
ސެޕްޓެމްބަރ 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮބްޒާވްކުރުމަށާއި މޮނިޓަކުރުމަށް ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވުމަށް ހުށަހެޅުމުގެ މުއްދަތު ހަމަވާނީ ސެޕްޓެމްބަރު 14 ގެ ނިޔަލަށެވެ.
. އިންތިހާބު އޮބްޒާވުކުރުމަށް ހުށަހެޅޭނީ ސިޔާސީ ޕާޓީތަކާއި އަމިއްލަ ޖަމިއްޔާތަކުންނެވެ. އަމިއްލަ ގޮތުން ވެސް އިންތިހާބު އޮބްޒާވުކުރަން ހުށަހެޅުމުގެ ފުރުސަތު އޮންނައިރު، ޖަމިއްޔާތަކުންނާއި އަމިއްލަ ގޮތުން ހުށަހަޅާ ފަރާތްތަކަކީ ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އޮތް ފަރާތަކަށް ވެގެން ނުވާނެ ކަމަށް އިލެކްޝަނުން ބުނެ އެވެ.
އިންތިހާބު އޮބްޒާވްކުރުމަށާއި މޮނިޓަކުރުމަށް ހުށަހަޅާ ފަރާތްތަކަކީ އުމުރުން 18 އަހަރުވެފައިވާ އަދި ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒުކުރަމުން ނުދާ މީހަކަށް ވާން ވާނެ ކަމަށް އިއުލާނުގައިވެ އެވެ.
އިންތިހާބު މޮނިޓަކުރުމަށް ޝައުގުވެރިވާ ނޫސް މަޖައްލާތަކާއި ނޫސް އެޖެންސީތަކުން ފޯމާއި އިގްރާރު ފުރިހަމަކުރުމަށް ފަހު ހުށަހަޅަންޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށެވެ. އެ އެޕްލިކޭޝަން ފޯމުތަކާއެކު އެ މީޑިއާއަކުން ހުށަހަޅާ ފޯމުގެ އަދަދު ބަޔާންކޮށް ސިޓީއެއް ވެސް ފޮނުވަންޖެހެ އެވެ.
ކޮންމެ މީޑިއާ އޮގަނައިޒޭޝަނަކަށް ފާސް ދޫކުރާނީ އިންތިހާބުގައި ބަހައްޓާ ވޯޓު ފޮށީގެ ޖުމުލަ އަދަދަށްވުރެ އިތުރު ނުވާ ވަރަށެވެ.
ފުރަތަމަ ބުރުގައި ބޭނުންކުރި އޮބްޒާވަރ، މަންދޫބު، އަދި މޮނިޓަރ ފާސް 2 ވަނަ ބުރުގައިވެސް ބޭނުންކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އަދި ދެ ވަނަ ބުރަށް އޮބްޒާވަރުން، މަންދޫބުން އަދި މޮނިޓަރުން ބަދަލުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ކުރިންވެސް އެޕްލިކޭޝަން ހުށަހެޅުއްވިގޮތަށް އެފަރާތްތަކަށް އެޕްލިކޭޝަން ހުށަހަޅަންޖެހެ އެވެ. ނަމަވެސް ކުރިން ދޫކޮށްފައިވާ ފާސް ކެންސަލްކުރައްވަން ބޭނުންފުޅުވާނަމަ
އެކަން ބަޔާންކޮށް އިލެކްޝންސް ކޮމިޝަނަށް ސިޓީއަކާއެކު ކެންސަލްކުރައްވާ ފާސްވެސް ފޮނުވަން ޖެހެއެވެ.
އިލެކްޝްންގެ އިއުލާނުގަިއ ބުނެފައިވަނީ ދެވަނަ ބުރަށް ހޮވިފައިވާ ދެކެންޑިޑޭޓުންގެ މަންދޫބުން ފިޔަވައި، އަނެއް ދެ ކެންޑިޑޭޓުންގެ މަންދޫބުންގެ މަންދޫބު ފާސް މިހާރު ކެންސަލްކުރެވިފައިވާ ކަމަށެވެ.
އިންތިހާބު އޮބްޒާވްކުރުމަށް ހުށަހަޅާ ފޯމްތައް އިލެކްޝަން ކޮމިޝަންގެ އިތުރުން ރަށްރަށުގައި ތިބޭ އިލެކްޝަންގެ ފޯކަލް ޕޮއިންޓުން ވެސް ބަލައިގަންނާނެ އެވެ.