ބ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން އޭދަފުށީގައި މިހާރުކުރިއަށްދާ ބ. އެޓޯލް ފުޓްބޯޅަ ޗެލެންޖުގެ ފައިނަލް މެޗު ވީޓީވީން ވަގުތުން ދައްކާގޮތަށް ހަމަޖައްސައިފި އެވެ.
މި މުބާރާތް އިންތިޒާމްކުރުމުގައި ހަރަކާތްތެރިވާ ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ޖަމީލް (ޖަމްބޭ) ބުނީ މުބާރާތުގެ ފައިނަލު މެޗު ލައިވް ކުރަން ނިންމީ އެ މެޗު އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ރަށުގައި ތިބެގެން ބެލޭނެގޮތް ފަހިކޮށްދިނުމަށްކަމަށެވެ. އަދި މުބާރާތް ރާއްޖޭގެ ކަންކޮޅުތަކަށް އިސްތިހާރުކުރުންވެސް މީގެ މަގްސަދުގެ ތެރޭގައި ހިމެނޭކަމަށް ޖަންބޭ ބުންޏެވެ.
ޗެންޕިއަންޓީމަށް 25،000ރ ދޭން ނިންމާފައިވާ މި މުބާރާތުގެ ފައިނަލަށް މިހާރު ހޮވިފައިވަނީ ގޮއިދޫ ޔޫތު ސޮސައިޓީ އެވެ. އެ ޓީމާއެކު ފައިނަލްގައި ކުޅެނީ މިއަދު އޭދަފުށީ ސީސީ އާއި ދަރަވަންދޫ މެޗުން މޮޅުވާ ޓީމެކެވެ.
ބާއެޓޯލް ފުޓްބޯލް ޗެލެންޖްގެ ފައިނަލްމެޗު ލައިވްކުރުމަށް ހަމަޖެއްސިއިރު އޭދަފުށީގައި ބާއްވާ މިފަދަ މުބާރާތެއްގެ މެޗެއް ލައިވްކުރާ މިއީ ފުރަތަމަ ފަހަރަށްވާނެއެވެ.