ބ. އެޓޯލް ފުޓްބޯޅަ ޗެލެންޖުގައި މިއަދު ހަވީރު އޭދަފުއްޓާ ދެކޮޅަށް ގޮއިދޫ ނުކުންނާނީ، ބަލިނުވެ މި މުބާރާތުގެ ތަށި އުފުލާލުމުގެ އަޒުމުގަ އެވެ.
މި މުބާރާތުގައި ގްރޫޕް ސްޓޭޖްގައި ކުޅެންޖެހުނު ދެ މެޗާއި ސެމީ ފައިނަލް މެޗުވެސް ގޮއިދޫ ޓީމުންވަނީ ފަސޭހަ ކަމާއެކު ކާމިޔާބުކޮށްފައެވެ. ގޮއިދޫ އެއްވެސް މެޗަކުން ބަލިވެފައިނުވާއިރު، ކުޅުނު މެޗުތަކުގައި 5 ލަނޑު ޖަހާފައިވާއިރު، ބައިކޮޅަށްވަނީ އެންމެ ދެ ލަނޑެވެ.
ބަލިނުވެ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަކީ ގޮއިދޫ ޓީމުގެ އަމާޒެއް ކަމަށް މެނޭޖަރު ރިޔާޒު ވަނީ ބުނެފަ އެވެ. އަދި މި މެޗުގައި ގޮއިދޫއަށް ސަޕޯޓުކުރަން ވަރަށް ގިނަ އަދަދެއް ސަޕޯޓަރުން މެންދުރުގެ ވަގުތެއްގައި އޭދަފުށްޓަށް އަންނާނެ ވާހަކަ ވެސް ބުނެފައި ވެއެވެ.
“ވަރަށް މުހިންމު ކަމެއް އެއީ. ކޮންމެ މެޗެއް ވެސް ކާމިޔާބުކުރަން ނިއު ނުކުންނާނީ. ﷲ އިރާދަކުރެއްވިއްޔާ ދެން އެ މަސައްކަތް (ބަލިނުވެ މުބާރާތް ނިންމާލުން) ކުރެވޭތޯ ބަލާނީ. އުފާފާޅުކޮށްލަން ރަނގަޅު ނިންމާލުމެއް ނިންމާލެވޭތޯ އަޅުގަނޑުމެން މަސައްކަތްކުރާނީ،”
މިއަދު ހަވީރު ކުޅޭ މުބާރާތުގެ ފައިނަލުގައި އޭދަފުއްޓާ ދެކޮޅަށް ނުކުންނައިރު، ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ގޮއިދޫ އިން ކާމިޔާބުކުރީ 1-2 އިންނެވެ.
މެޗާ ބެހޭގޮތުން އޭދަފުށީ ޓީމް މެނޭޖަރު މަބުރޫކު ބުނީ ރަނގަޅު ނަތީޖާއަކަށް އުންމީދުކުރާ ކަމަށާއި ސީސީ އިން ނުކުންނާނީ މުބާރާތް ކާމިޔާބުކުރުމުގެ އަޒުމުގައެވެ. އަދި ބޮޑު އީދު މުބާރާތުގައި އެ ޓީމުގެ ފަހަތް ބެލެހެއްތުމުގައި އިސް ދައުރެއް އަދާކުރި، ވިކްޓްރީގެ އަޙުމަދު ފިރާޒް މޫސާ (މައްލާ) މިއަދުގެ ފައިނަލް މެޗުގައި ފެނިގެން ދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
ފައިނަލް މެޗަށް ގޮއިދޫގެ ގިނަ ސްޕޯޓްރުން މިހާރުވަނީ އޭދަފުއްޓަށް އައިސްފައެވެ. ފައިނަލު މެޗު ވީޓީވީ އިން ވަގުތުން ދައްކާގޮތަށްވަނީ ހަމަޖެހިފައެވެ.