ތޯރިގު ރަށު އޮފީހަށް ހާޒިރުކޮށް ސުވާލު ކުރި މައްސަލަ ނޫސްވެރިންގެ ޖަމިއްޔާ އިން ކުށްވެރިކޮށް ބަޔާން ނެރެފި

މި ނޫހުގެ އެސިސްޓެންޓް އެޑިޓަރު އަދި ހަވީރުގެ ބ. އަތޮޅުގެ ކަރަސްޕޮންޑެންޓް ތޯރިގު އަބްދުއްރަހުމާން ރަށު އޮފީހަށް ހާޒިރުކޮށް އޭނާގެ ލިޔުންތަކާ ބެހޭ ގޮތުން ރަށު ކައުންސެލަރު ސުވާލުކުރެއްވި މައްސަލަ ނޫސްވެރިންގެ އެސޯސިއޭޝަނުން ކުށްވެރިކޮށް ބަޔާން ނެރެފި އެވެ.

މިއަދު ހެނދުނު އެ ޖަމިއްޔާ އިން އާންމުކޮށްފައިވާ ބަޔާނުގައި، ގާނޫނު އަސާސީއާ ހިލާފަށް ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭފަދަ އެއްވެސް ކަމެއް ނުކުރުމަށާއި އޭދަފުށީ ކައުންސެލަރު (މުހަންމަދު ހަބީބު) ގާނޫނު އަސާސީއާ ހިލާފަށް މިގޮތަށް އަމަލުކުރެއްވުމަކީ މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުން ކަމަށާއި އެއީ ނޫސްވެރިއަކަށް ބިރު ދެއްކުން ކަމަށް އެ ޖަމިއްޔާ އިން ދެކޭ ކަމަށް ބުނެފައި ވެ އެވެ.

އީޓީގެ ނޫސްވެރިޔާ ތޯރިގު ބުނާ ގޮތުން، އޭނާ ރަށު އޮފީހަށް ހާޒިރުކޮށް އޭނާ އީޓީގައި ލިޔެފައިވާ ލިޔުންތަކާ ބެހޭ ގޮތުންނާއި ނޫހުގައި ހުންނަ ކޮމެންޓްތަކުގެ ސަބަބުން ރަށުގައި ފިތުނަ ފަސާދަ އުފެދޭ ކަމަށް ވިދާޅުވެ މައްސަލަ ޖެއްސިދާނެ ކަމަށް ހަބީބު ވިދާޅުވި އެވެ.
އެހެން ނަމަވެސް، ދުވަހު ނޫސް ހަވީރަށް ދެއްވި އިންޓަވިއުއެއްގައި ކައުންސެލަރު މިއަދު ވިދާޅުވީ، ރަށު އޮފީހަށް ތޯރިގު ހާޒިރުކުރީ ނޫސްވެރިއެއްގެ ގޮތުގައި ބިރު ދެއްކުމަށް ނޫން ކަމަށާއި އޭނާ ހާޒިރުކުރީ އެ އޮފީހުން ބަލަމުން އަންނަ މައްސަލައެއްގައި ހެކި ބަސް ހޯދުމަށެވެ.

ހަބީބު ވިދާޅުވި ކަމަށް ހަވީރުގައި ލިޔެފައި ވަނީ، އެއީ ސްކޫލުގެ އިދާރީ މުވައްޒަފަކަށް ވާތީ ބެލެނިވެރިން ހުޅުވި ކެންޓީނަކާ ބެހޭ ގޮތުން ސުވާލު ކުރަން ކަމަށެވެ.

އެހެން ނަމަވެސް، ތޯރިގު ހަވީރަށް ކިޔައިދީފައިވާ ވާހަކަތަކުގައި ތޯރިގު ލިޔެފައިވާ ލިޔުންތަކުގެ ވާހަކަ ކައުންސެލަރު ދައްކަވާފައިވެ އެވެ. އަދި ސަރުކާރު މުވައްޒަފަކަށްވެ ހުރެ ތޯރިގުގެ ލިޔުންތައް ހުންނަނީ ސަރުކާރު ބަދުނާމުވާ ގޮތަށް ކަމަށް ވެސް ކައުންސެލަރު ވިދާޅުވި ކަމަށް ވެ އެވެ.

ތޯރިގު ރަށު އޮފީހަށް ހާޒިރުކޮށްފައި ވަނީ، އެކިފަހަރުމަތިން މި ނޫހުގެ ނޫސްވެރިންނަށް އެކި ގޮތްގޮތަށް އެކި ފަރާތްތަކުގެ ދިމާކުރުންތަކާއި ބިރުދެއްކުމަށް ފަހު އެވެ. އޭގެ ސަބަބުން މި ނޫހުގެ ބައެއް ލިޔުންތެރިން ނޫހަށް ލިޔަން ވެސް ޖެހިލުން ވެފައި ވެ އެވެ. އަދި ތޯރިގު ރަށު އޮފީހަށް ގެންދިއުމުގެ ހަފުތާއެއްހާ ދުވަސް ކުރިން ފެށިގެން، “ތި ނޫހުގެ ދުވަސްދަނީ” އޭ ބުނެ އަދި ލިޔުންތެރިންގެ ގަލަން ހުއްޓުވާނަމޭ ބުނެ އިންޒާރުގެ މެސެޖްތައް ވެސް އީޓީ އަށް ވަނީ ލިބިފަ އެވެ. އެ ކޮމެންޓްތައް އަޅުގަނޑުމެން މިހާރު މިދަނީ ދިރާސާ ކުރަމުންނެވެ.

އީޓީން ވަނީ މި މައްސަލަ ކަމާ ބެހޭ ފަރާތުގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކޮށްފަ އެވެ. މިހާރު ގައުމީ މައްސަލައެއްގެ ގޮތުގައި އޮތް މި މައްސަލައާ ބެހޭ ގޮތުން ރާއްޖޭގެ ބައެއް ގާނޫނީ ވަކީލުން ވިދާޅުވީ މިއީ ބިރުދެއްކުމެއް ކަމަށް ބެލެވިދާނެ ކަމަށެވެ. ރާއްޖޭގެ ގާނޫނުތައް ބުނާ ގޮތުން ބިރުދެއްކުމކީ ޓެރަރިޒަމްގެ ތެރޭގައި ހިމެނޭ އަމަލެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.