
އޭދަފުށީ ބަހިއްޔާ ޕްރީސްކޫލްގެ ހިންގުން ވިލާކޮލެޖާއި ހަވާލު ކުރުމަށް އޭދަފުށީ ކައުންސިލުން ނިންމައިފި އެވެ.
އޭދަފުށީގައި ހުރި ހަމައެކަނި ޕްރީސްކޫލް ތައުލީމް ދެމުންގެންދާ ބަހިއްޔާ ޕްރީސްކޫލް އަމިއްލަ ފަރާތަކާއި ހަވާލުކުރަން ނިންމާފައިވަނީ އެތަނުން ދެމުންގެންދާ ތައުލީމްގެ ފެންވަރު އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަގްސަދުގައި ކަމަށް އޭދަފުށީ ކައުންސިލުން ބުނެއެވެ.
“މިސްކޫލް ޕްރެވަޓައިޒް ކުރުމުގެ އެންމެ ބޮޑު އެއްމަގްސަދަކީ ބަހިއްޔާގެ ހިންގުން ހަރުދަނާކޮށް މިތަނުން ދެވޭތައުލީމަކީ އެންމެ ޒަމާނީ ފެންވަރަށްދެވޭ ތައުލީމަށް ހަދައި މިތަނުން ކިޔަވައިގެން ނިކުންނަ ދަރިވަރުންނަކީ އިންޓަނޭޝަނަލް ފެންވަރުގެ ތައުލީމް ލިބިގެން ނިކުންނަ ދަރިވަރުންނަށް ހެދުން.” ބަހިއްޔާ ޕްރީސްކޫލް ހިންގުމާއި ހަވާލުވެ ހުންނެވި އޭދަފުށީ ކައުންސިލް މެންބަރު މުހައްމަދު ޝަކީލް ވިދާޅުވިއެވެ.
ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ދިގު މުއްދަތަކަށް ބަހިއްޔާގެ ހިންގުން ވިލާކޮލެޖާއި ހަވާލުކުރަން ނިންމާފައި މިވަނީ މަތީ ތައުލީމް ދޭނެ އިންސްޓިޓިއުޓެއް އޭދަފުށީގައި ގާއިމުކުރުމަށް ކުރި އިއުލާނާ ގުޅިގެން ވިލާކޮލެޖުން އޭދަފުށީގައި ޝައުގުވެރިކަން ފާޅުކޮށްފައިވަނިކޮށެވެ.
އޭދަފުށީ ކައުންސިލުން މެންބަރު އަދި ބަހިއްޔާ ހިންގުމާއި މިވަގުތު ހަވާލުވެ ހުންނެވި އަހްމަދު ޝަކީލް ވިދާޅުވީ ވިލާއިން ބަހިއްޔާ ހިންގުމާއި ހަވާލުވި ކަމުގައިވިޔަސް ދަރިވަރުންގެ ޔުނީފޯމަށް އެއްވެސް ބަދަލެއްގެންނަން ވިސްނާފައި ނުވާކަމަށެވެ. އަދި ޕްރީސްކޫލުގައި މިހާރުވެސް ކިޔަވާދެއްވަމުން ގެންދަވާ ޓީޗަރުން ތިއްބަވާނެ ކަމަށެވެ. ނަމަވެސް ވިލާއިން ހިދުމަތް ދޭންފަށާއިރު ތަނުގެ އިދާރީ ހިންގުމާއި ކިޔަވައި ދިނުމުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އިތުރު ޓީޗަރުންނާއި ސްޕަވައިޒަރުން ތިއްބަވާނެއެވެ. އަދި މިހާރު ތިއްބެވި ޓީޗަރުންނަށްވެސް އިތުރު ތައުލީމާއި ތަމްރީން ދެއްވާނެކަމަށްވެސް ވިލާއިން ބުނެފައިވާކަމަށް ޝަކީލް ވިދާޅުވިއެވެ.
މިހާރުވެސް ދަރިވަރުންގެ އަތުން ނަގަމުން ގެންދާ ފީއަށް ބަދަލެއް އަނަނާނެތޯ ސުވާލު ދެންނެވުމުން ޝަކީލް ވިދާޅުވީ އިންޓަނޭޝަނަލް ފެންވަރުގެ ތައުލީމެއް ދޭކަމަށް ވާނަމަ މިހާރު ހިނގާ ހަރަދަށް ވުރެ ބޮޑުހަރަދު ތަކެއް ހިގާނެކަމަށާއި ފީ މިހާރު ނަގާ ވަރަށްވުރެ ބޮޑުވުމަކީ އެކަށީގެން ވާކަމެއް ކަމަށެވެ.
“ނަމަވެސް އަޅުގަނޑަށް ޔަގީންކޮށް ބުނަން އެނގޭ މަހުފީ 250 ރުފިޔާ އަށްވުރެ ބޮޑު ނުވާނެކަން އަދި ދަރިވަރުންގެ ފޮތްތައްވެސް ހޯދައިދޭނީ ސްކޫލްގެ މެނޭޖްމަންޓުން.” ޝަކީލް ވިދާޅުވިއެވެ.
އޭދަފުށީ ކައުންސިލްގެ ރައީސް އަލްފާޟިލް އަލީ ވަހީދު ވިދާޅުވީ ކައުންސިލުން ބަހިއްޔާ ޕްރީ ސްކޫލް ހިންގުން ވިލާ ކޮލެޖާއި ހަވާލު ކުރަން ނިންމާފައި ވީނަމަވެސް މިކަން ސީދާ ފައިނަލް ވެގެންދާނީ ވިލާކޮލެޖުން އޭދަފުށީގައި ހުޅުވަން ގަސްދުކޮއްފައިވާ ވިލާ ކޮލެޖް އޭދަފުށީ ކެމްޕަހުގައި މިއަންނަ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ލިބޭތަރުހީބަށް ބެލުމަށް ފަހުގައި ކަމަށެވެ. އެގޮތުން އެކޯސްތަކަށް ކުދިން ހޯދުމަށް ޓަކައި ކައުންސިލާއި ވިލާކޮލެޖް ގުޅިގެން ވަނީ ވިލާކޮލެޖް އޯޕަންޑޭއެއްވެސް ބާއްވާފައެވެ.