ބީއެމްއެލުން ހުޅުމާލޭގައި ބިޒްނަސް ސެންޓަރެއް ހުޅުވައިފި

ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ވިޔަފާރިއަށް ޚާއްސަ ބިޒްނަސް ސެންޓަރެއް ހުޅުމާލޭ ރެނާޓަސް އިތާމުއި ބިލްޑިންގ ގައި ރޭ ހުޅުވައިފިއެވެ.

މި ބިޒްނަސް ސެންޓަރު ހުޅުވައިދެއްވީ މިކަމަށް ހާއްސަ ކުރެވިގެން ރޭ ބޭއްވުނު ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރެވެ. މިއީ މިގޮތުން މާލޭ ސަރަހައްދުގައި ހުޅުވުނު ދެވަނަ ބިޒްނަސް ސެންޓަރެވެ.

ބީއެމްއެލް އިން ބުނިގޮތުގައި މި ބިޒްނަސް ސެންޓަރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ކުރެވިގެން ރިލޭޝަންޝިޕް މެނޭޖަރުން ތިބޭއިރު ވިޔަފާރި އާ ގުޅޭ ލަފާޔާއި އިރުޝާދު ދިނުމާއި ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކުން ދޫކުރާ ލޯނާ ގުޅޭ މައުލޫމާތު ދިނުމާއި، މި ހިދުމަތްތަކަށް އެދި ހުށަހެޅުމުގެ އިތުރުން ޕީއޯއެސް އަދި ޕޭމަންޓް ގޭޓްވޭ ފަދަ މަރޗަންޓް ހިދުމަތްތަކަށް އެހީތެރިކަން މުވައްޒަފުންގެ ފަރާތުން ލިބިގެންދާނެއެވެ. މީގެއިތުރުން ޕަރސަނަލް ބޭންކިންގ ކަސްޓަމަރުންނަށް މި ބިޒްނަސް ސެންޓަރު މެދުވެރިކޮށް ޕަރސަނަލް ލޯނާއި ހައުސިންގ ލޯނަށް އެދި ހުށަހެޅޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންނެވެ.

ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޓިމް ސޯޔާ ވިދާޅުވީ އެ ސެންޓަރު ވެގެންދާނީ ވިޔަފާރީގެ ހުރިހާ ބޭނުންތަކަކަށް އެކަށީގެންވާ ސެންޓަރަކަށް ކަމަށެވެ. އަދި އެ ސެންޓަރަކީ ހުޅުމާލޭގެ އާބާދީ އިތުރުވެ ވިޔަފާރި އާއި ސިނާއީ މަސައްކަތްތައް ކުރިއަރައިގެންދާ ދަނޑިވަޅެއްގައި އެ ތަރައްގީއާ އެއްހަމައެއްގައި ފަރުދީ އަދި ވިޔަފާރިތަކަށް ބޭނުންވާ ހާއްސަ ބޭންކިން ހިދުމަތްތައް ހޯދައި ދިނުމަށް ގާއިމްކުރި ސެންޓަރެއް ކަމަށެވެ.

މި ހިދުމަތާއެކު، ހުޅުމާލޭގައި ބީއެމްއެލްގެ ބްރާންޗަކާއި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ އަދި ޔޫއެސް ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރ މެދުވެރިކޮށް ކަސްޓަމަރުންނަށް ހިދުމަތް ލިބިގެން ދާނެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 50 ސެލްފް ސާރވިސް ބޭންކިންގ ސެންޓަރ، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.