ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން ގާސިމް އިބްރާޙިމް

ގާސިމް އިބްރާހިމް
ގާސިމް އިބްރާހިމް

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ހަތަރު ކެންޑިޑޭޓުންގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާ ރާއްޖޭގެ މަޝްހޫރު ވިޔަފާރި ވެރިޔާ ގާސިމް އިބްރާހީމްއަކީ، ވިޔަފާރީގެ އިތުރުން ރާއްޖޭގެ ސިޔާސީ މަސްރަހުގައި ވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

އދ. ދިއްދު އަށް 1950 ވަނަ އަހަރު އުފަންވެވަޑައިގަތް ގާސިމްގެ ބައްޕައަކީ މާމިގިލީ މަޝްހޫރު “ބުރުމާ” އިބްރާހީމެވެ. މަންމައަކީ އެ އަތޮޅު ދިއްދޫ ހައްވާ އެވެ. ގާސިމްގެ އުމުރުފުޅުން އެއްމަހާއި ނުވަ ދުވަސް ވީތަނާ މަންމަ ނިޔާވެއްޖެ އެވެ.

މަންމަ ނިޔާވުމުން ގާސިމް ބެލެހެއްޓެވީ، އޭނާގެ ބައްޕަ ފަރާތު މާމަ އެވެ. ދިހަވަރަކަށް އަހަރުގައި މާމަ ވަނީ ނިޔާވެފަ އެވެ. މާމަ ނިޔާވި ހިސާބުން ގާސިމް ވަނީ މަސައްކަތުގެ އަމަލީ މައިދާނަށް ނުކުންނަވާފަ އެވެ. އެގޮތުން އެމަނިކުފާނު ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ރަށްރަށުން ކާށި ހޮވުމާއި އެފަދަ އެހެނިހެން މަސައްކަތްތައް ހިމެނެ އެވެ. އަދި އެ ދުވަސްވަރު އެރަށުން ލިބެން ހުރި ތައުލީމަކާއި ހުނަރެއް އުމުރާ ގުޅޭ ގޮތުން ހޯއްދަވާފައިވެ އެވެ. ބައްޕަ ގާތުގައި ދެތިން އަހަރެއް ވޭތުކުރެއްވުމަށް ފަހު ޅަފުރައިގެ އަހަރުތަކުގައި ތައްލީމު ހާސިލް ކުރެއްވުމަށް މާލެވަޑައިގެން މާލޭގައި ފުރަތަމަ އުޅުއްވީ، ނޫރާނީއާގޭގަ އެވެ. ދެން އޭގެ ފަހުން އެންދެރިމާގޭގަ އެވެ. މި ދެގޭގައި ވެސް ސައިކަލާއި، ބައިސްކަލު ފަދަ ތަކެތި ސާފުކުރުމުގެ މަސައްކަތާއި ގޭތެރެ ސާފުކުރުމުގެ މަސައްކަތްތައް ކުރައްވާފައިވެ އެވެ. އަދި ލިބޭ ހުސްވަގުތުކޮޅުގެ ތެރޭގައި ޓިއުޝަނަށް ވަޑައިގެންނެވި އެވެ. އެއަށް ފަހު 1972 ވަނަ އަހަރު ޕްރޮފެޝަނަލް ކޯސް އިން އެކައުންޓެންސީ ފުރިހަމަ ކުރެއްވި އެވެ.

ގާސިމް އިބްރާހީމް ގައުމީ ޚިދުމަތް ފެއްޓެވީ 1969 ވަނަ އަހަރު ގަވަމަންޓް ހޮސްޕިޓަލްގެ އެއްނަންބަރު ކާތިބެއްގެ ވަޒީފާއިންނެވެ. އޭގެ ފަހުން އެކައުންޓިން ކޯހެއް ހެއްދެވުމަށް ފަހު އެތަނުގެ އެކައުންޓެންޓަކަށް ޕްރޮމޯޓްވި އެވެ. އެއަށްފަހު 1973ގައި އެލިޔާ ފަރުނީޗަރު ފިހާރައިގެ މެނޭޖަރުކަން ކުރެއްވި އެވެ. އަދި އޭގެފަހުން އެ އަހަރު ކްރެސެންޓްގައި ވެސް މަސައްކަތް ކުރެއްވި އެވެ. ނަވާރަ ސަތޭކަ ހަތްދިހަ ހަތަރެއްގައި މޯލްޑިވްސް ގަވަމަންޓް ބޮޑު އިސްޓޯރު (އެމްޖީބީއެސް)ގެ މެނޭޖަރުކަން ކުރައްވާފައިވެ އެވެ.

ގާސިމް އިބްރާހީމް އެމަނިކުފާނުގެ އަމިއްލަ ވިޔަފާރީގެ ޢަމަލީ މަސައްކަތަށް ނުކުމެވަޑައިގަތީ، މީގެ 33 އަހަރު ކުރިން 1976ގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ހޯއްދެވި 15،000 ރުފިޔާގެ ރައުސްމާލަކާ އެކުގަ އެވެ. ކުރެއްވި ވިޔަފާރީގެ ތެރޭގައި، ކާޑުގެ ބާވަތްތަކާއި، ތެލުގެ ވިޔަފާރި ހިމެނެ އެވެ. އޭގެ ތެރޭގައި ހަނޑުލާއި ކަރާސީނާއި، ޑީސަލުގެ ވިޔަފާރި ހިމެނެ އެވެ. ނަވާރަ ސަތޭކަށް އަށްޑިހައިގައި ބާ ބޯޓެއް ބައްލަވައިގަނެ، ކާގޯއާއި ތެޔޮ އުފުލޭގޮތަށް އެ ބޯޓް މަރާމާތު ކުރައްވައިގެން ތެޔޮ އިމްޕޯޓް ކުރުމުގެ މަސައްކަތް ފެއްޓެވި އެވެ.

މިހާރު ދިވެހިރާއްޖޭގެ އެންމެ މަޝްހޫރު ކުންފުނި ކަމަށްވާ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ލިމިޓެޑް 14 އޭޕްރީލް 1986ގައި ގާސިމް އިބްރާހީމް އުފެއްދެވި އެވެ. އެ ކުންފުނީގައި އޭރު ވެސް އެތައް އާގުބޯޓެއް އޮތެވެ. ވިލާ ގްރޫޕްގެ ވިޔަފާރި އޮފީސްތައް ދުނިޔޭގެ ބައެއް ޤައުމުތަކުގައި ހިނގަމުންދެ އެވެ. އެގޮތުން އެންމެ ފުރަތަމަ އޮފީހެއް ހުޅުވުނީ، ސިންގަޕޫރުގައި 1991 ވަނަ އަހަރު އެވެ. އޭގެ ފަހުން، ޖަރުމަނުގައި 1996 ގައި ވިލާގެ އޮފީހެއް ހުޅުވުނެވެ. އަދި 2001 ވަނަ އަހަރު ޖަޕާނާއި، ހޮންކޮންގުގައި ވެސް ވިލާގެ އޮފީސް ހުޅުވިފައިވެ އެވެ.

ގާސިމް އިބްރާހީމް މީގެ 33 އަހަރު ކުރިން އަމިއްލަ ވިޔަފާރީގެ ތެރެއަށް ވެންނެވީއްސުރެ އެމަނިކުފާނު ގެންދަވަނީ އެ މަނިކުފާނަށް ލިބިވަޑައިގެންނެވި މިންވަރަކުން ނިކަމެތީންނަށާއި ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިވެ ދެއްވަމުންނެވެ. ރާއްޖެއިން ލިބެންނެތް ސިއްޙީ ފަރުވާ ދިވެހީންނަށް ގާސިމް އިބްރާހީމް ނުވަތަ ވިލާ ފައުންޑޭޝަނުން މައިގަނޑު ގޮތެއްގައި ފޯރުކޮށްދެއްވަނީ އިންޑިޔާއިންނެވެ. އަދި ޝްރީލަންކާއާއި ތައިލެންޑުން ވެސް ވިލާ ފައުންޑޭޝަނުން ދިވެހީންނަށް ސިއްހީ ފަރުވާ ފޯރުކޮށްދެ އެވެ. ކެންސަރާއި ކިޑްނީގެ ބަލިތަކާއި މިނޫން ވެސް ނުރައްކާތެރި ބަލިބައްޔާއި އެހެނިހެން ބަލިބައްޔާއި އަދި މިނޫން ވެސް ބޭސްފަރުވާއަށް ބޭނުންވާ މީހުންނަށް ދަނީ އެހީދެއްވަމުންނެވެ.

ގާސިމް އިބްރާހީމްގެ އެހީތައް އެއް ފުރާޅެއްގެ ދަށަށް ގެންނަވައި މިކަމުގެ ނިޒާމު ފުރިހަމަ ކުރެއްވުމަށްޓަކައި ދުނިޔޭގައި މިބާވަތުގެ ކަންތައްތައް އޮންނަ ގޮތުގެމަތިން 19 މާޗް 2003 ގައި ވިލާ ފައުންޑޭޝަންގެ ނަމުގައި ފައުންޑޭޝަނެއް ގާއިމް ކުރެއްވި އެވެ.

މެލޭޝިޔާ، އިންޑިޔާ، ސްރީލަންކާ، ސިންގަޕޫރު، އޮސްޓްރޭލިޔާ، ނިއުޒީލެންޑް، އިނގިރޭސިވިލާތާއި، ޔޫރަޕްގެ ގައުމުތަކާއި، މިނޫންވެސް ގައުމުތަކުން، ޕީއެޗްޑީ މާސްޓާސް، ބެޗްލާ ޑިގްރީ، އަދި މިނޫންވެސް މަތީ ތައުލީމުގެ ފަންނީ ކޯސް ގާސިމް އިބްރާހީމްގެ އެހީގައި ދިވެހި ރައްޔިތުންގެ އެތައް ސަތޭކަ ޒުވާނުން ވަނީ ޙާޞިލްކޮށްފަ އެވެ. މިހާރު ވެސް އެތައް ސަތޭކަ ޒުވާނުންނާއި ދަރިވަރުންނެއް ގެންދަނީ، މަތީ ތަޢުލީމުގެ ސްކޮލާޝިޕް، ފެލޯޝިޕްތައް ފުރިހަމަ ކުރަމުންނެވެ. ރާއްޖެއިން ބޭރުން ޕީއެޗްޑީ، މާސްޓާސް ޑިގްރީ، އަދި ފަސްޓް ޑިގްރީއާއި ފަންނީ ކޯސްތައް ހެދުމުގެ ފުރުސަތު އެތައްހާސް ދިވެހީންނަށް ހޯއްދަވައި ދެއްވުމުގެ އިތުރުން، ރާއްޖޭގައި ތިބެގެން ދިވެހީންނަށް މަތީ ތަޢްލީމު ހާސިލްކުރުމުގެ ފުރުޞަތު ހޯއްދަވައި ދެއްވުމަށް އެންމެ ފުރަތަމަ ކޮލެޖެއް ގާއިމް ކުރެއްވީވެސް ގާސިމް އިބްރާހީމެވެ. ސަތާރަ އޮކްޓޯބަރު 2007ގައި އުފެއްދި ވިލާ ކޮލެޖްގައި ތިން ފެކަލްޓީއެއް މިހާރު ވެސް ހިމެނެ އެވެ. އެއީ، ފެކަލްޓީ އޮފް ކޮމްޕިއުޓިންގް އެންޑް އިންފޮމޭޝަން ޓެކްނޯލޮޖީ، ފެކަލްޓީ އޮފް މެރިން ސައިންސަސް އެންޑް ވޯޓާ ސްޕޯޓްސް، ފެކަލްޓީ އޮފް ޓޫރިޒަމް އެންޑް ހޮޓެލް މެނޭޖްމަންޓެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އިތުރު ތިން ފެކަލްޓީއެއް ޤާއިމް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ، ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓް، ފެކަލްޓީ އޮފް ހެލްތް ސައިންސަސް، ފެކަލްޓީ އޮފް އެޑިޔުކޭޝަނެވެ.

ގާސިމް އިބްރާހީމް ދިވެހިގައުމާއި މުޖުތަމަޢަށް ކުރައްވާފައިވާ ޚިދުމަތްތަކުގެ ސަބަބުން އާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމުތަކާއި ޝަރަފްވެރި ކަމުގެ އިނާމު ތައް ވަނީ ލިބިވަޑައިގެންފަ އެވެ.

މިއަދު ވިލާ ގްރޫޕަކީ، އެތައް ކުންފުންޏެއް އޭގައި ހިމެނިފައިވާ ދިވެހިރާއްޖޭގެ އެންމެބޮޑު ވިޔަފާރީގެ ގްރޫޕް ކަމުގައި ބެލެވެ އެވެ. ޚާއްސަކޮށް 1988 އާ ހިސާބުން ފަތުރުވެރިކަމުގެ ސިނާއަތަށް ނިކުތް މިގްރޫޕް ހިމެނެނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ވެސް އެންމެ ކުރީގައެވެ. އެތައް ރިސޯޓެއް ހިމެނެއެވެ. ވިލާ ހޮޓެލްސް، ވިލާ ޓްރެވަލް ފަދަ ކުންފުނިތަކަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ފާހަގަކޮށްލެވޭ ކުންފުނިތަކެކެވެ.

ވައިގެ ދަތުރުފަތުރުގެ ވިޔަފާރީގައި ވެސް ގާސިމް އިބްރާހީމް ވަނީ ވަރަށް މުހިންމު ހިއްސާއެއް އަދާކުރައްވާފަ އެވެ. އަމިއްލަ ފަރާތަކުން ރާއްޖޭގައި ހަދާފައިވާ ފުރަތަމަ އެއާޕޯޓަކީ، ގާސިމް އިބްރާހީމް އެމަނިކުފާނުގެ އަމިއްލަ ރަށް. އދ. މާމިގިލީގައި ހަދާފައިވާ އެއާޕޯޓެވެ. ގާސިމް އިބްރާހީމް ކުރިންވެސް ކުރެއްވި ޝިޕިންގެ ވިޔަފާރިއާއި ކަނޑުދަތުރުގެ ލޯންޗްތަކާއި، ދޯނިތަކާއި، ތެލާއި ގޭހުގެ ވިޔަފާރި ވެސް ވަނީ ވަރަށް ބޮޑަށް ފުޅާވެ ކުރިއަރާފަ އެވެ. އަދި މަސްވެރިކަމުގެ ސިނާއީ ބޮޑެތި ފެކްޓެރީތަކާއި، ބޯޓްތަކާއި، އެހެނިހެން ސިނާއީ ބޮޑެތި މަސައްކަތްތައް ކަމުގައިވާ، ސިމެންތި ފެކްޓްރީއާއި، ޓިނު ފެކްޓްރީ ވެސް މި ވިޔަފާރީގައި ހިމެނެ އެވެ. މިނޫން ވެސް އެތައް ވިޔަފާރިއެއް ކުރައްވައި ގައުމަށް އޭގެ ފައިދާ ގާސިމް އިބްރާހީމް ވަނީ ހޯއްދަވައި ދެއްވާފަ އެވެ. އަދި ރާއްޖެއަށް ފަތުރުވެރިކަމުގެ ސިނާއަތް ތައާރަފުވީ ހިސާބުން ފެށިގެން ގާސިމްގެ ހިއްސާވާ އެތަކެއް ރިޒޯޓެއް ގާއިމް ކޮށްފައިވެ އެވެ. ވިލާ ހޮޓެލްސް، ވިލާ ޓްރެވަލް ފަދަ ކުންފުނިތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ކުންފުނިތަކެވެ.

ގާސިމް އިބްރާހީމް ސިޔާސީ ދާއިރާއަށް ޢަމަލީގޮތުން ވެދެވަޑައިގަތީ، 1990 ވަނަ އަހަރުއެވެ. އެއީ އޭރުއޮތް ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު މެންބަރެއްގެ ޙައިޞިއްޔަތުންނެވެ. މަޖިލީހުގައި އެއިރު ތިއްބެވީ ޤާސިމް އިބްރާހީމް، ހަސަން އަފީފު، މުހައްމަދު އިބްރާހީމް ދީދީ (މޮޑީ) ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، މުހަންމަދު ލަތީފް (ގޯގޯ ލަތީފު) ފަދަ ބޭފުޅުންނެވެ.

ގާނޫނު އަސާސީ އެކުލަވާ ލުމަށްޓަކައި 14 ޖުލައި 2004 ގައި އެއްކުރެވުނު ރައްޔިތުންގެ ޚާއްޞަ މަޖިލީސްގެރައީސްގެ ހައިސިއްޔަތުން އެ މަނިކުފާނު ވަނީ ވަރަށް ގިނަގުނަ ޚިދްމަތްތަކެއް ފޯރުކޮށް ދެއްވާފަ އެވެ.

ރައީސް މައުމޫންގެ ސަރުކާރުގައި، 18 އޮގަސްޓް 2005 ގައި ފިނޭންސް މިނިސްޓަރުކަން ގާސިމް އިބްރާހީމަށް ދެއްވި އެވެ. އެއާއެކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ކަމާއި، ވޯލްޑް ބޭންކަށާއި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ގަވަރުނަރުކަން ލިބިވަޑައިގަތެވެ. ޖުލައި1، 2006ގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ ހައިސިއްޔަތުން 500 ރުފިޔާގެ ނޫޓުގައާއި އެހެނިހެން ބައެއް ނޫޓްތަކުގައި ސޮއިކުރައްވައި ތާރީޚުގެ ތެރެއަށް ވެދެވަޑައިގަތެވެ. އޭގެ ކުރިން ރާއްޖޭގެ ނޫޓްގައި މާލީ ވަޒީރުގެ ޙައިޞިއްޔަތުން ސޮއިކުރައްވާފައިވަނީ ގައުމުގެ ރައީސުން ކަމުގައިވާ މުހައްމަދު އަމީން، އިބްރާހީމް ނާސިރު، އަދި މައުމޫން އަބްދުލްގައްޔޫމެވެ.

ފިނޭންސް މިނިސްޓަރުކަން ކުރެއްވި ދުވަސްވަރު ގާސިމް އިބްރާހީމް ވަނީ، އޭރުގެ ރައީސް މައުމޫން އުފެއްދެވި ދެވަނަ ޖުމްހޫރިއްޔާގެ ތިންވަނަ ސިޔާސީ ޕާޓީ ކަމަށްވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ނާއިބް ޒަޢީމް ކަމަށް އިންތިޚާބުވެވަޑައިގެންފަ އެވެ. އެއީ 20 އޭޕްރީލް 2006ގަ އެވެ.

ސިޔާސީގޮތުން އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރޭގައި ގާސިމް އިބްރާހީމް ވަނީ ފިނޭންސް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އަދި 7 އޮގަސްޓް 2008 ގައި ޑީއާރުޕީގެ ނާއިބު ޒައީމު ކަމުގެ މަގާމުން އިސްތިއުފާ ދެއްވައި، އެޕާޓީން ވެސް ވަކިވެ ވަޑައިގެންނެވި އެވެ. އަދި އެދުވަހަކީ، ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ރިޔާސަތުގައި ގާސިމް ހުންނަވައިގެން އިސްލާހު ކުރެވުނު ރާއްޖޭގެ ގާނޫނު އަސާސީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައި، ދިވެހިރާއްޖެއަށް ޒަމާނީ މިނިވަން ޑިމޮކްރަސީއެއް އަލިވިލުނު ދުވަހެވެ. އަދި އެ ދުވަހަކީ، ގާސިމް އިބްރާހީމް ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވި ދުވަސް ވެސްމެ އެވެ.

ޖުމްހޫރީ ޕާޓީގެ ވަގުތީ ހިންގާ ކޮމެޓީން ގާސިމް އިބްރާހީމަކީ، އެޕާޓީގެ ލީޑަރު ކަމަށާއި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމަށް 15 އޮގަސްޓް 2008 ގައި ނިންމި އެވެ. އަދި އެމަހުގެ ތެރޭގައި ބޭއްވުނު ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންގްރެސްގެ މެންބަރުން ވަނީ ވަރަށް މަތީ އަޣްލަބިއްޔަތަކުން އެކަން ގަބޫލުކުރައްވާފަ އެވެ.

ޒަމާނީ މިނިވަން ޑިމޮކްރަސީއެއް ދިވެހިރާއްޖެއަށް އަލިވިލިގެން އައި މިޤާނޫނު އަސާސީ ހެއްދެވި، މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވަނީ، މިގާނޫނު އަސާސީގެ ދަށުން ބޭއްވި އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރައްވާ 15 ޕަސެންޓް ވޯޓް ހޯއްދަވައިގެން އެ އިންތިޚާބުގެ ހަތަރު ވަނަ ހޯއްދެވާފަ އެވެ (މައުލޫމާތު ސައިން އޮންލައިން).

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.