ބީއެމްއެލްގެ ފުރަތަމަ ބިޒްނަސް ސެންޓަރު ހުޅުވައިފި

ވިޔަފާރިތަކަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލޭގައި ފުރަތަމަ ފަހަރަށް ބިޒްނަސް ސެންޓަރެއް ހުޅުވައިފިއެވެ.

ބޮޑުތަކުރުފާނު މަގުގައި ހުންނަ ފަސްމީރު ބިލްޑިންގައި ބިޒްނަސް ސެންޓަރު ހުޅުވައިދެއްވީ މިކަމަށް ހާއްސަ ކުރެވިގެން މިރޭ ބޭއްވުނު ރަސްމިއްޔާތެއްގައި މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާއިލް އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި މި ބިޒްނަސް ސެންޓަރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަނޑައަޅާފައިވާ ހާއްސަ ރިލޭޝަންޝިޕް މެނޭޖަރުން ތިބޭނެއެވެ. އަދި ވިޔަފާރި އާ ގުޅޭ ލަފާޔާއި އިރުޝާދު ދިނުމާއި ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކުން ދޫކުރާ ލޯނާ ގުޅޭ މައުލޫމާތު ދިނުމާއި، ޕީއޯއެސް އަދި ޕޭމަންޓް ގޭޓްވޭ ފަދަ މަރޗަންޓް ހިދުމަތްތަކަށް އެހީތެރިކަން މި މުވައްޒަފުންގެ ފަރާތުން ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔާރ ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް ގެ ލޯން ޕޯޓްފޯލިއޯ އަށް ބަލާއިރު މިހާރުވެސް އެކި އެކި ދާއިރާގެ ވިޔަފާރި ހިންގާ 1300 ވިޔަފާރި ތަކަށް 800 މިލިއަން އަށް ވުރެ ގިނަ ރުފިޔާގެ ލޯނު ދޫކުރެވިފައިވާ ކަމަށެވެ. އަދި މި އާ ބިޒްނަސް ސެންޓަރު މެދުވެރިކޮށް ތަޖްރިބާކާރު މުވައްޒަފުންގެ ފަރާތުން ވިޔަފާރިތަކަށް އެންމެ އެކަށޭނެ މާލީ އެހީތެރިކަން ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަރަމުން އަންނަ ވިޔަފާރިތަކުގެ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދިނުން.”

މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ބްރާންޗް، ރިލޭޝަންޝިޕް މެނޭޖަރުން، ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، އޭޓީއެމް، ޕީއޯއެސް މަރޗަންޓުން އަދި 20 އަތޮޅުގައި އެޖެންޓުން ހިމެނޭ ބޭންކިންގ ވިއުގައެއްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.