35 މީހެއްގެ އަދަބު ލުއި ކޮއްދެއްވައިފި

މާފުށި ޖަލު. ފޮޓޯ: ނަސްރުﷲ ސާލިހު/ހަވީރު ނިއުސް
މާފުށި ޖަލު. ފޮޓޯ: ނަސްރުﷲ ސާލިހު/ހަވީރު ނިއުސް

 

ތަފާތު އެކިއެކި ކުށްކުށުގެ އަދަބުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ 35 މީހެއްގެ އަދަބު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން ލުއި ކޮއްދެއްވައިފި އެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މީހުންގެ އަދަބު ރައީސުލްޖުމްހޫރިއްޔާ ލުއި ކޮއްދެއްވީ މަޢާފު ދިނުމާއި އަދަބު ލުއި ކޮއްދިނުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން ކަމަށެވެ.

މިފަހަރު މަޢާފު ދިން މީހުންގެ ތެރޭގައި ހިމެނެނީ ޖަލުގައި ބަންދު ކޮއްފައި ތިބި މީހުންނާއި އަރުވާލާފައި ތިބި މީހުންނާއި ގޭގައި ބަންދު ކޮއްފައި ތިބި މީހުންނެވެ. އަދި ހުކުމް ލުއި ކޮއްދިނުމުގައި މީހާގެ ޢުމުރަށާއި ބައްޔަށް ފަރުވާ ހޯދަމުންދާ ސިއްހީ ފަރުވާއަކަށް ބަލާފައިވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި މީގެ އިތުރުން ވަގުތާއި ހާލަތަށް ނުވަތަ އިންސާނިއްޔަތުކަމުގެ ނަޒަރަށާއި އެމީހގެއްގެ އުޅުމާއި އަޚްލާގަށްވެސް ބަލާފައިވާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

މިފަހަރު މަޢާފުދީ އަދަބު ލުއި ކޮއްދީފައިވާ މީހުންގެ ތެރޭގައި މީހަކު މެރުމުގެ ކުށެއް ކޮއްފައިވާ ނުވަތަ އިސްލާމީ ޝަރީޢަތުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ކޮއްފައިވާ މީހުންނާއި ޓެރަރިޒަމްގެ ޢަމަލެއް ކޮއްފައިވާ މީހުން ނުހިމެނެ އެވެ. އަދި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމާއި ގަދަކަމުން ބަދު އަޚުލާގީ ޢަމަލު ހިންގުމާއި އެއްޖިންސުން ގުޅުން ހިންގުމުގެ ކުށެއް ކޮއްފައިވާ ފަރާތެއްވެސް ނުހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެމީހުންގެ އަދަބު ލުއި ކޮއްދީފައިވަނީ ޝަރުތުތަކާއެކު ނަމަވެސް އެ ޝަރުތުތަކެއް ކަމެއް އަދި އަދަބު ލުއި ކޮއްދީ މަޢާފު ދެއްވީ ކޮން ބަޔަކަށް ކަމެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.