ގާލްސް ޓު ކޯޑް ޕްރޮގްރާމް ނިންމާލައިފި

ދިރާގާއި ވިމެން އިންޓެކް މޯލްޑިވްސް ގުޅިގެން ފުވައްމުލަކުގައި ފެށި “ގަރލްސް ޓު ކޯޑް’ ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު މިދިޔަ ހުކުރު ދުވަހު ނިންމާލައިފިއެވެ.

ސެޕްޓެމްބަރ އިން ފެށިގެން ފުވައްމުލަކުގައި ހިންގަމުން ދިޔަ މި ޕްރްގްރާމް ނިންމުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވީ ފުވައްމުލައް ސިޓީގެ މޭޔަރ އަބްދުﷲ ފަލާޙް ޝަރީފްއެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން މިއަދު ބޭއްވި ހަފްލާގައި ކޯސް ފުރިހަމަކުރި ހުރިހާ ދަރިވަރުންނަށް ސެޓްފިކެޓްދީފައިވާ އިރު، ކޯހުގެ ބައެއްގެ ގޮތުގައި ދަރިވަރުން ތައްޔާރުކުރި ވެބްސައިޓްތަކުގެ ތެރެއިން އެންމެ މޮޅު 3 ވެބްސައިޓް ފާހަނގަކޮށް، ދަރިވަރުންނަށް ހިތްވަރުދީ އިނާމާއި ސެކްޓްފިކެޓް ދިނެވެ.

އަންހެން ކުދިންނަށް ކޯޑްކުރަން ދަސްކޮށް ދިނުމާއި އަންހެން ކުދިންގެ މެދުގައި ޓެކްނޮލޮޖީ ދާއިރާއަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަޤުސަދުގައި ހިންގި މި ޕްރޮގްރާމްގައި އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖާވާސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން ދަސްކޮށްދެވުނެވެ. އަދި ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ފެށިގެން ނިމުމާއި ހަމައަށް ކުރަންޖެހޭ އެކި އެކި ކަންތައްތަކަށް ދަރިވަރުން އަހުލުވެރި ކުރުމަށާއި މި ޕްރޮގްރާމްގެ ބައެއްގެ ގޮތުގައި ތައްޔާރުކުރަންޖެހޭ ވެބް ސައިޓް ތައްޔާރުކުރުމަށް އެހީތެރިވުމަށް ވިމެން އިން ޓެކްގެ ފަރާތުން މިޑް ރިވިއު ވޯކްޝޮޕެއް ކުރިއަށްގެންދެވުނެވެ.

ފުވައްމުލަކު ސިޓީގެ އިންސްޓިޓިއުޓް އޮފް ލޮޖިސްޓިކްސް އެންޑް ޓެކްނޮލޮޖީގައި ހިންގި މި ޕްރޮގްރާމު 16 ދަރިވަރުން ފުރިހަމަ ކުރިއެވެ. މި ޕްރޮގްރާމްގެ ބައިވެރިވީ 14 އަހަރާއި 20 އަހަރުގެ އުމުރުފުރައިގެ ކޯޑިންގ އަށް މުޅިން އައު ކުދިންނެވެ.

ބައިވެރިވި ދަރިވަރުންގެ ފަރާތުން އާމިނަތު ރުވާއު މި ހަފްލާގައި ވާހަކަ ދައްކަމުން ބުނީ މިޕްރޮގާމުން ވަރަށް ބައިވަރު މަޢުލޫމާތު ލިބިއްޖެކަމަށާއި ކޯޑިންގ އާއި ޕްރޮގްރާމިންގ އަކީ އަންހެން ކުދިންނަށް ކުރަން ވަރަށް ރަނގަޅު ކަމެއްކަމަށެވެ. އަދި މިފަދަ ޕްރޮގްރާމެއް އަންހެން ކުދިންނަށް ހާއްސަކޮށްގެން ފުވައްމުލަކުގައި ހިންގީތީ ދިރާގަށާއި ވިމެން އިން ޓެކް އަށް ޝުކުރު އަދާކުރިއެވެ.

ވިމެން އިން ޓެކް މޯލްޑިވްސް އިން މަޢުލޫމާތު ދިންގޮތުގައި ދަރިވަރުން ތައްޔާރުކޮށްފައިވާ ވެބްސައިޓްތަކުގެ ފެންވަރު ވަރަށް ރަނގަޅުކަން ފާހަގަކުރިއެވެ. އަދި ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުންގެ ހުނަރާއި އެކުދިން ކޯޑިންގ އަށް ހުރި ޝައުގު ހާމަވެގެން ހިނގައްޖެކަމަށް ވެސް މަޢުލޫމާތު ދިނެވެ.

ދިރާގު ގެ ފަރާތުން މަޢުލޫމާތު ދިން ގޮތުގައި ޓެކްނޮލިޖީ ދާއިރާގައި ޒުވާން އަންހެން ކުދިން ބާރުވެރިކުރުވާ ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގު ވެރިކަން އިތުރު ކުރުމަކީ ދިރާގު ގެ ސީއެސްއާރު ޕްރޮގްރާމްގައި އިތުރު ޚާއްޞަ އަހައްމިޔަތުކަމެއް ދޭން ބޭނުންވާ ދާއިރާއެކެވެ.

އަންހެން ކުދިން ޓެކްނޮލޮޖީ ދާއިރާގައި ކިޔަވައި، ހުނަރު ތަރައްޤީކޮށް ދާއިރާގައި ދެމިތިބުމުގެ ނިސްބަތް އިތުރުކޮށް މި ދާއިރާއަށް އަންހެން ކުދިން ތަޢާރަފު ކުރުން ވަރަށް މުހިންމެވެ.

މިޕްރޮގްރާމްގެ ނަތީޖާއަށް ބެލުމަށްފަހު، ސީރީސްގެ އެހެން ޕްރޮގްރާމްތައް ފުވައްމުލަކުގެ އިތުރުން ރާއްޖޭގެ އެހެން ސަރަހައްދު ތަކުގައިވެސް ހިންގުމަށް ދިރާގައި ވިމެން އިން ޓެކް އިން ގަސްތުކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.