ރޯޔަލް އައިލެންޑް ރިސޯޓުގެ މުވައްޒަފުންނަށް ސާވިސް ޗާޖް ނުލިބިގެން ޝަކުވާ ކުރަނީ

ބައިނަލްއަގްވާމީ އާއިލާތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރގެ ފަރާތުން ރޯޔަލް އައިލެންޑް ރިސޯޓްގައި އިއްޔެ ބޭއްވި މައުލޫމާތު ދިނުމުގެ ބައްދަލުވުން.–ފޮޓޯ / އަހްމަދު ޖުމާން

ވިލާ ހޮޓަލްސް އިން ބ. އަތޮޅުގައި ހިންގަމުން އަންނަ ރޯޔަލް އައިލެންޑް ރިސޯޓުގެ ސާވިސް ޗާޖް ނުލިބިގެން އެ ކަމާ ޝަކުވާ ކުރަން ފަށައިފި އެވެ.

އެ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު އީޓީ އަށް މިއަދު ބުނީ، މި އަހަރުގެ އެއްވެސް މަހެއްގެ ސާވިސް ޗާޖް އަދިވެސް ނުލިބޭ ކަމަށާއި މި ކަމުގެ ސަބަބުން މުވައްޒަފުންނަށް ވަރަށް ބޮޑަށް ދަތިވަމުން އަންނަ ކަމަށެވެ.

“އާއްމުކޮށް ކޮންމެ މަހެއްގެ ވެސް ސާވިސް ޗާޖް، ޖެހިގެން އަންނަ މަހުގެ 15 ގެ ކުރިން ދޭ ގޮތަށް ހަމަޖައްސާފައި އޮންނަނީ. ނަމަވެސް ވޭތުވެދިޔަ 4 މަސްދުވަހުގެ ސާވިސް ޗާޖް ނުލިބޭއިރު މިއިން އެއްވެސް މަހެއްގެ އިތުރު ގަޑީ ފައިސާއެއް ވެސް ނުލިބޭ. އެކަމަކު މަހުން މަހަށް އިތުރު ގަޑީ ފޯމު ފުރާފައި ހުށަހަޅަން،” އީޓީގައި ނަން ނުޖެހުމަށް އެދި އޭނާ ބުންޏެވެ.

”އަޅުގަޑުމެންނަށް ވަރަށް ބޮޑަށް އެބަ ދަތިވޭ. މަސައްކަތް މި ކުރަނީ ކުޑަކުޑަ މުސާރައަކަށް،” ސާވިސް ޗާޖު ނުލިބިގެން ޝަކުވާ ކުރާ ބައެއް މުވައްޒަފުން ބުނީ މި ކަމާ ގުޅިގެން މެނޭޖްމަންޓާ ބައްދަލުކޮށް ޝަކުވާ ކުރުމަށް ޖެހިލުންވާ ކަމަށާއި ސާވިސް ޗާޖް ލިބުން ލަސްވާ ސަބަބެއް މެނޭޖުމަންޓުން ވެސް ހާމަ ނުކުރާ ކަމަށެވެ.

“މިތާ އެބަ އުޅޭ އެންމެ 100 ޑޮލަރު ލިބޭ ބިދޭސީ ލޭބަރުން ވެސް. އެ މީހުން ޑިޕެންޑްވެގެން ތިބެނީ ސާވިސް ޗާޖަށް. ވަރަށް ހާލުގައި ހަގީގަތުގައި ބިދޭސީ ލޭބަރުން އުޅެނީ،” އެ ރިސޯޓުން ވާހަކަ ދެއްކި އެހެން މުވައްޒަފަކު ބުންޏެވެ. ”އަނެއްކޮޅުން މި ވާހަކަތައް މެނޭޖުމަންޓަށް ހުށައަޅަން ނުކެރެނީ ވަޒީފާއިން ކަނޑާލާފައި ފޮނުވާލާފާނެތީ. މި ކަހަލަ ޝަކުވާ ކުރުން މެނޭޖްމަންޓުން އޮންނަނީ މަނާކޮށްފައި.”

އެ މުވައްޒަފުން ބުނީ ސާވިސް ޗާޖް ނުލިބުނު ކަމަށް ވިޔަސް އެ ރިސޯޓުގެ އެކޮމަޑޭޝަން އާއި މާހައުލާ ދޭތެރޭ ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. ނަމަވެސް ސާވިސް ޗާޖް ނުލިބި ގިނަ ދުވަސް ވުމާ ގުޅިގެން ވޭތުވެދިޔަ 2 މަހެއްހާ ދުވަހުގެ ތެރޭ 10 ވަރަކަށް މުވައްޒަފަކުން އެ ރިސޯޓުން ކެނޑިގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އެ ރިސޯޓުގެ މެނޭޖްމަންޓްގެ އިސް ބޭފުޅަކަށް ގުޅާލުމުން ވިދާޅުވީ މި ކަމާ ގުޅިގެން އެއްވެސް މުވައްޒަފެއްގެ ޝަކުވާ މެނޭޖްމަންޓާ ހަމައަށް އައިސްފައި ނުވާ ކަމަށެވެ. އަދި ސާވިސް ޗާޖް މައްސަލާގައި މިއަދު އެ ރިސޯޓުން ގޮތެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.