
ބ. ހިތާދޫ ކައުންސިލް އިދާރާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށްޓަކައި އެ އިދާރާގެ އިމާރާތް މަރާމަތު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ހިތާދޫ ކައުންސިލުން ވާހަކަ ދެއްކި އޮފިޝަލަކު ހިތާދޫ އޮންލައިނަށް ވިދާޅުވެފައިވަނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި އިތުރު ކުރާބައިގެ މަސައްކަތްނިމި، ބޭނުންކުރެވޭ ވަރުވާނެ ކަމަށެވެ. މި ބައި ބޭނުން ކުރެވެން ފެށުމުން މިވަގުތަށް ދިމާވެފައިވާ ދަތިތައް ހައްލުވެގެން ދާނެކަމަށްވެސް އެ ކައުންސިލުން ބުނެއެވެ. އެހެން ނަމަވެސް ދުރުނޫސް މުސްތަގުބަލެއްގައި އިތުރު ޖާގަ ބޭނުންވާނެ ކަމަށްވެސް ކައުންސިލްގެ އޮފިޝަލް ވިދާޅުވިއެވެ.
ހިތާދޫ ކައުންސިލް އިދާރާ މިހާރު ހިންގަމުން ގެންދަނީ ނުވަދިހައިގެ އަހަރުތަކުގައި ރާއްޖެތެރެ ތަރައްޤީ ކުރުމުގެ ޕްރޮގްރާމް ދަށުން ރަށްރަށުގައި އިމާރާތް ކުރި ރަށުއޮފީހާއި ރައްވެހިގެ އަދި ރަށުކޯޓު ހިމެނޭ އިމާރާތުގައެވެ. މީއީ މިއިމާރާތް ހެދިފަހުން ކައުންސިލް އިދާރާގެ އިމާރާތަށް ގެނެވޭ ފުރަތަމަ ބަދަލެވެ.