ހުރިހާ މެޗަކުން މޮޅުވެ ގޮއިދޫ ޗެންޕިއަންކަން ހޯދައިފި

ގޮއިދޫ ޓީމް ޗެމްޕިއަން ޓްރޮފީ އާއެކުން– އީޓީ ފޮޓޯ / އަބޫ ޔައުލާ

ޕެނަލްޓީ ޖަހައިގެން ބ. އެޓޯލް ފުޓްބޯލް ޗެލެންޖް 2012 ގެ ޗެމްޕިއަންކަން ގޮއިދޫ ޔޫތު ސޮސައިޓީ ހޯދައިފިއެވެ. ފައިނަލްގައި އޭދަފުށީ ކްލަބް ކޮމްބިނޭޝަން އާ ބައްދަލުކޮށް، 1-1 ން އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން ގޮއިދޫ ޗެމްޕިއަންކަން ހޯދީ، 6 ލަނޑު 7 ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ.

މެޗްގެ ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު ގޮއިދޫ ޓީމުގެ ކެޕްޓަން އާދަމް ނިޒާމު ވަނީ އެޓީމަށް ލަނޑުޖަހައިދީ، ލީޑު ހޯދައިދީފައެވެ. އޭދަފުށީ ޓީމް އެއްވަރުކުރި ލަނޑު ފަހުހާފު ފެށުނުތަނާ ލިބުނު ޕެނަލްޓީއަކުން ކާބިޔާބު ކޮށްދިނީ މުހަންމަދު އުމެއިރެވެ.

ގޮއިދޫ ޓީމުގެ މުހަންމަދު ޖައިލަމް، އިބްރާހީމް ޝާނީޒް، އިބްރާހީމް މާޖިދު އަދި އަލީ ނިއުޝާދުގެ އިތުރުން ކެޕްޓަން އާދަމް ނިޒާމާއި ޢަބްދުﷲ މަޖީދު ވަނީ ޕެނަލްޓީ ކާމިޔާބު ކޮށްފައެވެ. އޭދަފުށިން އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު ލަތީފާއި މުހަންމަދު ހަނީފުގެ އިތުރުން މުހަންމަދު ފާސިރުގެ ޕެނަލްޓީ ކާމިޔާބު ކުރި އިރު ހާފިޒު އަހުމަދުގެ ޕެނަލްޓީ ވަނީ ގޮއިދޫ ޓީމުގެ ކީޕަރު މުހަންމަދު އިމްރާނު ވަނީ ދިފާއު ކޮށްފައެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ގޮއިދޫ ޓީމުގެ އިބްރާހީމް ޝާނީޒެވެ. ޝާނީޒަށް އިނާމު ހަވާލު ކޮށްދިނީ އޭދަފުށީ ޕޮލިސް ކޮމާންޑަރ އާދަމް ޝަރީފެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ކިހާދޫ ހޮވުނުއިރު 21 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ގޮއިދޫގެ މުހަންމަދު ބައްސާމެވެ. އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ ގޮއިދޫ ޓީމުގެ މުހަންމަދު އިމްރާނެވެ. މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު އޭދަފުށީ ސީސީގެ އަލީ ފާސިރާއި އަލީ އަޝްފާގު ހޯދީ 3 ގޯޖު ގަހައިގެންނެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ އޭދަފުށީ ސީސީގެ އަލީ އަޝްފާގެވެ. މުބާރާތުގެ ރަނަރަޕް އޭދަފުށީ ސީސީ ޓީމަށް -/10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައި ވާއިރު ޗެމްޕިއަން ގޮއިދޫ ޓީމަށް ވަނީ -/25،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. އަދި މުބާރާތުގައި ރެފްރީކަން ކޮށްދިން ފަރާތްތަކަށް ވެސް ވަނީ ހަނދާނީ ލިޔުން ދީފައެވެ. މި ހުރިހާ އިނާމެއް ބައްސަވައިދެއްވީ ބ. އަތޮޅު ހޮސްޕިޓަލާ ހަވާލުވެ ހުންނެވި ސިދުގީ އަބްދުﷲ އެވެ.

ވީޓީވީން ލައިވް ކޮށްފައިވާ މިމެޗަކީ މިހާތަނަށް އެންމެގިނަ އަދަދެއްގެ ބަޔަކު ކުޅިބަލަން ދިޔަ މެޗް ކަމުގައި ފާހަގަ ކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.