ބީއެމްއެލް އިން ފޮރެންސިކް އޮޑިޓެއް ހެދުމަށް ޑެލޮއިޓް ސިންގަޕޯރ އައްޔަންކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނުގަވައިދުން އަދި ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމަށް ތަކުރާރުކޮށް އައީ ބުނަމުންނެވެ. އަދި މިހާތަނަށް ކޮށްފައިވާ ތަފާތު އޮޑިޓް ތަކުންވެސް ބޭންކުގެ އިހުމާލެއް އޮތްކަމަށް ފާހަގަކޮށްފައެއް ނުވެއެވެ.

ބީއެމްއެލް އިން ބުނިގޮތުގައި އެމްއެމްޕީއާރުސީ ގެ މައްސަލައިގެ ތަހުގީގު މިހާރުވެސް ކުރިއަށްދިޔުމާއެކު، ބޭންކާ އަދި ގުޅުންހުރި އެންމެހާ ފަރާތްތަކެއްގެ މަސްލަހަތަށް ބަލައި ބޭންކުގެ ބޯޑުން ވަނީ އެމްއެމްޕީއާރުސީގެ މުޢާމަލާތްތަކާ ގުޅޭ ގޮތުން ރާއްޖެއިން ބޭރުގެ މިނިވަން އިދާރާ އެއް މެދުވެރިކޮށް ތަހުގީގީ އޮޑިޓް އެއް ކުރިޔަށް ގެންދިއުމަށް ނިންމާފައެވެ.

އެގޮތުން ރާއްޖެއިން ބޭރުގެ ކޮންސަލްޓަންސީ ފަރމެއް ކަމަށްވާ ޑެލޮއިޓް ސިންގަޕޯރ އާ ގުޅިގެން ބޭންކުގެ ފޮރެންސިކް އޮޑިޓް އެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ. ޑެލޮއިޓް ސިންގަޕޯރ އަކީ އޮޓިޑް އަދި މާލީ ދާއިރާއިން 150 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯދާފައިވާ ކުންފުންޏެކެވެ.

“ޑެލޮއިޓް ސިންގަޕޯރ އިން އެމްއެމްޕީއާރސީ އަދި އެސްއޯއެފް އާ ދެމުދު ހިނގާފައިވާ ހުރިހާ މުއާމަލާތްތަކާއި، ޓްރާންސެކްޝަންސް އަދި އެންޑޯރސް ކުރެވިގެން ދިޔަ ޗެކްތަކުގެ އިތުރުން މި މުޢާމަލާތްތައް ކުރެވުނު މުއްދަތުގައި ބޭންކުގެ ރިޕޯޓިންގ އަދި ކޮންޓްރޯލް ޕްރޮސީޖަރ ބަލާނެއެވެ. މީގެ އިތުރުން ބޭންކުގައި މިހާރު އަމަލު ކުރަމުންދާ ޕޮލިސީތަކާއި ޕްރޮސީޖަރތަކާ، ރިސްކް މެނޭޖް ކުރުމުގައި ގެންގުޅޭ އުސޫލުތަކާއި، ބޭންކުން އަމަލު ކުރަމުން އަންނަނީ ބައިނަލް އަގުވާމީ މިންގަޑުތަކާއި އެއްގޮަތަށްތޯ ބަަލައި މިނިވަން އޮޑިޓެއްކުރުމަށް ވަނީ ހަމަޖެހިފައެވެ.” ބީއެމްއލް އިން މިއަދު ނެރުނު ނޫސްބަޔާނުގައި ވެ އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި ބޭންކުގެ މި ނިންމުމުން ދައްކުވައިދެނީ ދާދި ފަހުން އެކުލަވައިލެވިނު ބޭންކުގެ ބޯޑު އާއި އަލަށް އައްޔަން ކުރެވުނު ސީއީއޯގެ އަމާޒަކީ ބީއެމްއެލް އަކީ އިތުބާރު ކުރެވޭ ނަޒާހަތްތެރިކަން އެންމެ ފުރިހަމަ ގޮތުގައި ދަމަހައްޓާނެ އިދާރާ އެއްކަން ޔަގީން ކޮށްދިނުމެވެ. އަދި މިއީ ބޭންކުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށްޓަކާ ކުރާ މަސައްކަތުގެ ތެރެއިން ކުރެވިގެންދާ އޮޓިޑެއް ކަމަށްވެސް ބޭންކުން ބުންޏެވެ. މީގެ ތެރޭގައި ބޭންކުގެ ރިސްކް އަދި ކޮންޕްލައަންސް ޕޮލިސީތައް ބެލުމަށް އާ ޗީފް ރިސްކް އޮފިސާ އެއްވެސް އައްޔަން ކުރެވިގެންދާނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި އެ ބޭންކުން ބޭނުންވަނީ ވީހާވެސް އަވަހަކަށް މިއޮޑިޓް ނިމި، ކުރިއަށްދާ ތަހްގީގުގައި ކަމާގުޅުންހުރި އިދާރާތަކަށް ފުރިހަމައަށް އެހީތެރިކަންދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.