ބީއެމްއެލުން އެކްސްޕީރިއަންސް މޯލްޑިވްސް ކެމްޕޭން އަނެއްކާވެސް ފަށައިފި

ބޭންކް އޮފް މޯލްޑިވްސް އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން ދުނިޔޭގެ މާކެޓްގައި ރާއްޖެ އިސްތިހާރުކުރުމަށް “އެކްސްޕީރިއަންސް މޯލްޑިވްސް” ކެމްޕެއިން ދެވަނަ ފަހަރަށް ފަށައިފި އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) އިން އެންޑޯޒްކޮށްފައިވާ މި ކެމްޕޭން އިފްތިތާހު ކޮށްދެއްވީ އެކަމަށް ހާއްސަކޮށް ކުރުނބާ މޯލްޑިވްސްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމެވެ. މި ކެމްޕެއިންގެ އަމާޒަކީ އެމެރިކަން އެކްސްޕްރެސް ކާޑު ގެންގުޅޭ މެންބަރުންނަށް ހާއްސަ އޮފާތަކާއި ތަފާތު ތަޖްރިބާކޮށްލުމުގެ ފުރުސަތުތަކާއެކު ދުނިޔޭގެ ފަތުރުވެރިކަމުގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ އިސްތިހާރު ކުރުމެވެ.

މި ކެމްޕޭންގެ ދަށުން، އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އިހްތިޔާރުކުރަން ހިތްވަރުދިނުމުގެ ގޮތުން ރާއްޖޭގެ ރިސޯޓްތަކާއި، ގެސްޓް ހައުސްތަކުން ތަފާތު އޮފާތަކުގެ އިތުރުން އެކި ވިޔަފާރިތަކުން ހާއްސަ ޑިސްކައުންޓް ވެސް ލިބޭނެ އެވެ.

ޖަލްސާ ޝަރަފުވެރިކުރައްވާ ވާހަކަދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަކީ ބީއެމްއެލްގެ އެންމެ ބޮޑު ކަސްޓަމަރަށް ވާއިރު މި ކެމްޕޭންގެ ސަބަބުން އެ އިންޑަސްޓްރީ އަށް ބޮޑެތި ފައިދާތައް ވާނެ ކަމަށެވެ. އަދި ބީއެމްއެލުން ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތް ކުރާ މިންވަރާ ގާތް ކުރާ މިންވަރަކަށް ވެސް އިތުރު ބޭންކަކަށް ހިދުމަތް ނުދެވޭ ކަމަށް އަސްލަމް ވިދާޅުވި އެވެ.

“އެމެރިކަން އެކްސްޕްރެސް އާއި ބީއެމްއެލް އާއި ޓޫރިޒަމް އިންޑަސްޓްރީ މިވަނީ ވަރަށް ބޮޑަށް ގުޅިފައި. އެގޮތުން މިދިޔަ ފަހަރު މި ކެމްޕޭން ލޯންޗު ކުރިއިރު ވެސް އެމެރިކަން އެކްސްޕްރެސް ގެންގުޅޭ މީހުންގެ އަދަދު ވަނީ 20 ޕަސެންޓް އިތުރުވެފައި.” އަސްލަމް ވިދާޅުވި އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޓިމް ސޮޔާ ވާހަކަދައްކަވަނީ– ފޮޓޯ: ބީއެމްއެލް

މި ކެމްޕޭނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި ކެމްޕޭން އަލުން ފެށުމަށް ނިންމީ 2017 ވަނަ އަހަރު ކުރިއަށްގެންދިޔަ ކެމްޕޭނުގައި ލިބުނު ތަރުހީބުގެ ސަބަބުން ކަމަށެވެ. އަދި މި ކެމްޕޭނުގެ ސަބަބުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކްސްޕީރިއަންސް މޯލްޑިވްސް އަކީ ވަރަށް ކާމިޔާބު ކެމްޕޭނެއް. ރާއްޖެއަށް ގިނަ ފަތުރުވެރިންތަކެއް ޒިޔާރަތްކުރުމުގައި މި ކެމްޕޭނުގެ އަތެއް ވާކަމަށް ވެސް އަޅުގަނޑު ގަބޫލުކުރަން. އަޅުގަނޑުމެންގެ އުންމީދަކީ މި އަހަރު ވެސް މި ކެމްޕެއިންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ހެޔޮ ބަދަަލުތަކެއް އައުން.” ޓިމް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.