
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަނުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު ދޭނެ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނާއި ރަށު ކައުންސިލްތަކުން އެ ހަތަރު ދުވަހު ރެޖިސްޓްރޭޝަންގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ ބުރުގައި ރަޖިސްޓްރީކުރަން ހުޅުވާލިއިރު ދެ ވަނަ ބުރުގެ ރެޖިސްޓްރޭޝަން ވެސް ކުރިއަށް ގެންދިޔަ އެވެ. އެހެން ނަމަވެސް އަލުން ފުރުސަތު ހުޅުވާލަނީ، ވޯޓުލާ ތަން ބަދަލުކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދިނުމަށެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރަށްވެހިފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓް ލުމަށް 65،745 މީހުން ރަޖިސްޓްރީކުރި އެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ ޖުމްލަ 239،593 މީހުންނަށެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ ދެ ވަނަ ބުރުގައި 18 އަހަރު ފުރި އަލަށް ވޯޓުލެވޭ މީހުން ވެސް ތިބޭނެތީ އެ އަދަދު އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.