އައިދޫގައި ދަނޑުވެރިކަމުގެ ތަކެތި ވިއްކުން ރަސްމީކޮށް ފަށައިފި

ބ. އަތޮޅުގައި ދަނޑުވެރިކަން ތަރައްޤީކުރުމަށް ދޫކޮށްފައިވާ އައިދޫގައި އެ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.

އެރަށުގައި ހެއްދި ތަކެތި ރަސްމީކޮށް ވިއްކުން ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާވަހީދެވެ.

ފިޝަރީޒް މިނިސްޓްރީން ބުނިގޮތުގައި އެ ރަށުގައި ހައްދައިގެން މައިގަނޑު ގޮތެއްގައި މާކެޓްކުރާނީ ސްވީޓް މެލޮންއެވެ. އެހެން ނަމަވެސް ކިއުކަމްބާ އާ ލެޓިއުސްވެސް އެރަށުގައި ހެއްދުމުގެ މަސައްކަތްކުރަމުންދާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ދަނޑުވެރިކަން ކުރުމަށް އެރަށް ފަރުމާކޮށްފައިވަނީ 4 ބަޔަކަށް ބަހާލައިގެން 2000 ގަސް އިންދޭ ގޮތަށެވެ. ރާއްޖޭގެ އެހެން ރަށްތަކާ ޚިލާފަށް އެރަށުގައި ބިމުގައި އެއްވެސް ބާވަތެއް ނުހައްދާނެއެވެ.

އެރަށާ ހަވާލުވެހުންނެވި މުޙައްމަދު ސައީދު ޕީއެސްއެމް އާ ވާހަކަ ދައްކަމުން ބުނީ އޮޓޯ ޕޮޓް ސިސްޓަމްގައި އެ ރަށުގައި ހައްދާ މި ބާވަތްތައް މާކެޓް ކުރުމުގައި ދަތިތަކެއް ނެތް ކަމަށެވެ.

ސައީދު ބުނިގޮތުގައި ފަޅުރަށެއް ނަގައިގެން ދަނޑުވެރިކަން ކުރުމުގެ މަސައްކަތް ފެށީ އަތޮޅު ތެރޭގައި ތިބޭ ފަރާތްތަކަށް ވަޒީފާ އާ އަދި އަތޮޅުގެ ރަށްތަކުގައި ހަދާފައި ހުރި ގެސްޓްހައުސްތަކަށާ ރިސޯޓތްތަކަށް ބޭނުންވާ މޭވާ އާ ތަރުކާރީގެ ބާވަތްތައް ފަސޭހައިން ލިބޭނެ މަގު ފަހި ކޮށްދިނުމުގެ ބޭނުމުގަ އެވެ.

އައިދޫގައި މަސައްކަތް ކުރާ 80 އިންސައްތަ މީހުންނަކީ ބ. އަތޮޅު މާޅޮހު މީހުންނެވެ. އެރަށުގައި ދަނޑުވެރިކަން ކުރަނީ މެލޭޝިއާގެ ދަނޑުވެރިކަމުގެ ސިނާއަތުގައި ކުރިއަރާފައިވާ ކުންފުންޏެއްކަމަށްވާ އިރިކުއިޕް ގެ ލަފަޔާ އިރުޝާދުގެ ދަށުންނެވެ. އެގޮތުން ދަނޑުވެރިކަން ކުރުމަށް މެލޭޝިއާގެ ދެމީހުން އެ ރަށުގައި ހަރަކާތްތެރިވަމުންދެއެވެ.

2017 ވަނައަހަރު ތަރައްޤީކުރަންފެށި އެ ރަށަށް ޖުމްލަ 6 މިލިއަނަށް ވުރެ ރުފިޔާވަނީ ހަރަދުކޮށްފައެވެ. އައިދޫގައި ހައްދާ ބާވަތްތައް ރައްކާކުރާނެ ޒަމާނީ ސްޓޯރޭޖް އަކާ، މެސިނަރީސް ތަކަށް ކަރަންޓް ދިނުމަށާ، ތިން ޖަނަރޭޓަރ ސެޓަޕްވަނީ ބަހައްޓާފައެވެ. އަދި ފެން އުފައްދުމަށް އާރުއޯ ޕްލާންޓްގެ ދެ ޕްލާންޓް ވެސް ވަނީ ބަހައްޓާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.