އަންނަ ހޮނިހިރު ދުވަހު މުޅި ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި ބ. އަތޮޅުގައި ވޯޓް ލާއިރު ވޯޓް ލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް މައުލޫމާތު ދިނުމުގެ ވޯކްޝޮޕްތަކެއް ފަށައިފި އެވެ.
އޭދަފުއްޓާއި ތުޅާދޫގައި މިއަދު ފެށި މި ވޯކްޝޮޕުތަކުގައި މި އަތޮޅުގެ ހުރިހާ ރަށަކުން 50 އަށް ވުރެ ގިނަ އޮފިޝަލުން ބައިވެރިވެފައި ވެއެވެ.
ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ކަންތައްތައް ކުރިއަށްދާއިރު ގާނޫނާއި ގަވައިދާ އެއްގޮތަށް ކަންތައްތައް ކުރުމަށް އިރުޝާދު ދީ، އަދި އެކަންކަން ކުރަންވީގޮތް ދަސްކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދާ މި ވޯކްޝޮޕުތައް ނިމޭނީ މާދަމާ އެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ބ. އަތޮޅުގައި 22 ފޯޓުފޮށި ބަހައްޓާނެ އެވެ.