ވިލާ ކޮލެޖުގައި ހުރި މަތީ ތައުލީމުގެ ފުރުސަތުތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް އޯޕަން ޑޭ އެއް މި ހަފްތާ ބަންދުތެރޭ އޭދަފުށީގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް އެ ކޮލެޖުން ބުނެފި އެވެ.
އެ ކޮލެޖްގެ އޮފިޝަލަކު މިއަދު އީޓީ އަށް ވިދާޅުވީ އޭދަފުށީ މަލްޓިޕާޕަސް ހޯލުގައި އޯޕަން ޑޭ ފެށުމުގެ ގޮތުން މާދަމާރޭ ހާއްސަ ރަސްމިއްޔާތެއް އޮންނާނެ ކަމަށެވެ. އަދި އޯޕަންޑޭގެ ހަރަކާތްތައް ހޮނިހިރު ދުވަހުވެސް ކުރިއަށްދާނެ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި އޯލެވެލް އާއި އޭ ވެލެވެލް ނިންމާފައިވާ ދަރިވަރުންނަށް ވިލާ ކޮލެޖުން ލިބެން ހުރި މަތީ ތައުލީމްގެ ފުރުސަތުތަކާ ބެހޭ ގޮތުން ވަރަށް ފުޅާކޮށް މައުލޫމާތު ފޯރުކޮށް ދޭނެ އެވެ. އަދި އެ ކޮލެޖާ ގުޅެން ބޭނުންވާ ދަރިވަރުންނަށް އެޕްލިކޭޝަން ފުރައި ދިނުން ފަދަ ކަންތައްތައް ވެސް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވިލާ ކޮލެޖުން ބުނީ އޭދަފުށީގައި ބާއްވާ އޯޕަން ޑޭގެ އެންމެ ބޮޑު މަގުސަދަކީ އެ ކޮލެޖުން އޭދަފުށީގައި އަންނަ އަހަރު ގާއިމުކުރުމަށް ހަމަޖެހިފައިވާ ކެމްޕަހުގައި ފަށާ ކޯސްތަކުގައި އޭދަފުއްޓާއި އެ ސަރަހައްދުން ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ފަހިކޮށް ދިނުން ކަމަށެވެ.
ވިލާ ކޮލެޖުން ބުނީ އޭދަފުށީގައި އޯޕަންޑޭ ކުރިއަށްދާއިރު އެޕްލިކޭޝަން ފޯމް ފުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ވިލާ ކޮލެޖުން ހިލޭ ސްކޯލަޝިޕެއް ލިބޭނެ ކަމަށެވެ.
ރާއްޖޭގައި ހުރި އަމިއްލަ ކޮލެޖްތަކުގެ ތެރެއިން ވިލާ ކޮލެޖަކީ މިހާރު ވެސް ގިނަ އަދަދެއްގެ ދަރިވަރުން ކިޔަވަމުން އަންނަ އަދި ތަފާތު ދާއިރާތަކުން ގިނަ ކޯސްތަކެއް ހިންގާ ކޮލެޖެކެވެ. އެގޮތުން މިހާރު ވެސް އެ ކޮލެޖުން ހަތަރު ދާއިރާއަކުން މާސްޓާޒް ފެންވަރުގެ ކޯސްތައް ހިންގަ އެވެ. އެ ކޮލެޖު ޔުނިވަސިޓީއަކަށް ބަދަލުކުރުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.