ކޭޝް ކާޑު ބޭނުންކުރުމުގައި ސަމާލުވެލައްވާ!

dw

ހަވީރުގެ ވަގުތެވެ. ރައްޓެއްސަކާއެކު ރަނގަޅުތަނަކަށް ކޮފީއަކަށް އަރައިފީމެވެ. ދުވަސްތަކަކަށް ފަހު ދިމާވުން ކޮފީގައި ވަރަށް ގިނަ ކަންތައްތަކާއި ޚިޔާލު ބަދަލުކުރެވުނެވެ. ގަޑިއެއް ހާއިރު ވޭތުކުރުމަށްފަހު ދެމީހުންވެސް އަވަސް ވެގަތީ ބިލް ދެއްކުމަށެވެ. ބިލް އައުމާއެކު އެކުވެރިޔާ ކޭޝް ކާޑު ނަގައި ވެއިޓަރު މީހާއަށް ޕިން ނަންބަރު ދިނުމަށްފަހު ފޮނުވާލައިފިއެވެ. “ކޭޝް ކާޑުގެ ޕިން ވެއިޓަރު މީހާއަށް ތިޔަ ދިނީ ކިހާ އިތުބާރެއް ކުރާތީހެއްޔެވެ.؟ ”އަހަރެން އެކުވެރިޔާ ގާތު އަހާލީމެވެ. އެކުވެރިޔާ ޖަވާބުގައި ބުނީ އަޅުގަނޑު ގަބޫލު ކުރާ ފަދަ ޖަވާބެއް ނޫނެވެ. “ ދެން ފަސޭހަތާ. ބިލަށް ފައިސާ ކަނޑައިގެން ގެނެސްދޭނެތާ.” އަޅުގަނޑު މި އެކުވެރިޔާއަށް އެއީ ރަނގަޅު ގޮތެއް ނޫންކަމާއި ކަމުގެ ހުރި ނުރައްކާ ކިޔައިދިނުމަށްފަހު ދެމީހުން އެކުގައި ބޭރަށް ނުކުމެ ހިނގައި ގަތީއެވެ.

އަޅުގަނޑު މި ހިއްސާކޮށްލީ ވަރަށް ގިނައިން އަޅުގަނޑުމެން ތެރޭގައި ހިނގަމުން އަންނަ ކަމެކެވެ. ފިހާރައަކުން ނުވަތަ ރެސްޓޯރަންޓަކުން ޚިދުމަތް ލިބިގަތުމަށްފަހު ބިލަށް ފައިސާ ދެއްކުމަށް ވެއިޓަރަށް ޕިން ނަންބަރު ދިނުމަށްފަހު ފޮނުވާލެވެ. ނުވަތަ ސޭޓަކަށް ޕިން ނަންބަރު ދިނުމަށްފަހު ކަނޑާލާށޭ ބުނެ ދޫކޮށްލެވެއެވެ. ފަސޭހަކޮށްލުމުގެ ގޮތުންވިޔަސް މި ކުރެވެނީ ކިހާވަރެއްގެ ކަމެއްކަން ނުވިސްނި ނުވަތަ ނޭނގި ތިބެއެވެ. ކަމުގެ ނުރައްކާތެރިކަން ނުވިސްނިއެވެ.

ކޭޝް ކާޑުގެ ޕިން ނަންބަރު ބޭނުންކޮށްގެން އެކައުންޓްތަކުގެ ވެރިފަރާތްތަކަށް ނޭނގި ފައިސާ ނެގުމަކީ މިހާރަކަށް އައިސް ވަރަށް ގިނައިން ދިމާވަމުންދާ މައްސަލަތަކެއްކަން ފުލުހުންނަށް ހުށަހެޅޭ މިބާވަތުގެ މައްސަލަތަކުން އެނގެއެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް އެކައުންޓް ތަކުގެ ވެރިފަރާތަށް ނޭނގި އެކަނުންތަކުން 80،000 ހަށްވުރެ ގިނަ ރުފިޔާ ނަގާފައިވާކަމާއި އެކައުންޓްގެ ވެރިފަރާތްތަކަށް ނޭނގި 4 އެކައުންޓަކުން 40،000 ހާހަށްވުރެ ގިނަ ރުފިޔާ ނަގާފައިވާ ކަން ފުލުހުން ހާމަކުރުމުން އެނިގެންދަނީ ކަމުގެ ހުރި ނުރައްކާތެރިކަމެވެ. ނުވިސްނައި ދޫކޮށްލެވޭ ވަރުގެ ކަމަކަށްވުރެ ބޮޑު ކަމެއްގެ ގޮތުގައެވެ.

ކޭޝް ކާޑުގެ ޕިން އަދި އޭޓީއެމްތަކުން ޚިދުމަތް ހޯދުމުގައި އާއްމު ރައްޔިތުން މިހާރަށްވުރެ ބޮޑަށް ސަމާލުވާން އެބަޖެހެއެވެ. ޕިން ނަންބަރު ބޭނުންކޮށްގެން ނޫންގޮތަކަށް އޭޓީއެމްތަކުން ޚިދުމަތް ނުލިބޭއިރު، ބައެއް މީސްމީހުން އޭޓީއެމް ތަކުގައި ތިބެގެން އޭޓީއެމް އަށް ފައިސާ ނަގަން ވަންނަ ފަރާތްތަކުން ޖަހާ ޕިން ނަންބަރުތައް ބަލައި ޕިން ނަންބަރު ނޯޓުކޮގެންނާއި އޭޓީއެމުން ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އެހީތެރިވުމުގެ ބޭނުމުގައި ދަނީ ޕިން ނަންބަރު ހޯދަން މަސައްކަތް ކުރަމުންވެ. ހަމައެހެންމެ ބައެއް ފަހަރު އޭޓީއެމް ތަކުން ޚިދުމަތް ހޯދުމަށްފަހު ޓްރާންސެކްޝަން ނުނިންމައި ދިއުމުގެ ސަބަބުން ޕިން ނަންބަރު އެނގޭ ފަރާތަކުން ނުވަތަ މިފަދަ ދަނޑިވަޅުތަކަށް ބަލަބަލައި ތިބޭ ފަރާތްތަކަށް ލިބިގެންދާނެ ފުރުސަތެކެވެ.

މިފަދަ މައްސަލަތައް މަދުކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކެއްވެސް އެބަހުއްޓެވެ. އެގޮތުން ކޭޝް ކާޑުގެ ޕިން ނަންބަރަށް މިހާރަށްވުރެ ސަމާލުވެ، އޭޓީއެމް ތަކުން ޚިދުމަތް ހޯދުމަށްފަހު ޓްރާންސެކްޝަން ނިންމާލެވުނުކަން ޔަޤީންކުރުމަށްފަހު ނުކުތުން މުހިއްމެވެ. ހަމަ އެއާއެކު އޭޓީއެމް ތަކުގައި ތިނބޭ ގޮތް ނޭނގޭ އަދި އިތުބާރު ނުކުރެވޭ ފަރާތްތަކުގެ އެހީތެރިކަން ހޯދައިގެން ފައިސާގެ މުޢާމަލާތް ނުހިންގުމަކީވެސް މިފަދަ ކަންކަން މަދުކުރުމަށްޓަކައި ކުރެވިދާނެކަމެވެ. ކޭޝް ކާޑުގެ ޕިން ނަންބަރަކީ ތިމާ ނޫން އެހެން އެއްވެސް މީހަކަށް އެނގިގެން ވާނެ އެއްޗެއް ނޫންކަމަށްވާއިރު ފިހާރައަކަށް ނުވަތަ ރެސްޓޯރަންޓަކުން ޚިދުމަތް ހޯދުމަށްފަހު ޕިން ނަންބަރު ވެއިޓަރަށް ދިނުމުގެ ބަދަލުގައި އަމިއްލައަށް ގޮސް ޕިން ނަންބަރު ޖެހުމަކީ އެންމެ ރައްކާތެރި ގޮތެވެ. މިފަދަ މައްސަލައެއް ފާހަގަކުރެވިއްޖެނަމަ ވަގުތުން އެކަން ފުލުހުންނާއި ކާޑުގެ ޚިދުމަތް ދޭ ފަރާތުގެ ސަމާލުކަމަށް ގެނައުމަކީވެސް ކުރެވިދާނެކަމެކެވެ.

މިފަދަ ކަންތައްތަކަކީ ފައިސާގެ މުޢާމަލާތްތައް ރައްކާތެރި ކަމާއެކު ހިންގުމަށާއި މިފަދަ މައްސަލަތައް މަދުކުރުމަށްޓަކައި ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ.

[ނޯޓް: މިއީ ޕޮލިސް ކޯޕްރަލް ޖާވިދު އިސްމާޢީލް، ފުލުހުންގެ ވެބްސައިޓް “ޕޮލިސްލައިފް” ގައި މި މަހުގެ 14 ވަނަ ދުވަހު ލިޔެފައިވާ އާޓިކަލެކެވެ.]

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.