވެ، 400 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ.
އެދުވަހު އަލިފާން ނިއްވަން އުޅުނު ފަޔާ ފައިޓަރުންގެ ޖެހިލުން ކުޑަކަމާއި މަސައްކަތާއި އެތައް ބައެއްގެ ތައުރީފް ވަނީ ލިބިގެން ގޮސްފައެވެ. އޭގެތެރެއިން އެކަކަކީ ބ. އޭދަފުއްޓަށް އުފަން ސާޖަންޓް މަހުފޫޒް އަބްދުއްރަޝީދުއެވެ.
މި ހުރިހާ ކަމެއް ހިނގާދިޔައިރު ވެސް، މަހުފޫޒް ހުރީ އަމިއްލަ ނަފްސަށްވުރެ ގައުމު އިސްކޮށްގެންނެވެ. ޙަވާލު ކުރެވުނު މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުން މަތީގައި އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހިލުމެއް ނެތިއެވެ. ފަޔަރފައިޓަރެއްގެ ގޮތުގައި އޭނާ އެވަނީ އާންމު ރައްޔިތުންގެ ފުރާނަ ސަމާލަތް ކުރުމުގައި އަގުނުކުރެވޭފަދަ ޚިދުމަތެއް ކޮށްދީފައެވެ. މި ނުރައްކާތެރި އަލިފާނުގެ ބޮޑު ހާދިސާގައި މީހުން ސަލާމަތްކުރި ސިފައިންގެ ނުވަ މީހަކު ދައްކުވައިދިން ހިތްވަރުގަދަކަމާއި ޖެހިލުންކުޑަކަމުގެ ސަބަބުން، މިއަހަރުގެ ނަސްރުގެ ދުވަހު އޭނާއަށް ވަނީ މީހުން ސަލާމަތް ކުރި ރިހި މެޑަލް ހާސިލުކޮށްފަ އެވެ.
މަހުފޫޒް ސްކޫލު ދައުރުން ފެށިގެންވެސް ދެކެމުން އައި ހުވަފެނަކީ ސިފައިންގެ ޤައުމީ ޚިދުމަތާ ގުޅުމެވެ. އޭނާގެ ހިތުގައި އުފެދިފައިވާ ޤައުމީ ލޯތްބާއި ޖޯޝްގެ ސަބަބުން އޯލެވެލް ފުރިހަމަ ކުރުމަށްފަހު، ސިފައިންގެ ޚިދުމަތާ ގުޅިފައިވަނީ 2002 ވަނަ އަހަރު އެވެ.
މަޙުފޫޘް މަދަރުސީ ދައުރު ފުރިހަމަކޮށްފައިވަނީ، ބ.އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. ސިފައިންގެ 41 ވަނަ އަސާސީ ތަމްރީން ކޯސް ފުރިހަމަ ކުރުމަށްފަހު، އޭނާ މިއަދާ ހަމައަށްވެސް ދެމިހުރީ އެފްއާރުއެސްގެ ހިތްވަރުގަދަ ފަޔަރފައިޓަރެއްގެ ގޮތުގައި ޤައުމީ ޚިދުމަތުގައެވެ. މާލެ ސިޓީއާއި ހިނގާފައި ހުރި ބޮޑެތި އަލިފާނުގެ ހާދިސާތަކުގެ އިތުރުން ހިންގުނު ރެސްކިޔު ހާދިސާތަކުގައި އޭނާ ވަނީ އެފްއާރުއެސްގެ އެހެން ފަޔަރފައިޓަރުންނެކޭ އެއްފަދައިން ޖެހިލުންކުޑަކަމާއި ހިތްވަރުގަދަކަން ދައްކުވައިދީ އެންމެ ކުރީ ސަފުގައި މަސައްކަތްކޮށްފައެވެ. ޤައުމަށް ދިމާވާ ކޮންމެ ކާރިސާއެއްގައިވެސް ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމުގައި އޭނާ ދެމިހުރީ ނުގުޑާފަދަ އަޒުމެއްގެ މަތީގައެވެ.
މަހުފޫޒް ސިފައިންގެ ހަޔާތުގައި ފުރިހަމަކޮށްފައިވާ ކޯސްތަކުގެ ތެރޭގައި، 2013 ވަނަ އަހަރު ފަޔަރ ޓްރެއިނިންގ ސްކޫލުން ފުރިހަމަކުރި ބޭސިކް ފަޔަރ ފައިޓިންގ ކޯހާއި 2012 ވަނަ އަހަރު ފުރިހަމަކުރި އެޑްވާންސް ފަޔަރ ފައިޓިންގ ކޯސް ފާހަގަކޮށްލެވެއެވެ. މި ކޯހުން އޭނާވަނީ އެކަޑަމިކްސް އިން 1 ވަނަ ޙާޞިލްކޮށް، އޭނާގެ ކުޅަދާނަ ސާބިތުކޮށްދީފައެވެ. ހިތްވަރުގަދަ ފަޔަރފައިޓަރެއްގެ އިތުރުން އޭނާއަކީ އަމިއްލަ ހަޔާތުގައިވެސް ކާމިޔާބު މީހެކެވެ.
ސިފައިންގެ ޙަޔާތުގައި ކުރިއަށްދިއުމަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ، އާއިލާގެ ފަރާތުންކަން ހާމަކުރަމުން އޭނާ ބުނީ، އެފަދަ މުއައްސަސާއެއްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބުމަކީ އޭނާ އެކަމާމެދު އަބަދުވެސް ފަޚުރުވެރިވާ ކަމެއްކަމަށެވެ. މީގެ އިތުރުން، ސިފައިންގެ ޚިދުމަތުގައި ކުރިއަށް ދިއުމަށް އެފްއާރުއެސްގައި އެކި ދުވަސްވަރު މަސައްކަތް ކުރައްވާފައިވާ އަދި މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ވެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލެއްވުމެއް ލިބޭކަން ހާމަ ކުރައްވަމުން، އެހުރިހާ ބޭކަލުންނަށްވެސް އޭނާ ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއެވެ.
އެފްއާރުއެސްގައި އެކުގައި މަސައްކަތްކުރާ ފަޔަރ ފައިޓަރުންނަށް މަހުފޫޒް ދޭން ބޭނުންވާ މެސެޖަކީ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާއިރު، ބިރު އެއްކިބާކޮށް ޖެހިލުންކުޑަކަމާއެކު ހަރަކާތްތެރިވުމަށެވެ. އަދި މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް އަބަދުވެސް އެންމެ އިސްކަމެއް ދިނުމަށެވެ. އެންމެހާ ސިފައިންނަށް އޭނާ ދޭން ބޭނުންވާ މެސެޖަކީ، ސިފައިންގެ މީހަކަށްވެހުރެ ކުރިމަތިވާ ޗެލެންޖަސްތަކަށް ޖެހިލުން ކުޑަކަމާއެކު ފަސްޖެހުމެއް ކުރިއަށް ދިއުމަށެވެ.