ބީއެމްއެލްއިން އިންޑިއާގެ ރުޕޭ ކާޑު ތައާރަފު ކުރަނީ

ނޭޝަނަލް ޕޭމަންޓް ކޯޕަރޭޝަން އޮފް އިންޑިޔާ (އެންޕީސީއައި) އާއި ގުޅިގެން އިންޑިޔާގައި މަގުބޫލުކަން ހޯދާފައިވާ ރުޕޭ ކާޑު ރާއްޖޭގައި ބޭނުންކުރެވޭ ގޮތް ހެދުމާއި ގުޅޭގޮތުން އެންޕީސީއައި އާއި ބޭންކް އޮފް މޯލްޑިވްސްއިން އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިޔާ އެމްބަސީގެ ބައިވެރިވުމާއެކު މި އެމްއޯޔޫގައި ސޮއިކުރުން އޮތީ  ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އިއްޔެ އެވެ.

މި އެއްބަސްވުމުގެ ދަށުން ބީއެމްއެލްގެ އޭޓީއެމްތަކާއި ޕީއޯއެސް މެޝިން އަދި އެހެނިހެން ޑިޖިޓަލް ޗެނަލްތަކުގައި ރުޕޭ ކާޑު ބޭނުން ކުރެވޭގޮތް ހަމަޖެހިގެންދާނެއެވެ. ރުޕޭ އަކީ އިންޑިޔާގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެފަދަ ދެވަނައެއް ނެތް ޑެބިޓް އަދި ކްރެޑިޓް ކާޑު ޕޭމަންޓް ނެޓްވޯކެކެވެ.  2019 ވަނަ އަހަރު ރުޕޭ ނެޓްވޯކުން އޮންލައިންކޮށް އަދި މަރޗަންޓުން މެދުވެރިކޮށް 1 ބިލިއަން ޓަރާންސެކްޝަން ވަނީ ހަދާފައެވެ. އަދި ރުޕޭ ކާޑު ބޭނުންކުރެވޭ އޭޓީއެމް އާއި ޕީއޯއެސް އަދި ވެބްސައިޓްތައް އިތުރުކުރުމުގެ ގޮތުން ރުޕޭއިން ވަނީ އިންޑިއާ އަދި ބައިނަލްއަގްވާމީ 600 އަށް ވުރެ ގިނަ ބޭންކާއި ޕާރޓްނާޝިޕް ހަދާފައެވެ.

މި އެއްބަސްވުމާއި ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔާރ ވިދާޅުވީ ” އިންޑިއާގެ ނޭޝަނަލް ޕޭމަންޓް ކޯޕަރޭޝަނާ ގުޅިގެން ރާއްޖޭގައި ރުޕޭ ކާޑު ބޭނުން ކުރުމުގެ މަސައްކަތް ފެށުމަށް އެހީތެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ބޮޑު އުފަލެއް. ނަގުދު ފައިސާ ނުގެންގުޅޭ އަދި ޓެކްނޮލޮޖީއާ ރަހުމަތްތެރި މުޖުތަމައަކާ ދިމާލަށް ދަތުރުކުރުމަށް މިއީ އިންޑިއާގެ ސަރުކާރުގެ މުހިންމު އިސްނެގުމެއް. ރާއްޖޭގައި ރުޕޭ ކާޑު ބޭނުންކުރަން ފެށުން ވެގެންދާނީ ރާއްޖެއަށް ދަތުރުކުރާ އިންޑިއާގެ ރައްޔިތުންނަށް ފައިސާގެ މުއާމަލާތް ކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައަކަށް”

ބޭންކް އޮފް މޯލްޑިވްސް އާ އެންޕީސީއައި އާއެކު މިވެވުނު އެއްބަސްވުމުގެ ދަށުން ކުރިޔަށް އޮތް ތަނުގައި ދެފަރާތް ގުޅިގެން ތައްޔާރުކުރެވޭ ޕްރީޕެއިޑް ކާޑު މެދުވެރިކޮށް އިންޑިއާގެ އޭޓީއެމްއާއި ޕީއޯއެސް މެޝިންގައި އެ ކާޑު ބޭނުންކުރުމުގެ އިތުރުން އިންޑިޔާގައި ޑިޖިޓަލްކޮށް ޕޭމަންޓް ހެދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.  

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 50 ސެލްފް ސާރވިސް ބޭންކިންގ ސެންޓަރ، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ކައުންސެލަރ

    މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 50 ސެލްފް ސާރވިސް ބޭންކިންގ ސެންޓަރ، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ

    މީ ކޮންމެހެން ލިޔަންޖެހޭ ލިޔުން ކޮޅެއްތަ.
    ބޭންކް އެހާ ފުރިހަމަނަމަ މައްސަލައެއް ނެތް .

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.