ދިރާގު ޕޯސްޓް ޕެއިޑް ޕެކޭޖުތައް ބޭނުންކުރާ ކަސްޓަމަރުންނަށް ހިލޭ ގުޅޭ މިނެޓުގެ އަދަދު އިތުރުކޮށްފި އެވެ.
ދިރާގުން ބުނީ ސިލްވަރ ޕެކޭޖް ބޭނުންކުރާ ކަސްޓަމަރުންނަށް ކުރިން އެ ޕެކޭޖުން 330 މިނެޓް ހިލޭ ލިބުނަސް މިހާރު 390 މިނެޓް ހިލޭ ލިބޭނެކަމަށާއި ބްރޯންޒް ޕެކޭޖުން ކުރިންލިބޭ 160 މިނެޓްގެ ބަދަލުގައި މިހާރު 190 މިނެޓް ހިލޭ ލިބޭނެ ކަމަށެވެ.
ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނިންވަނީ ޕޯސްޓް ޕެއިޑް ކަސްޓަމަރުންގެ ތެރެއިން ޕްލެޓިނިއަމް ޕެކޭޖާއި ޑައިމަންޑް އަދި ގޯލްޑް ޕެކޭޖްތަކުގައިވެސް ހިލޭގުޅޭ މިނެޓް އިތުރުކޮށްދީފައެވެ.
އެގޮތުން ޕްލެޓިނިއަމް ޕެކޭޖުން ކުރިން ހިލޭ މިނެޓުގެ ގޮތުގައި ލިބެން އައި 1،500 މިނެޓުގެ ބަދަލުގައި މިހާރު 2،300 މިނެޓު ލިބެ އެވެ. އަދި ޑައިމަންޓް ޕެކޭޖުތަކުގައި ކުރިން ދެމުން ދިޔަ 1،000 މިނެޓުގެ ބަދަލުގައި މިހާރު 1،500 މިނެޓު ލިބެ އެވެ. އަދި ގޯލްޑް ޕެކޭޖުގައި ކުރިން ލިބުނު 660 މިނެޓުގެ ބަދަލުގައި މިހާރު 1،000 މިނެޓަށް އިތުރުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ދިރާގުން ބުނީ އެގޮތަށް ނިންމާފައި ވަނީ ގިނަ އަދަދެއްގެ ކަސްޓަމަރުންގެ އެދުމާއި ޕޯސްޕެއިޑް ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަކަމާ އެކު ރައްޓެހިންނާއި އާއިލާ މީހުންނަށް އަދި ރަހުމަތްތެރިންނަށް ހިލޭގުޅާ ލުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން ކަމަށެވެ.
ދިރާގުގެ ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް ދެމުން އައި ފްރީ މިނެޓު އިތުރުކުރުމާ ގުޅިގެން ޕޯސްޓް ޕެއިޑް ކަސްޓަމަރުން ހިލޭ ވާހަކަ ދައްކާލަން އޮތް ފުރުސަތު މިހާރަށް ވުރެ ވެސް އިތުރަށް ހުޅުވިގެންދާނެކަމަށް ދިރާގުން ބުނެއެވެ. ދިރާގުން ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް ދެމުން ގެންދިޔަ މިނެޓު އިތުރުކޮށްފައިވާއިރު، ކަސްޓަމަރުންގެ އަދަދު ހަލުވިކަމާއެކު އިތުރުވަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.